ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 07:22
ދަ ގްރާންޑޭ ކުޅުންތެރިން އުފާފާޅުކުރަނީ
ދަ ގްރާންޑޭ ކުޅުންތެރިން އުފާފާޅުކުރަނީ
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ފަހުވަގުތު ދަ ގްރާންޑޭއިން އީގަލްސް ހުއްޓުވައިފި
 
ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހުވަގުތު ދަ ގްރާންޑޭއިން ކްލަބް އީގަލްސް ހުއްޓުވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ދަ ގްރާންޑޭ އާއި އީގަލްސް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ. ނަމަވެސް އޭގެ 8 މިނެޓު ފަހުން އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ލަނޑުން އީގަލްސްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހު އީގަލްސްއިން ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އަހުމަދު ހަސަންއަށް ރަތްކާޑު ދައްކާފައިވާއިރު، މެޗުގެ ފަހު 15 ވަރަކަށް މިނެޓު އެޓީމުން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ.

ދަ ގްރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހުވަގުތުއެވެ. މި ލަނޑު މުލަކޭ ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ ޓޯސޫއެވެ.

މި ނަތީޖާއާއެކު އީގަލްސް އޮތީ 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ލަނޑުގެ ތަފާތުން ހަތަރުވަނައިގައި އޮތީ ދަ ގްރާންޑޭއެވެ. އެއްވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ދެވަނައިގައި 15 ޕޮއިންޓާއެކު އޮތީ ކްލަބް ގްރީން ސްޓްރީޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް