ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ދ ކުޑަހުވަދޫ

ދ.ކުޑަހުވަދޫ- މާލެއަށް ތޮއްޖެހުމުގެ ބަދަލުގައި އަތޮޅުގެ ރަށްރަށް ތަރައްޤީކުރުމުގެ މިސާލެއް!

  • ކުޑަހުވަދު ސަންސެޓް ބީޗް ތަރައްޤީ ކޮށްފައިވަނީ ޖަޒީރާވަންތަކޮށް
  • ކައުންސިލުން އިސްނަގައިގެން ތަރައްޤީގެ މަޝްރޫއުތައް ހިންގާ
  • ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ލިބޭ

ކ. މާލެ | 27 ސެޕްޓެންބަރ 2019 | ހުކުރު 14:14 | 52,991

ދ ކުޑަހުވަދޫގެ މިސްކިތެއް - ރާއްޖެއެމްވީ

އަބަދުވެސް ދެކެވޭ ވާހަކައަކީ ހުރިހާ ތަރައްޤީއެއް ވެރިރަށް މާލެއަށް ހުސްވެފައިވާ ވާހަކައެވެ. އަތޮޅު ތެރޭގެ ރަށްރަށަށް ތަރައްޤީ ނާންނަ ވާހަކައެވެ. ތަރައްޤީގެ ސިފަ ނުފެންނަ ވާހަކައެވެ. އަތޮޅުތެރޭގެ ރަށްރަށް މާލެއާ އެއް ފެންވަރަށް ތަރައްޤީ ނުކުރެވޭނެ ވާހަކައެވެ. އެއީ މާ ދުރު މުސްތަޤުބަލެއްގައި ވާން އޮތް ކަމެއް ގޮތަށް މީހުންނަށް ޤަބޫލުކުރެވޭ ވާހަކައެވެ. ނަމަވެސް ދ.ކުޑަހުވަދޫއަށް ބަލާލުމުން މިއީ މުޅިން ތެދު ވާހަކައެއް ނޫންކަން ދޭހަވެގެންދެއެވެ.

ރާއްޖެޓީވީގެ 4 މެމްބަރުންގެ ޓީމެއް އޮފީސް ދަތުރެއްގައި ދ.ކުޑަހުވަދޫއަށް ދިޔައީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ލޮލުގައި އަޅައިގަތީ އެރަށުގެ ހިތްގައިމު އެއާޕޯރޓެވެ. 35 މިނެޓުގެ ދަތުރަކަށްފަހު "ދާލު އެއާޕޯރޓް" އަށް އައުމާއެކު ފުރަތަމަވެސް ލިބިގެންދިޔައީ ހޫނު މަރުހަބާއެކެވެ. އެކުވެރިކަމާއި ގާތްކަމެވެ. ނަމަވެސް އެވަގުތު އުފެދުނު ސުވާލަކީ ރާއްޖޭގެ ގިނަ ރަށްރަށުގެ އެއާޕޯރޓަށް ނަން ދެވިފައިވާއިރު އެ އެއާޕޯރޓެއް އޮތް ރަށަކާއި ގުޅުވައިގެން ނަން ދިން ނަމަވެސް ކުޑަހުވަދޫ އެއާޕޯރޓަށް "ދާލު އެއާޕޯރޓް" ކިއުނީ ކީއްވެބާއެވެ. ފަހުން އެ ސުވާލު ކޮށްލާނީއޭހިތާ، ކުރިއަށް ދިޔައިރު ރަށު ތެރެއިން ފެނުނު ތަރައްޤީ ފެނި އާޝޯހުވިއެވެ.

ދ އެއާޕޯރޓް

ތާރު އެޅި ސާފު މަގުތަކުން ދުއްވަމުން މަންޒިލަށް އާދެވުނުއިރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދިޔައީ ތަރައްޤީގެ ކުލަތަކެވެ. ތަރައްޤީޤެ ތަސައްވުރެއް ގެންގުޅޭ ރައްޔިތުންތަކެކެވެ. އެކަން އިތުރަށް ޔަޤީންވެގެންދިޔައީ ކުޑަހުވަދޫ ކައުންސިލުން ދާދިފަހުން ތަރައްޤީކުރި "ކުޑަހުވަދޫ ސަންސެޓް ބީޗް" އަށް ޒިޔާރަތް ކޮށްލުމުންނެވެ.

ރާއްޖޭގެ ރަށްރަށް ތަރައްޤީކުރާނީ ޖަޒީރާވަންތަ ސިފަ ނުގެއްލޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުޑަހުވަދޫ ކައުންސިލުން އިސްނަންގަވައިގެން އެ ރަށުގެ ބީޗް ތަރައްޤީކޮށްފައިވާއިރު ހަޤީޤަތުގައިވެސް ޖަޒީރާވަންތަ ސިފަ ފެނިގެންދެއެވެ. ހުދު ގޮނޑުދޮށާއި، ސާފު މޫދު ބަލާލުމަށް އެ ބީޗަށް އައިސްތިބޭ މީހުން ހުސްނުވެއެވެ. އެހައިވެސް ހިތްގައިމެވެ. ހެނދުނު ކަސްރަތުކޮށްލައި މޫދަށް އެރި އުޅޭ ކުދިންނާއި، ހަވީރު ފިންޏަށް އިރުއޮއްސޭ މަންޒަރު ބަލާލަން އަންނަ ކުދިންނާއި، ރޭގަނޑު ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއެކު "ބާބެކިއު"އަށް އިންސާފުކޮށްލަން އައިސްތިބޭ ފަރާތްތަކުގެ ސަބަބުން މުޅި ގޮނޑުދޮށަށްވެސް އިތުރު ދިރުމެއް ގެނެސްދޭ ކަހަލައެވެ.

ދ ކުޑަހުވަދޫ ސަންސެޓް ބީޗް

ތަރައްޤީ މާނަ ކުރުމުގައި މީހުން ބުނެއުޅޭ ވާހަކައެއް އޮވެއެވެ. ރަށެއްގެ ތަރައްޤީ ފެންނާނީ އެ ރަށެއްގެ އާބާދީގެ ނިސްބަތުން ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލައިގެން ކަމުގެ ވާހަކައެވެ. މިސާލަކަށް ރަށްރަށުގައި ރަޖިސްޓްރީ ވެފައިވާ އާބާދީއަށްވުރެ އެ ރަށުގައި ދިރިއުޅޭ މީހުން މަދުކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ކަންވާގޮތަކީ ރަށުން އެކަށީގެންވާ ޚިދުމަތްތައް ނުލިބޭތީ އެ ޚިދުމަތްތައް ހުރި ދިމާލަކަށް ރައްޔިތުންވެސް ދީލާލަނީއެވެ. ކަންވާނީވެސް އެހެންތާއެވެ.

ނަމަވެސް ކުޑަހުވަދޫ މުޅިން ތަފާތެވެ. ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 3500 ނަމަވެސް ރަށުގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެކި ރަށްރަށުން އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެފައިވާއިރު، މިކަމުންވެސް ދޭހަވަނީ ކުޑަހުވަދޫއަކީ ތަރައްޤީވަމުން އަންނަ ރަށެއް ކަމެވެ. ލާމަރުކަޒު ކޮށްގެން ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރެވިއްޖެނަމަ މާލެއަށް ހުރިހާ ދިވެހި ރައްޔިތުން "ތޮއްޖެހެން" ނާންނާނެ ކަމެވެ. ޖަޒީރާވަންތަ ސިފަ ރާއްޖޭގެ ރަށްރަށުން ދައްކާލެވިދާނެ ކަމެވެ.

ދ ކުޑަހުވަދޫ ސަންސެޓް ބީޗް

މިކަމުގައި ފާހަގަކޮށްލަން ޖެހެނީ ކުޑަހުވަދޫ ކައުންސިލާއި ރައްޔިތުންގެ ވިސްނުން ވަރަށްވެސް ކުރިއަރާފައިވާ ކަމެވެ. އެގޮތުން ކުޑަހުވަދޫ ކައުންސިލުގެ ނައިބް ރައީސް އަލީ ސައުދުވެސް ވިދާޅުވަނީ، ސަރުކާރުން ކަންކަން ނުކުރެވިގެން އުޅޭވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންޖޭނެ ކަމަށެވެ.

ސަރުކާރުން ތިމަންނަމެން ރަށުގައި ބީޗެއް ހަދައިދެންދެން، ސަރުކާރުން ޕާކެއް ހަދަންދެން، ސަރުކާރުން ރަށުގެ ކުނީގެ މައްސަލަ ހައްލުކޮށްދެއްވަންދެން، ތިއްބެވުމަކީ އެއީ އެހައި ޒިންމާދާރުކަމެއް ނޫނޭ، އެއީ އެހައި ރަނގަޅު ކަމެއް ނޫނޭ، ކައުންސިލްގެ ލެވެލްގައި ކުރެވެން ހުރި ވަރަށް ގިނަ ކަންކަން އެބަހުއްޓޭ، އެހެންވީމާ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު އެފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރައްވާށޭ

~ ކުޑަހުވަދޫ ކައުންސިލުގެ ނައިބް ރައީސް އަލީ ސައުދު

ދ ކުޑަހުވަދޫގެ މަގެއް

އަލީ ވިދާޅުވީ، ކައުންސިލުގެ ވިސްނުމަކީ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމަށްވާ ކުޑަހުވަދޫއަކީ އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ފަރާތްތަކެއްގެ ބައިވެރިވުންވެސް ހިއްސާކުރާ ރަށަކަށް ވުން ކަމަށެވެ. އެގޮތުން ކުޑަހުވަދޫ އެއާޕޯރޓަށް "ދާލު އެއާޕޯރޓް" ކިއުނީވެސް އަތޮޅުގެ ކޮންމެ ރަށެއްގެ ތަރައްޤީއަކީވެސް މުޅި އަތޮޅުގެ ތަރައްޤީއެއްގެ ގޮތުގައި ދެކޭތީކަމަށް އަލީ ވިދާޅުވިއެވެ.

ތެދެކެވެ. މުޅި ރަށުތެރެއަށް ބަލާލުމުންވެސް ފެނިގެންދަނީ ރަށު ފެންވަރުގައި ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރި ކަމެވެ. އަދި ކުރަމުންދާކަމެވެ. ކުނި މެނޭޖް ކުރުމަށް އެކަނި ބަލާލި ނަމަވެސް އެކަން ދޭހަވެގެންދެއެވެ. ކުނި ނައްތާލާ މެޝިން ނެތުމުން ކައުންސިލުގެ މެމްބަރުން އަތްއުރާލަން ނުތިބެ އަމިއްލައަށްވެސް މެޝިންތައް އުފައްދަނީއެވެ. ކައުންސިލުން ޚަރަދުކޮށްގެން ރަށުގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، ރަށުގެ ރައްޔިތުންވެސް ކައުންސިލަށް އެއްބާރުލުންދެއެވެ. މިއީ ހަޤީޤަތުގައިވެސް ނަމޫނާ ރައްޔިތަކު ދިރިއުޅޭ ނަމޫނާ ރަށެކެވެ. ދުރު ވިސްނުމަކާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ އަތޮޅެއްގައިވެސް މާލެ ފަދަ ރަށެއް ތަރައްޤީ ކުރެވިދާނެކަން ދ ކުޑަހުވަދޫއިން ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.