ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 09:12
ރައީސް ސޯލިހް
ރައީސް ސޯލިހް
ރައީސް އޮފީސް
ރައީސް ސޯލިހް
ރައީސް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެންފި
 
ރާއްޖެވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ ހެނދުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އ.ދ. ގެ އާންމު މަޖްލީހުގައި ތަޤްރީރުކުރެއްވުމަށް މިފަހަރު ވަޑައިގެންފައި މިވަނީ ރާއްޖޭގެ އެންމެ އިސްވެރިޔަކު އ.ދ. ގައި ތަޤްރީރު ނުކުރައްވާތާ ހަތް އަހަރު ފާއިތުވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެފައި ވަނިކޮށެވެ. އެހެންކަމުން މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އ.ދ. ގައި ތަޤްރީރުކުރެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އިތުރުން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް އައިސްފައިވާކަން ހާމަވެގެންދިޔަ ކަމެއްވެސްމެއެވެ.

ރައީސުލްޖުމްހޫރިއްޔާ އ.ދ. ގައި ދެއްވި ތަޤްރީރަކީ ރާއްޖެއިން ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކުރަމުންދާ ދިއުމަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދިޔަ ތަޤްރީރެކެވެ. މި ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވަކާލާތު ކުރަމުން އަންނަ ތިމާވެށީގެ މައްސަލަތައް، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުގެ ނާޒުކުކަން ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެންނަވައި އެކަމުގެ ނުރައްކާތެރިކަން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް މިންވަރު ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އ.ދ. ގެ ޢާންމު މަޖްލީހުގެ ހަވާސާގައި ބޭއްވުނު އެކިއެކި ރަސްމީ އިޙްތިފާލުތަކާއި ބައްދަލުވުން ތަކުގައިވެސް ރާއްޖެއިން ވަނީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ވިސްނުމާއި ތަސައްވުރު ބައިނަލްއަޤްވާމީ މުޖްތަމަޢާ ޙިއްޞާކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އަޑުއުފުލާފައެވެ. މީގެ ތެރެއިން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ބޭނުން އެހެން ޤައުމުތަކުން ވެސް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ ތިމާވެއްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއްރަށް ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަޙުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްޤީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.

ދިވެހި ސަރުކާރާ ރައްޔިތުން ތިމާވެށީގެ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ހާމަވެގެންދިޔަ އެއްކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފެނިގެންދިޔަ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ރާއްޖެއިން އިޢުލާނު ކުރެއްވުމެވެ. ހަމަ އެއާއެކު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ކަމުގައި އިޢުލާނުކުރެވިގެން ދިއުމާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ކަނޑުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާޢަތާ ދެމެދު ސޮއިކުރެވިގެން ދިއުމަކީވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ފާހަގަވެގެން ދިޔަ ކަމެކެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން ހަ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށެވެ. މީގެއިތުރުން އޭޝިޔާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަޙައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމާއި މި ބައްދަލުވުމުގެ ހަވާސާގައި ކުރިޔަދިޔަ އެހެން ބައްދަލުވުންތަކުގައި ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކާއި ސަރަހައްދީ އަދި އަދުގެ ދުނިޔޭގައި ރާއްޖެއިން ވެސް އެންމެ އިސްކަންދޭ މައްސަލަތަކާ ބެހޭގޮތުން އަޑުއުފުލާފައެވެ. އެގޮތުން އަދުގެ ދުނިޔޭގައި އެންމެ ހައްސާސް އެއްމައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާދިޔުމާ ގުޅޭގޮތުން "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޤްރީރު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ތަޤްރީރުގައި، ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އ.ދ. ގެ ޢާންމު މަޖްލީހުގައި ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައަށް އަލިއަޅުއްވާލައްވައި އެމައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންގެ ވަޒަނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާޢިދުކާއި ޚިލާފަށް އަރައިގަނެ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އ.ދ. ގެ ޢާންމު މަޖުލީހުގައި ތަޤްރީރުކުރެއްވުމަށް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ ބައިނަލްއަޤްވާމީ މުޖުތަމަޢާ އޮންނަ ގުޅުންތައް އިތުރަށް ބަދަހިވުމަށް ވެސް ވަނީ މަގުފަހިވެގެން ގޮސްފައެވެ. އެގޮތުން މި ދަތުރުޅުގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ ލީޑަރުންނާއި މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުވުންތަކެއް ބާއްވަވާފައި ވާއިރު މި ބައްދަލުވުންތަކުގައި ރާއްޖެއިން މައިނގަޑުގޮތެއްގައި ވަކާލާތު ކޮށްފައި ވަނީ ސަރަހައްދީ ޤައުމުތަކާއި އަވަށްޓެރި ޤައުމުތަކާ އަދި ބައިނަލްއަޤްވާމީ މުޅި މުޖުތަމަޢާއި ގުޅިގެން މަސައްކަތްކޮށް ޤައުމުތަކުގެ މައްސަލަތައް ޙައްލުކުރުމަށެވެ.

ދިވެހިރާއްޖެއިން އ.ދ ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް