ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 11:49
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ނަން ވާނީ ބަންގްލަދޭޝް މީހުން އެކަނި؟ ކަމުގައި އެންމެން!
 
ގަވައިދާ ހިލާފަށް ހަރަކާތްތެރިވަނީ ހުރިހާ ކަމެއް ދެނެހުރެ، ރާއްޖޭގައި ހުރި ދޯދިޔާކަމުން
 
މިއީ ގާނޫނޫތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާ
 
އެކި ގައުމުތަކުގެ މީހުން ތަފާތު ދާއިރާތަކުގައި ގަވައިދާ ޙިލާފަށް ހަރަކާތްތެރިވޭ

ފަހަރުގައި ދުލަށް ފަސޭހާއީ ކަމުގައިވެސް ވެދާނެއެވެ. ބުނެލަން އަދި އިނގިލި ދިއްކޮށް ދައްކާލަން ފަސޭހައީ ކަން ނޭނގެއެވެ. އެހެނީ ނުގަވައިދުން އުޅޭ ބިދޭސީންގެ ވާހަކަ ދައްކާއިރު، ބަންގްލަދޭޝް ނޫން ގައުމެއްގެ ބަޔަކު މިގައުމުގައި ނުގަވައިދުން އުޅޭ ކަމަކަށް ނުވެއެވެ. ހުރިހާ ކަމެއްގައިވެސް އެވެރިންނެވެ. ވިޔަފާރި ކުރާ ކަމަށްވެސް ވަނީ ހަމައެކަނި އެވެރިންނެވެ. ދިވެހިންގެ ފައިސާ މިގައުމުން ބޭރުކުރާ ކަމަށްވެސް ވަނީ ހަމައެކަނި އެވެރިންނެވެ. ވިސާގެ އެއްބަސްވުމާ ހިލާފުވެ މިގައުމުގައި މަސައްކަތް ކުރާ ކަމަށްވެސް ހަމައެކަނި އެވެރިންނެވެ.

މިކަމުގެ ފަތިފުށް ބަލާލާއިރު، މިއީ މުޅިއަކުން ހަގީގަތެއް ނޫންކަން ހާމަވެގެން ދެއެވެ. މިރާއްޖޭގައި ނުގަވައިދުން އުޅެނީ ހަމައެކަނި ބަންގްލަދޭޝް މީހުން އެކަންޏެއް ނޫނެވެ. މިގައުމުގައި އެތައް ގައުމަކަށް ނިސްބަތްވާ އެތައް ބަޔަކު ނުގަވައިދުން އުޅެއެވެ. ޓޫރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތްކޮށް، ވިސާ ހަމަވުމުން ގައުމަށް އަނބުރާ ގޮސް އަނެއްކާވެސް އެކަން ތަކުރާރުކުރާ މީހުން ހަމަ ޔަގީނުންވެސް މަދެއް ނުވާނެއެވެ.

މިސާލަކަށް ރާއްޖޭގައި މިހިންގާ މަސާޖް ޕަރލަރތަކާއި ސްޕާތައް ނަގާލަމާ ހިނގާށެވެ. ތުންތުން މަތިން މިވާހަކަ އަޑު ނީވޭ ދިވެއްސަކު މަދުވާނެކަން ހަމަ ކަށަވަރެވެ. އެހާވެސް އާންމުވެފައިވާ ވާހަކައެކެވެ. މިތަންތަނުގައި، ނޭޕާލާއި ތައިލެންޑާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ އަންހެނުން އައިސް ވާރކް ވިސާއެއް ނެތި މަސައްކަތް ކުރާކަމީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައި އެތެރެވެ، ވިސާގެ މުއްދަތުގައި މަސައްކަތް ކޮށްލާފައި އަނބުރާ ދަނީއެވެ. ޔަގީންކޮށްލަން ބޭނުމިއްޔާ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އެތަންތަން ރެއިޑް ކުރުމުން މިއީ ހަގީގަތެއްކަން އިނގޭނެއެވެ.

ދެން ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީތަކުގައި މަސައްކަތްކުރާ ދޮން މީހުންގެ ވާހަކައެވެ. މިއީ ސަފާރީ އުޅަނދުފަހަރުތަކުގައި މަސައްކަތް ކުރާ އެތައް ބަޔަކު އާންމުކޮށް ދައްކާ ވާހަކައެކެވެ. ސަފާރީއެއްގެ ފަތުރުވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެގެން، ގްރޫޕުތައް ގޮވައިގެން އައިސް ޑައިވް ގައިޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންވެސް މަދެއް ނުވާނެއެވެ. ލިޔެކިޔުމަށް ބަލާއިރު، ފަތުރުވެރިއެއްގެ ގޮތުގައި ހުއްޓަސް، އަދާ ކުރަނީ ރާއްޖޭގައި ހަމަ ވަޒީފާއެވެ. ބަަރާބަރަށް އެކުރާ ކަމަކުން މާލީ މަންފާ ލިބިގަނެއެވެ. މިކަމުގައި ޗައިނާއާއި، ޔޫރަޕާއި އަދި ދެކުނު އިރުމަތީ އޭޝިއާގެ މީހުން ހަރަކާތްތެރިވެއެވެ.

މިއީ މިކަމުގެ ހަގީގަތެވެ. ޔޯލަ ޔޯލައަށް ދައްކާ ފްލޯކް ވާހަކަތަކެއް ނޫނެވެ. މިކަން ކުރާ މީހުން މިކަންކަން ކުރަނީ ބިރެއްވެސް ނެތިއެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކުރުން ދޯދިޔާކަން އެވެރިންނަށްވެސް އެނގެއެވެ. އެހެންކަމުން، ބިރު ގަންނަން ޖެހޭ ސަބަބެއްވެސް ވަކި ނޯންނާނެތާއެވެ. ކުށެއް ކުރިޔަސް، ފުރޭންޏެއް ހެން އޮންނަ އަދުލުގެ ނިޒާމެއްގެ ތެރެއިން ހައްގު އަދުބު ނުލިބޭނެކަން އެބިދޭސީންނަށްވެސް އެނގެއެވެ. އެންމެ ފަހުންވެސް، ގަވައިދާ ހިލާފުވެ، މަނީ ލޯންޑަރކޮށް، އިންސާނުންގެ ވަގު ވިޔަފާރިކަމަށް ތުހުމަތު ކުރެވުނު ދެ މީހުންނަށް ނަގައިދިނީ ގައުމަށް ދާން ޓިކެޓެކެވެ.

ސަރުކާރުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރާއިރު، މިއެންމެންގެ މައްސަލަވެސް ހައްލުކުރަން ޖެހެއެވެ. ވަކި ނަސްލަކަށް ވީތީ، ނުވަތަ ވަކި ގައުމަކަށް ނިސްބަތްވާ ބަޔެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި މުޅި މައްސަލައިގެ ހަގީގަތަށް ނަޒަރު ހިންގާ، މިކަން ކުރާ އެންމެންގެ މައްސަލަވެސް ބަލާ ހައްލުކުރާށެވެ. އަދި ބަންގާޅުންނަށް އެހަލާތު މެދުވެރިވީ ބަޔަކު ދިން ދޯކާތަކުގެ ސަބަބުން ކަމަށް ސަރުކާރުންވެސް ބުނާއިރު، މި ބިދޭސީން އެކަން ކުރަނީ ނިޒާމުގައި ހުރި ބާގަނޑުތަކެއްގެ ބޭނުން، އެކަމުގެ މައުލޫމާތު ލިބި އެނގިގެން ތިބެއެވެ. ދެން ކޮށްލަން ޖެހޭ ސުވާލަކީ، މިވެރިންވެސް ތިހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމައް ޝަރުތު ހަމަވޭތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި ޝަރުތު ހަމައެއް ނުވެއެވެ.

ރަނގަޅު ފިޔަވަޅު އަޅާ، މިހެން ކަންކުރާ މީހުންނަށް ހައްގު އަދަބު ދޭންވީއެވެ. އަދަބު ދެވެން ނެތިއްޔާ، ގާނޫނުވެސް އެގޮތަށް ބައްޓަން ކުރަންވީއެވެ. ގަވައިދުތައްވެސް މުރާޖައާކުރަން ވީއެވެ. ހަމަ ޔަގީނުންވެސް މިހެން ކަންކުރުމުން، މިހާ ފާޅުކަން ބޮޑުކޮށް މިކަން ކުރަން ޖެހިލުންވާނެއެވެ. ދައުލަތަކަށް ލިބޭ އެންމެ ފުރިހަމަ ބާރަކީ، ގާނޫނު ތަންފީޒުކުރާ ދައުލަތެއްކަން އެންމެންވެސް ދަނެ، އެކަން ގަބޫލުކުރުމެވެ. ދިވެހިރާއްޖެއިންވެސް އަވަސް ވެގަންނަންވީ މި ފުރިހަމަކަން ދިވެހި ދައުލަތަށް ގެނައުމަށެވެ.

50%
0%
0%
17%
17%
17%
ކޮމެންޓް
2 އޮކްޓޯބަރ 2019 | ބުދަ 06:28
ޙަސަން
ޙިޔެއްނުވޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރު ކުރެވޭނެހެނެއް، ތިކަންތައް ތަކުގައި ސިޔާސީ މީހުންނާއި ފިޔަވަޅު އަޅަން ތިބި އިދާރާތަކުގެ އަތް ވާކަމަށް ތުހުމަތު ކުރެވޭ
1 އޮކްޓޯބަރ 2019 | އަންގާރަ 12:30
ޙަބީބު.
ހުރިހާބާރެއްއޮވެމެ މިކަން ކުރަންވީނު ބަންގާޅިންނައް އަންގާ ފައިބަން ވހުރިހާ ބަންގާޅިން.ރިސޯޓެއް އެހެންތަނެއް އޮވެގެންނުވާނެ އޭގެ ފަހުން ގަވައިދުގެ ތެރެއިން 50.000 މީހުނައްވުރެ ގިނަނުވާގޮތައް ކޯޓާދޭންޖެހޭނީ ގޯތިގެދޮރުގަ ވޮޗަރުކަން ކުރަން މަގުކުނިކަހަން ހަދާނިމި އޮޕަރޭޝަން ހިނގާ ރިސޯޓު ފުޜާޅުގަ ފަންލާން އާދެވިގެންނުވާނެ