ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 09:51
ޔުވެންޓަސް އަދި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އަދި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ރޮނާލްޑޯގެ މޮޅު ކުޅުމާއިއެކު ހެލާސް ވެރޯނާގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދައިފި
 
މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުން

އިޓާލިއަން ލީގުގައި ރޮނާލްޑޯގެ މޮޅު ކުޅުމާއިއެކު ޔުވެންޓަސް އިން ހެލާސް ވެރޯނާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 19 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރު ވެފައެވެ. ޔުވެންޓަސްގެ ޑެކޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެރޯނާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި މެގުއެލްއެވެ.

މެގުއެލްގެ ލަނޑަށްފަހު ޔުވެންޓަސް އިން ދިޔައީ ފުލުފުލުގައި ވެރޯނާގެ ގޯލަށް ހަމަލާތަށް އުފައްދަމުންނެވެ. ނަމަވެސް ވެރޯނާގެ ޑިފެންޑަރުން ވަނީ މި ޔުވެންޓަސްގެ ހަމަލާތައް ދިފާއު ކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި މި ސީޒަނުގައި ޔުވެންޓަސްއާއި އަލަށް ގުޅުނު ކުޅުންތެރިޔާ ރަމްސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރަމްސީ މި ލަނޑު ޖެހީ ރޮނާލްޑޯގެ އެހީތެރި ކަމާއިއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހާ ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ވެސް ޔުވެންޓަސް އިން ދިޔައީ ވެރޯނާގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ.

މި މޮޅާއެކު ޔުވެންޓަސް އިން އޮތީ ލިބުނު 10 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އިންޓަރ މިލާނުން 12 ޕޮއިންޓާއެކު އޮތް އިރު، މި މެޗުން ބަލިވި ވެރޯނާ އޮތީ ހަތަރު ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް