ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ރާއްޖެ - ނައިބު ރައީސް

ވައިގެ ބަނދަރު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިދެއްވުމަށް ފ. ނިލަންދޫ ކައުންސިލުން ނައިބު ރައީސްގެ އަރިހުގައި ދަންނަވައިފި

  • މި ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 30 ސެޕްޓެންބަރ 2019 | ހޯމަ 07:42 7,581

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފ. ނިލަންދޫ ކައުންސިލަރުންނާއި ބައްދަލު ކުރެއްވުން - ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފ. ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ނިލަންދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

ނިލަންދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ. މީގެއިތުރުން މިސްކިތްތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ މާލީ ދަތިކަން އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި އެ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. ނިލަންދުއަކީ އެކި ޚިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ރަށެއްކަން ފާހަގަކުރައްވާ، ކައުންސިލަރުންވަނީ، އެ ރަށުގައި ވައިގެ ބަނދަރެއް އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި، މީގެ ތެރެއިންވެސް، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކުނީގެ މައްސަލަ ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ކައުންސިލްތަކުން އިތުރަށް ޒިންމާދާރުވާން ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް