ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 18:28
މާފުށި ޖަލު
މާފުށި ޖަލު
ރާއްޖެ އެމްވީ
ރިޕޯޓް
ޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!
 
ނިދާނޭ ގޮދަޑިއެއް ދިނުމަކީ އަދިވެސް ޖަލުގައި އޮންނަ ސަގާފަތެއް ނޫން
 
ޖަލުން ބޭރާ މުޢާމަލާތުކުރާނޭ ރަސްމީ ގޮތްތަކެއް އަދިވެސް ހަމަޖެހިފައެއް ނެތް
 
މި ސަރުކާރަށް އަހަރެއް ފުރެންދާއިރު ޖަލުގެ ޙާލަތު ހުރީ އިހަށްވެސް އެކަން ހުރި ގޮތަށް

މި ސަރުކާރުގެ މަތީފަޑި އުފެދުނީ ޖަލުގެ ތޭރިތަކުގެ އެތެރެއިންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ ހަމައިން ފެށިގެން ގޮސް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ހުރިހައި ސިޔާސީ ބޭފުޅުންމެ ޖަލުގެ ގޮޅި ތަޖުރިބާ ކުރެއްވިއެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޖަލުގެ ގޮޅީގައި ހޭދަކުރެއްވީ 9 ދުވަހެވެ. ހާލަތު ދެނެގަންނަން އެއީ ކުރު މުއްދަތެއް ނޫނެވެ. ހޯމް މިނިސްޓަރު ވަނީ 3 އަހަރެއްހައި ދުވަސް ޖަލުގައި ހޭދަކުރައްވާފައެވެ. ޔޫތު މިނިސްޓަރު އެޖަލުގައި ހުކުމެއް ތަންފީޛުކޮށް ނިންމެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންވެސް އެ ގޮޅި ތަޖުރިބާ ކުރެއްވިއެވެ.

އަޅުގަނޑުގެ މުވައްކިލުންގެ ތެރެއިން، ވަކީލު ބައްދަލުވުމުގައި ޖަލުގެ ޙާލަތާމެދު އެންމެ ގިނައިން ޝަކުވާ ކުރެއްވީ ސިޔާސީ ހައްޔަރީންނެވެ. އެ ބޭފުޅުންގެ ބަހަށް ބަރޯސާވެ އަޅުގަނޑުވެސް އެ ޖަލާމެދު ނުދައްކާކަށް ވާހަކައެއް ނެތެވެ. ދިވެހިރާއްޖޭގެ މީޑިއާތަކުގެ އިތުރުން ބައިނަލްޢަޤުވާމީ ފަރާތްތަކަށްވެސް އެ ބޭފުޅުން ޖަލާމެދު ދެއްކެވި ވާހަކަތައް އަކުރުން އަކުރަށް ފޯރުކޮށްދިނީމެވެ. އެތައް ދުވަހެއްގެ އިންތިޒާރާ މަސައްކަތަށްފަހު، ޖަލުތަކުގެ ހާލަތުގެ ވާހަކަ ދެއްކުން އަޅުގަނޑު މަޑުޖައްސާލީ އެކަން ރަނގަޅުކުރައްވާނޭކަމަށް ވަޢުދުވި ބޭފުޅުން ސިޔާސީގޮތުން ބާރުވެރިކުރުވުމުގައި އަޅުގަނޑުގެ ހިއްސާ އަދާކުރުމަށްފަހުގައެވެ. ހާލަތު ރަނގަޅުކުރުމަށް އިސްކުރެވުނީ ހާލަތު ތަޖުރިބާ ކުރެއްވި ބޭފުޅުންކަމުގައިވާތީ ކުރިއަށް ހުރި ކަންކަން ރަނގަޅުވާނޭކަމަށް ދެކިގެންނެވެ.

މިހާރު ޖަލު ތަކުގެ ކަންކަން ބެލެހެއްޓުމަށް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މީގެ އަހަރެއްކުރިން ތިއްބެވީ، ވާނޭ ގޮތެއް ނޭނގި، މިނިވަންވާނޭ ދުވަހެއްވެސް ނޭނގި، ނިކަމެތިކަމާއެކު، ވަރަށް ނިކަމެތިކަމާއެކު އެޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ވަކީލު ބައްދަލުވުމަށް އަޅުގަނޑުމެން ކުރި ކޮންމެ ޒިޔާރަތަކީ އެބޭފުޅުންނަށް އީދެކެވެ. ކޯޓަށް ހާޟިރުކުރެވޭ ވަގުތު ނޫސްވެރިންގެ ކެމެރާއިން ގައިދުކުރާ ފޮޓޯއިން ފެންނަ ހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަމާ ޝަކުވާތައް އަޅުގަނޑުމެން އަޑުއަހައި ތަޖުރިބާކުރީމެވެ. އެ ބޭފުޅުން ތަހައްމަލުކުރައްވަމުން ގެންދެވި އުނދަގޫ ޙާލަތާމެދު ޢާއިލާތަކުން ކުރި ހިތާމަވެސް އަޅުގަނޑުމެންނަށް ފެނުނެވެ. ޖަލުގެ ޙާލަތު ބަދަލުވުމަށް ސިޔާސީ ގައިދީންނާއި، އެ ބޭފުޅުންގެ ޢާއިލާތަކާއި، މުޅި ޤައުމު އެދި ގޮވިތަން އަޅުގަނޑު ދުށީމެވެ. އެއީވެސް ދުވަހެކެވެ. އޭގެ އަހަރެއް ފަހުން ބަދަލުވީ ޖަލު ގޮޅީގައި ތިބި މީހުންނެވެ. ޙާލަތަށް ގެނެވުނު މާބޮޑު ބަދަލެއް އަދިވެސް ނެތެވެ.

މި ސަރުކާރަށް އަހަރެއް ފުރެންދާއިރު ޖަލުގެ ޙާލަތު ހުރީ އިހަށްވެސް އެކަން ހުރި ގޮތަށެވެ. ކުދިކުދި ބައެއް ބަދަލުތައް ނާދެއެކޭ ނުދަންނަވަމެވެ. އެހެންނަމަވެސް، ގިނަ ކަންތައްތަކަށް ޙައްލެއް ހޯއްދަވާފައެއް ނެތެވެ. ނުވަތަ އެކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން އެކަންކަމާ މެދު ދެކޭ ގޮތް ބަދަލުވެއްޖެއެވެ. އިހުމާލުކޮށް ދޫކޮށްލާފައިހުރީ ކުދިކުދި، އުހުދު ފަރުބަދަ ވަރުގެ ކަންކަމެވެ. ނިދާނޭ ގޮދަޑިއެއް ދިނުމަކީ އަދިވެސް ޖަލުގައި އޮންނަ ސަގާފަތެއް ނޫނެވެ. އެކަން ހަމަޖެހޭނަމަ ހަމަޖެހެނީ ޑޮކްޓަރުގެ އިރުޝާދަށެވެ. ޖަލުން ބޭރާ މުޢާމަލާތުކުރާނޭ ރަސްމީ ގޮތްތަކެއް އަދިވެސް ހަމަޖެހިފައެއް ނެތެވެ. އެކިއެކި އިދާރާތަކަށް ޝަކުވާ ހުށަހެޅޭނޭ ގޮތްތައް ފަހިވެފައެއް ނުހުރެއެވެ. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ޤައިދީއަކަށް މިއީ މުސްތަހީލުކަމެކެވެ. ބަންދުކުރެވުމާއެކު ވަގުތުން ވަކީލުގެ އެހީތެރިކަން ލިބޭނޭ އިންތިޒާމު ހަމަޖެހިފައިނުހުރެއެވެ. އެކަން ކުރެވެނީ ފުލުހުންގެ ފައިލްތަކަށް އެމީހާގެ މަޢުލޫމާތު ރެކޯޑުކުރެވުނު އިރަކުންނެވެ. މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރާ ވަގުތުގެ ކުރިން އެކަން ކުރުމުން ފުދެއެވެ. ބަންދުކުރެެވެނީ ބުރާސްފަތި ދުވަހެއްގެ ރަސްމީ ގަޑި ނިމޭ ފަހުންނަމަ ހޮނިހިރުގެ ކުރިން ބައްދަލުވުން ލިބޭނީ ވަރަށް ބޮޑަށް ދަންނަވައިގެންނެވެ. ވަކީލު ބައްދަލުވުން ދޭނޭ ގޮތުގެ އުސޫލަކީ ޤާނޫނެއްގެ ދަށުން އެކުލަވާލާފައިވާ އުސޫލެއް ނޫނެވެ. މީގެ އިތުރުންވެސް އިރުގެ އަލިކަން ނުލިބޭ ގޮޅިތަކުގައި އަދިވެސް މީހުން ބަންދުކުރުމާއި ގޮޅިތަކުގެ ސާފުތާހިރުކަން ކުޑަކަމުގެ ވާހަކައަކީ ނުދައްކައި ދޫކޮށްލެވޭނޭ ވާހަކައެއް ނޫނެވެ.

މި ހުރިހައި ކަމަކީ، ސިޔާސީ ބާރުވެރިކަމަށްވުރެ ބޮޑު ޢުއްމީދަކާއެކު މަސައްކަތްކުރި ބަޔަކަށް ހިތްދަތިކަމެކެވެ. ކޮންމެ އިހުމާލަކީ އަނިޔާއެއްކަމަށް ޤަބޫލުކުރުމަކުން އެކަނި ނުފުދެއެވެ. ޙައްޤުތަކަށް ވަކާލާތުކުރުމާއި ޙައްޤުތައް ނެގެހެއްޓުމަކީ ހަމައެކަނި ދުލުކުރިން ވިދާޅުވާ ވާހަކައަކަށް ނުހައްދަވައި އެކަންކަން ޢަމަލުން ދައްކަވައި ބަޖެޓުގައިވެސް ހިމަނުއްވާނޭކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިތާ އަހަރަކަށްވުރެ ގިނަދުވަސް ވެގެން ދިޔައީއެވެ. މަންޑޭލާ ރޫލްސްގެ މިންގަނޑުތައް ތަންފީޛުކުރަން އަމާޒުހިފިތާވެސް އެތައް މަހެކެވެ. ބަދަލެއް އައި ކަމުގެ ހިތްހަމަޖެހުން ނުލިބޭތާ ބަދަލެއް ގެނެވޭނޭކަމުގެ ޢުއްމީދުވެސް އޮޔާދަނީއެވެ.

ޖަލުގެ ހާލަތު ބަދަލުކުރުމަށް ވީ ވަޢުދާ އެއްގޮތަށް ޢަމަލުކުރަން ފަށަންވީ ވަގުތަކީ މިއެވެ. ކަރުދާހުން ދެއްކި އިސްލާހުތައް ޢަމަލުން ތަންފީޛުކުރަން ރައްޔިތުން ދެއްވި ފުރުސަތުގެ ރަނގަޅު ބޭނުން ހިފަންވީ ވަގުތަކީވެސް މިއެވެ. އެހެނީ އިސްލާހީ އެއްވެސް މަސައްކަތަކީ މާދަމާއަށް ފަސްކުރެވެން އޮންނާނޭ ކަމެއް ނޫނެވެ. ޖަލުގެ ހާލަތު ބަދަލުކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއެހުމުގައި ރައްޔިތުންގެ މާބޮޑު ޝަޢުޤުވެރިކަމެއް ހުރެދާނޭކަމަކަށް ނުފެނެއެވެ. އަޑުއަހަން ބޭނުމީ އެ ދަތިތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކުގެ ވާހަކައެވެ. އަދި ދެކެން ބޭނުންވަނީ އެ ދަތިތަކުން އަރައިގަނެވި، ޙާލަތު ބަދަލުވެގެންދާ މަންޒަރެވެ.

0%
0%
0%
60%
0%
40%
ކޮމެންޓް
4 އޮކްޓޯބަރ 2019 | ހުކުރު 10:36
ޕިންކޭ
އެމްޑީއެން ރިޕޯޓެކޭ މިލިޔުމެކޭ ތަފާތެއްނެތް. އެއްކޮޅާށް ގޮސް ހުސްވެފަ
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:05
ަބަދަލު
1- ޖަލުތަކުގެހާލަތުބަދަލެއްނާދ 2-އަދުލުއިންސާފު ބަދަލެއްނާދޭ 3- ބޯހިޔާވަހިކަމެއްނެތް ރެފިއުޖީސިސްޓަމައް ބަދަލެއްނާދޭ 4- ރަައްޔިތުންނައް އަނިޔާކުރި ފުލހުން ބަދަލެއްނުވޭ 5- ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިމެންބަރުންނަގާ ފާރުމަތިންއުކާލި ސިފައިން ބަދަލެއްނުވޭ؟؟؟ އެކަމަކު ސަރުކާކުރުގެ ސިޔާސީމަގާމުތައް ގިނަވެ ސަރުކާރުގެ ސައިޒުބޮޑުވެއްޖެ، ކޮންމެ އިންތިޚާބަކާ ދިމާކޮއްވަމުންދާ ނުފުއްދާވައުދުތައްގިނަވެ ފުނިޖެހިއްޖެ
3 އޮކްޓޯބަރ 2019 | ބުރާސްފަތި 19:11
ނުފޫޒު ބިންތު މަހަފޫޒު
މިއާޓިކަލްގެ އެށިޓަރަށް ވަރަށް ސަލާމް. ނޫސް ވެރިކަމަކީ ބުންޏޭ ބުންޏޭ ކަމަށް ވާނަމަ އަގުވެއްޓޭނީ ލިޔާ ނޫހުގެ އެކަނި. ކަންކަމުގެ ހަގީގަތްވެސް ބަލާލަބަލަ
3 އޮކްޓޯބަރ 2019 | ބުރާސްފަތި 18:38
އިބްރާހިމް
އަމިއްލަ އެދުމުން ފުރިގެންވާ މީހުން މިނިސްޓަރ ކަމަށްލީމަ ރަނގަޅު ވާނެކަމެއް ނޯންނާނެ.