ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 07:34
ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ފަހަތުން އަރައި ބްރެޝިއާގެ މައްޗަށް ޔުވެންޓަސް ކުރިހޯދައިފި
 
ބްރެޝިއާގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ފަހަތުން އަރައި ބްރެޝިއާގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ބްރެޝިއާގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ބްރެޝިއާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮނަރޫމާއެވެ.

މި ލަނޑާއެކު ޔުވެންޓަސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ފުލުފުލުގައި އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދާފައެވެ. އަދި ބްރެޝިއާއިން ވެސް ވަނީ ޔުވެންޓަސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑަކީ ބްރެޝިއާގެ ޗެންސެލާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުރަތަމަ ހާފް ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ޔުވެންޓަސްއިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ޔުވެންޓަސްއިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއަނިޗްއެވެ. މި ލަނޑަށްފަހުވެސް ޔުވެންޓަސްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗު ނިމުމުގެ ކުރިން ބްރެޝިއާއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބްރެޝިއާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް