ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 18:14
ރާއްޖެ އަދި ތަޖިކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ތަޖިކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އޭއެފްސީ ކޮލިފައިން
އޭއެފްސީ ކޮލިފައިން: 19 އަހަރުން ދަށުގެ ޓީމު ކޮޅަށް ތަޖިކިސްތާނުން ނުވަ ލަނޑު ޖަހައިފި
 
ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 0-9 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ތަޖިކިސްތާނުން ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ.

ބުދަ ދުވަހު ކުޅުނު މެޗުން ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 0-9 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ތަޖިކިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހްމަޓޮވްއެވެ. ދެވަނަ ލަނޑު ނުވަ ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު، މި ލަނޑު ޖެހީ ސަފަރޮވްއެވެ.

ތަޖިކިސްތާނުގެ ތިންވަނަ ލަނޑު 13 ވަނަ މިނެޓުގައި ސަމިޔެވް ކާމިޔާބުކުރިއިރު، 21 ވަނަ މިނެޓުގައި އޭނާ ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި 36 ވަނަ މިނެޓުގައި ޒައިރޮވް ތަޖިކިސްތާނުގެ ފަސްވަނަ ލަނޑު ޖަހާފައިވާއިރު، ހާފް ނިމުމުގެ ކުރިން އޭނާ ވަނީ އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ސަމިޔެވް ވަނީ ތަޖިކިސްތާނުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ. ތަޖިކިސްތާނުގެ 8 ވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު، މި ލަނޑަކީ ރާއްޖޭގެ ދައިސަމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މުޅި މެޗުގައިވެސް ރާއްޖޭގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނުނުއިރު، ދެވަނަ ހާފްގައި ވަރަށް ބޮޑަށް ވަނީ ޑިފެންސްކޮށްފައެވެ. ތަޖިކިސްތާނުގެ ނުވަ ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަހްމަޓޮވްއެވެ.

މި ގްރޫޕްގައި ހިމެނޭ ސީރިއާ އަދި ލެބްނާން ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ތަޖިކިސްތާން އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ސީރިއާ އޮތްއިރު، ތިންވަނައިގައި އޮތީ ލެބްނާންއެވެ. އަދި ފުލުގައި އޮތީ ރާއްޖެއެވެ.

ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭއިރު، ގްރޫޕްގެ ދެވަނަ ހޯދާ އެންމެ ރަނގަޅު ހަތަރު ޓީމަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

ކޮލިފައިންގެ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރަންޖެހޭނީ ހުކުރު ދުވަހު ސީރިއާއާއެވެ. އަދި ފަހު މެޗުގައި އާދީއްތަ ދުވަހު ނިކުންނާނީ ލެބްނާންއާ ދެކޮޅަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް