ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 23:13
އދ. އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގްރީރް ކުރައްވަނީ
އދ. އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގްރީރް ކުރައްވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ފަަލަސްތީނާއި އެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ: ރައީސް ސޯލިހު
 
މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫން ކަމަށް ވިދާޅުވި
 
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާ ކަމަށް ވިދާޅުވި
 
ރާއްޖޭގެ ރައީސަކު އދ. އާންމު މަޖިލީހުގައި ތަގްރީރް ކުރައްވާފައިވަނީ ހަތް އަހަރުފަހުން

ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށާއި، ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން އެ މަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.

މައުނަވީ ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫން ކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ޑިމޮކްރަސީއެއްގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާނެ ކަމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އދ ގެ އާންމު މަޖިލީހުގައި ތަގްރީރް ކުރައްވަނީ

ރައީސް ސޯލިހު ވިދާޅުވީ ދުނިޔެއާ ރާއްޖެ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށް ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބައަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެ މަނިކުފާނުގެ ތަގްރީރްގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ މުއައްސަސާތައް ވަރުގަދަކުރުމާއި، ލާމަރުކަޒުކުރުމާއި، ވެށި ހިމާޔަތްކުރުމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 21 ވަނަ ޤަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އާންމުވަމުން އަންނަ ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައާއި ދީނުގެ ނަމުގައި ކުރެވޭ މިފަދަ އަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް މިފަދަ ކަންކަމަށް ލެންބުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ ކިބައިން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ހިއްސާކުރުމާއި، ޓެރަރިޒަމްގެ ވިއުގަތަކަށް ޚަރަދުކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ ފިޔަޅުތަކެއް ކަމަށެވެ.

އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސަކު ތަގްރީރް ކުރައްވާފައި މި ވަނީ 7 އަހަރު ފަހުންނެވެ. ރައީސް ސޯލިހު ތަގްރީރް ކުރައްވާފައިވަނީ އާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރެއްވި ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް