ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 10:07
މުގާބޭގެ ސަންދޯއް އަސްކަރީ އިސްތިގުބާލުގައި ގެންދަނީ
މުގާބޭގެ ސަންދޯއް އަސްކަރީ އިސްތިގުބާލުގައި ގެންދަނީ
އޭޕީ
ޒިމްބާބްވޭ
ޅަދުވަސްތައް ހޭދަކުރި ގޭގައި ޒިމްބާބްވޭގެ ކުރީގެ ލީޑަރު ރޮބަޓް މުގާބޭ ފަސްދާނުވަޑުވައިފި
 
މުގާބޭއާ ގާތްކޮށް އުޅުއްވީ ގިނަ ބަޔަކު ފަސްދާނުވެޑުވި ތަނަށް ހާޒިރުވެފައެއް ނުވޭ
 
ނިޔާވީ ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯއްދެވުމަށް ވަޑައިގެން އުޅުއްވަނިކޮށް
 
މުގާބޭ ނިޔާވީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު

މި މަހުގެ ކުރީކޮޅު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯއްދެވުމަށް ވަޑައިގެން އުޅުއްވަނިކޮށް ނިޔާވި، ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ފަސްދާނުވަޑުވައިފިއެވެ.

މުގާބޭ ފަސްދާނުވަޑުވައިވަނީ އޭނާގެ ޅަދުވަސްތައް ހޭދަކުރެއްވި ގޭގައެވެ. މުގާބޭ ވަޅުލާފައިވަނީ، އޭނާ ފަސްދާނުވަޑުވާނެ ތަނަކާއި މެދު މުގާބޭގެ އާއިލާއާއި ޒިމްބާބްވޭގެ ސަރުކާރާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުން ތަކަކަށް ފަހުގައެވެ.

މުގާބޭގެ ސަންދޯއް ގެންދެވުނީ އަސްކަރީ އިސްތިގުބާލެއްގައެވެ. މުގާބޭ ފަސްދާނުވެޑުވި ތަނަށް ގާތްގަނޑަކަށް 200 މީހުން ގޮސްފައިވާ އިރު، އޭގެ ތެރޭގައި އޭނާގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައިވެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ގާތް ބޭފުޅުންގެ ގޮތުގައި މަސައްކަތް ކުރި ޒާނޫ ޕާޓީގެ ގިނަ ބަޔަކު އެތަނަށް ނުދާކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ޒިމްބާބްވޭގެ ވެރިކަމުގައި 37 އަހަރު ހޭދަކުރި މުގާބޭ ވަޅުލާން ފުރަތަމަ މަސައްކަތްކުރީ، ވެރިރަށް ހަރާރޭގައި ހުންނަ ނެޝަނަލް ހީރޯސް އޭކަރ ޝްރައިންގައެވެ. އެއީ އެގައުމު މިނިވަންކުރަން ކުރި ހަނގުރާމައިގެ ބަތަލުން ވަޅުލާފައިވާ ސަހަރާއެކެވެ.

މުގާބޭ ވަޅުލާން ހާއްސާ ތަނެއް ހެދުމަށް އޭނާގެ އާއިލާއާ އެކު އެގައުމުގެ ސަރުކާރުން އެއްބަސްވުމަކަށް އާދެވުނު ކަމުގައިވީ ނަމަވެސް، ފަހުން އާއިލާއިން ވަނީ ހިޔާލު ބަދަލުކޮށްފައެވެ. ވެރިކަން ކުރާ ޒާނޫ ޕާޓީގެ ތަރުޖަމާނަކު ބުނީ، އާއިލާއިން ނިންމާ ނިންމުންތަކަށް އިހުތިރާމުކުރާ ކަމަަށެވެ.

2017ވަނަ އަހަރު، މުގާބޭ ވެރިކަމުން ދުރުކުރީ އެގައުމުގެ އަސްކަރިއްޔާއިންނެވެ. އޭނާއަށް ފަހު އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ޑެޕިއުޓީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެމަރސަން ނަންގާވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
9%
9%
73%
0%
0%
9%
ކޮމެންޓް