ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:12
މަސައްކަތްތެރިން މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
މަސައްކަތްތެރިން މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ލެބަރ ޕާޓީ
ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި
 
ގާނޫނުން ކަށަވަރު ކޮށްދޭ ހައްގެއް ހަނިނުކުރެވޭނެ
 
އިހުތިޖާޖް ކުރުމަށް މަސައްކަތް ހުއްޓާލުމަކީ ލިބޭ ހައްގެއް

ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާތީ ލޭބަރ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ލޭބަރ ޕާޓީން ބުނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް މަސައްކަތްތެރީން އިގުތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ބާރުވެރި ކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމަކީ އެޕާޓީގެ މައިގަނޑު މަގުސަދު ކަމަށެވެ.

ލެބަރ ޕާޓީން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން، 11 ސެޕްޓެމްބަރު ގައި ރައްޔިތުންގެ މަޖިލީހަށް ހުޅަފައިވާ ބިލުގައި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫށްލުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި މުވާސަލާތީ ޚިދުމަތްތަކާއި އާއްމު ދަތުރުފަތުރުގެ ޚިދްމަތްތައް މެދުކަނޑުވާލުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އެބިލުގެ 4 ވަނަ މާއްދާ ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނު ހުއްދަ ކުރާ ހާލަތުގައި، ހަޅުތާލެއް ކުރުމުގެ ސަބަބުން ނުވަތަ މަސައްކަތް ހުއްޓާލުމުގެ ސަބަބުން ނުވަތަ ސުލްހަވެރިކަމާއެކު އެއްވުމުގެ ސަބަބުން އާއްމު ޚިދުމަތެއް މެދުކެނޑުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭނެ ކަމަށް ބަޔާން ކޮށްފައި ވީނަމަވެސް، އިހުތިޖާޖް ކުރުމަށް ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގަކީ ރާއްޖޭގައި މަސައްކަތްތެރިންނަށް ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިއްބައިދޭ ހައްގެއް ކަމަށް ލެބަރ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ލެބަރ ޕާޓީން ބުނީ އިހުތިޖާޖް ކުރުމަށް ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަކީ އެކަމުގައި އަބަދުވެސް މަސައްކަތްތެރިންގެ ޑިމާންޑްއެއް ނުވަތަ ވަކި ކަމެއް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އެދި ކުރާނެ ކަމަކަށްވުމުން މި ބިލުގައި ބަޔާން ކޮށްފައިވާފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ މަސައްކަތްތެރިން މަސައްކަތް ހުއްޓާލައިގެން ކުރާ ހަޅުތާލެއްގެ ސަބަބުން އެއިން ޚިދުމަތެއް މެދުކެނޑުމަކީ މިހާރު ބިލު އެއޮތް ގޮތުން އެކަން ޓެރަރިޒަމްގެ އަމަލެއްގެ ގޮތަށް ބެލުމުގެ އިހްތިމާލު އޮތް ކަމެއްކަމަށެވެ.

ލޭބަރ ޕާޓީން ބުނީ ބިލުގައި ގާނޫނު ހުއްދަ ކުރާ ޙާލަތުގައި ހަޅުތާލެއް ކުރުމުގެ ސަބަބުން ނުވަތަ މަސައްކަތް ހުއްޓާލުމުގެ ސަބަބުން މިފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ހަޅުތާލެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ހަރަކާތެއް ހިންގާފައި އޮންނަ އިރު އެކަމަކީ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ކޮށްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ބެލި އެއެއް ކަނޑައެޅުމުގެ ކުރީގައި ނުވަތަ އެކަމުގެ ގާނޫނީ ސައްހަކަން އެނގި ކަށަވަރު ނުކުރެވި ނުވަތަ އެކަން ކުރެވޭނެ އިޖްރާއަތެއް އެނގެން ނެތް ހާލަތެއްގައި ގާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ ހައްގެއް ހަނިކޮށް، އެކަމަކީ ކުށެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ގާނޫނެއް އޮވެގެން ވާނެކަމެއް ނޫން ކަމަށެވެ.

ލެބަރ ޕާޓީން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށްއަށް އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިއްބައިދޭ އިހުތިޖާޖް ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމުގެ ހައްގު ހަނިކޮށް، އެކަން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލުމުގެ އިހްތިމާލު އޮތްގޮތަށް އެބިލު އޮތްއޮތުން މުރާޖިއާ ކުރުމަށް އެޕާޓީން ވަނީ ގޮވާލައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
50%
25%
25%
0%
ކޮމެންޓް