ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 20:01
ބްރައިޓަން އަދި ޓޮޓްނަމް ކުޅުނު މެޗުގެ ތެރެއިން
ބްރައިޓަން އަދި ޓޮޓްނަމް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއަރ ލީގް : ބްރައިޓަން އަތުން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް ޓޮޓްނަމުން ކުރި މަސައްކަތް ފެނަށް
 
މި މެޗު ނިމުނީ 3-0 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ބަލިވެ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޓޮޓްނަމުން ކުރަމުން އައި މަސައްކަތަށް ހުރަސް އެޅިއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ޓޮޓްނަމް ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ބްރައިޓަނުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް ޓޮޓްނަމްގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން މެޗުގެ 3 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ބްރައިޓަނުން ލީޑް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނީލް މައުޕޭއެވެ.

މި ލަނޑާއެކު ޓޮޓްނަމުން އެ ޓީމުގެ ކުޅުން ރަނަގަޅުކޮށް ގިނަ ޙަމަލާތަކެއް ގޯލަށް ފޮނުވައިލިއިރު ބްރައިޓަނުން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބްރައިޓަނުން ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާރެން ކޮނެލީއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ޓޮޓްނަމްގެ މައްޗަށް ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓްނަމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެހުރިހައި ފުރުޞަތެއްވަނީ ބޭކާރުވެފައެވެ. އެގޮތުން އެރިކްސަން އޭރިއާ ބޭރުން ފޮނުވާލި ޙަމަލާ ބްރައިޓަންގެ ކީޕަރު ދިފާޢު ކުރި އިރު، ހެރީ ކޭން އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ގޯލާ ޢަމާޒުވެފައެއް ނުވެއެވެ.

މެޗުގައި ބްރައިޓަނުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯވް އެލިބަންއެވެ.

މި ނަތީޖާއާއެކު ބްރައިޓަނަށް ލިބުނު 9 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައިގައި އޮތް އިރު މެޗުން ބަލިވި ޓޮޓްނަމް އޮތީ 11 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 22 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް