ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 22:18
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އެކްސްޕޯޓަށް މަހެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް
 
އަހަރުގެ މިހާތަނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިފައިވޭ
 
މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު، އިމްޕޯޓްއާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް ދިޔައީ ދަށަށް
 
އިމްޕޯޓް ދަށްވުމުގެ ސަބަބުން ކަސްޓަމްސްގެ އާމްދަނީ ވަނީ ދަށަށް ގޮސްފައި

ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގަށް ވުރެ، އޮގަސްޓް މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގަށް، 55 އިންސައްތައިގެ ކުރިއެރުމެއް ލިިބިއްޖެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން 165 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯތް ކޮށްފައިވާއިރު، އޮގަސްޓް މަހުގެ ތެރޭގައި ވަނީ 255 މިލިއަން ރުފިޔާގެ މުދޭ އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް، މިއީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު، 1.2 އިންސައްތަ ދަށް އަދަދެކެވެ. 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 258 މިލިއަން ރުފިޔާއެވެ.

އެކްސްޕޯޓް ކުރި މުދަލުގެ އަގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ ޖުލައި މަހާ ބަލާ ދަށަށް ގޮސްފައެވެ. އަދި މިކަމުގެ ސަބަބުން އޮގަސްޓް މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، އޮގަސްޓް މަހު އިމްޕޯޓް ކޮށްފައިވަނީ ވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ ޖުލައި މަހާ އަޅާ ބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު، އިމްޕޯޓް ކުރި މުދަލުގެ އަގު ވަނީ 22 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ޖުމްލަ 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

ޖުލައި މަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު އޮގަސްޓް މަހުގެ އާމްދަނީ ވަނީ، 8.7 އިންސައްތަ ދަށަށް ގޮސްފައެވެ. ޖުލައި މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 287 މިލިއަން ލިބިފައިވާއިރު، އޮގަސްޓް މަހު ކަސްޓަމްސްއަށް ލިބިފައިވަނީ 262 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި މިދިޔަ އަހަރުގެ އޮގްސްޓް މަހާ އަޅާ ބަލާއިރު، މި އަދަދު ވަނީ 13 އިންސައްތަ ދަށަށް ޖެހިލާފައެވެ. 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 301 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރު، ޗައިނާ އަދި ޔޫއޭއީއިންނެވެ. އެގޮތުން ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީ އަދި ޗައިނާއިން 460 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ އަދި މެލޭޝިއާއިންނެވެ.

ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯތް ކޮށްފައިވާ މުދަލާއި ގައުމުތައް ދައްކުވައިދޭ ޗާޓެއް

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސްވިލާތް، ޖަރުމަންވިލާތް އަދި ތައިލޭންޑެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ އެމެރިކާއަށެވެ. އެގައުމަށް ޖުމްލަ 58.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް، އެކްސްޕޯޓް އަދި އިމްޕޯޓް ކުރި މުދަލުން، އާމްދަނީގެ ގޮތުގައި ޖުމްލަ 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 2.1 ބިލިއަން ރުފިޔާއެވެ.

Advertisement
0%
0%
0%
100%
0%
0%
ކޮމެންޓް