ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 05:14
ކުރީގެ މެމްބަރު ގާރީ އޭނާގެ އަންހެނުންނާއެކު
ކުރީގެ މެމްބަރު ގާރީ އޭނާގެ އަންހެނުންނާއެކު
އަލިފާނުގެ ހާދިސާ
ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!
 
ތިން އަހަރުގެ ކުޑަކުއްޖާ ސަލާމަތްކުރީ ވައިގޮޅިއަށް އެރިގެން، އަނިޔާވި
 
އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި
 
މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 7:20 ގައި

ހުކުރު ދުވަހުގެ ރޭ އާދައިގެ މަތިން އިޝާ ނަމާދަށް މިސްކިތަށް ދިއުމަށް އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ) ގޭގެ ކޮޓަރިއަށް ވަނީ ލައިސެންސް ކާޑު ވޮލެޓްގައި އޮތުމުން އެ ނެގުމަށެވެ.

އޭގެ ކުރިން ގަޑިއަށް ބައްލަވާލެއްވުމަށްފަހު "ނަމާދަށް ދާން ގަޑިޖެހުނީއޭ" އަންހެނުންގެ ގާތުގައި ވިދާޅުވިއިިރު ގަޑިން އޭރު 7:19 ވެއްޖެއެވެ. ވޮލެޓް ނެގުމަށް ގާރީ ކޮޓަރިއަށް ވަތް ތަނާ ބިރުވެރި ގޮތަކަށް އަންހެނުން ހަޅޭއްލަވައިގަތް އަޑާއެކު ގާރީއަށް ސިހުން ލިބުނެވެ. "އަލިފާނޭ" ކިޔައި އަންހެނުން ހަޅޭއްލަވައިގަތް އަޑާއެކު އެހެން ވަރުގަދަ އަޑެއް ވެސް ކަންފަތުގައި ގުގުމައިގެން ދިޔައެވެ. ދެ އަޑު އެކު އެކީހެން އިވުމާއެކު ގާރީއަށް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުންނެވީ ދުވަމުން ބޭރަށެވެ. އޭރު އެގޭގެ ކުރިމަތީގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާން ފުރާޅާ ހަމައަށް "ބޮމެއް ގޮވާހެން" ގޮވަނީއެވެ.

ގާތްގަނޑަކަށް 7:21 ގައި ގާރީ ސިފައިންގެ ގެއަށް ގުޅައި ވާހަކަދައްކަ ދައްކާ ހުއްޓާ ކެނޑިއްޖެ. އަދި އެހެން ތިމާގެ ކުއްޖަކަށް ވެސް ގުޅިން. އޭނަ ބުނި ޚަބަރު ލިބިފައިވާކަމަށް. ދެން އެތާ ތިބީ ނުނިކުމެވިފައި. އެއްވެސް ފަރާތެއްގެ ޚަބަރެއް ނުވޭ.

އެގެއާއި ގުދަން ހުންނަނީ ކުރިމަތީގައި ކަމަށް ވިޔަސް ފުޅާ މިނުގައި ދެ ގެ ދޭތެރޭގައި ހުންނާނީ ގާތްގަނޑަކަށް 20 ވަރަކަށް ފޫޓެވެ.

ހ.ރަދުވާނިއާގެ އާއި ގުދަނާއި ދޭތެރޭގައި އަލިފާން ހިފާފައި

އެގެއަކީ ގާރީގެ އަންހެނުންގެ އަމިއްލަ ގެއެކެވެ. ހ.ރަދުވާނިއާގެއެވެ. ހަތް ފްލޯއަށް އިމާރާތް ކޮށްފައިވާ އެގޭގެ ގްރައުންޑް ފްލޯ ކުއްޔަށް ދީފައި ހުންނައިރު ފުރަތަމަ ބުރިއާއި ދެވަނަ ބުރި ފިޔަވައި މައްޗަށް ހުރި ފަސް އެޕާޓްމަންޓް ވަނީ ކުއްޔަށް ދީފައެވެ. ގޭގެ ފުރަތަމަ ބުރި ގާރީގެ ދެމަފިރިން އުޅުމަށް ބޭނުން ކުރަމުން އަންނައިރު އެގޭގެ ދެވަނަ ބުރީގައި ދިރިއުޅެނީ ގާރީގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާއި އޭނާގެ ދެ ދަރިންނާއި އަންހެނުންނެވެ. އެ ހާދިސާ ހިނގިއިރު ގާރީގެ ކޮއްކޮގެ ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ގެއިން ބޭރުގައެވެ.

އެގުދަން ފުރާޅުގަނޑާއި އެއްކޮށް އަލިފާނާއި އެއްކޮށް ގޮވައިގެން ފަޅައިގެން މައްޗަށް އަރައިގެން ދާތަން. އެދިޔަ ބާރުމިނުގައި ދެން އަޅުގަނޑު އުޅުނީ ވައިފް ނަގައިގެން ނިކުންނަން ވެގެން އުޅުނީ. ބެލިއިރު ސިޑި މަތީގައި އަލިފާން ރޯވެފައި. އެތެރެއަވަތްތަނުން ބަލާލިއިރު ކޮއްކޮ ހަޅޭއްލަވައި ރޮއިގަތް އަޑު އިވޭ. މިމީހުން ބާލަދޭށޭ މިތާނގައި ދުމައިގެން ކެތެއް ނުވެޔޭ. އެވައިގޮޅިން ކޮއްކޮގެ ކުޑަ ދަރިފުޅު ތިން އަހަރުގެ ކުޑަކުއްޖާއާއި އަންހެނުން އަޅުގަނޑުމެންގެ ކުޑަދޮރުތެރެއިން ބާލައިގެން. ކޮއްކޮއާއި އަޅުގަނޑަކަށް ބޭރަށް ޚަބަރު ލިބޭނެ އެއްވެސް ގޮތެއް ނެތިފައި ރޭންޖު ގޮސްފައި އިނީމަ

އޭރު މުޅި އެޕާޓްމަންޓުގައި ބޯ ދުންތަކެވެ. އެގޭގައި އަލިފާން ހިފަން ފެށުމާއެކު ކަރަންޓް ބޯޑުތައް ގޮވައި ގެއިން ކަރަންޓް ދިޔައެވެ. ނޭވާލާން އުނދަގޫވެ އޮކްސިޖަން ލެވެލް ދަށްވާން ފެށުމުން ހަދާނެ ގޮތް ހުސްވެ ދުމުގެ އަސަރު ކުޑަކުރުމަށް އިސްޓާކީން ތެންމާލައި އަނގަމަތީގައި އަޅަން ބުނެ ގާރީ ވެސް ހުންނެވީ ދެ އަންހެނުންނާއި ކުޑަފިރިހެން ކުއްޖާއާއި އެކީގައެވެ.

އޭނާ ވިދާޅުވީ އެގޭގައި ތާށިވެފައި ގާތްގަނޑަކަށް އެއްގަޑި އިރާއި 10 މިނިޓް ތިއްބެވި ކަމަށެވެ.

ފާޚާނާގައި ޝަވަރާއި އެއްޗެހި ދޫކޮށްލާ ފެނާއި އެއްޗެހި ލިބޭނެ ގޮތް ހަދައި. ހަމަ ހާސްވަމުން ދަނީ ނޭވާލާން. ވަރަށް ވަރަށް އުނދަގޫ ވަގުތު ކޮޅެއް އެއީ. އަޅުގަނޑު ހަމަ އެމީހުންނަށް ހިތްވަރު ދީގެން އަނެއްހެން ހާސްވިޔަސް އެކަން ނުދައްކާ އުޅުނީ.

އަނެއްކާވެސް ނިކުންނަން ގާރީ މަސައްކަތް ކުރިއެވެ. ދެވޭ ގޮތް ނުވެ ކުރިއަށްވުރެ ހޫނުކަން ގަދަވިއެވެ. އަނެއްކާވެސް ދޮރުލެއްޕުމަށްފަހު ފާޚާނާއަށް ވަނީއެވެ. ގާރީ ވިދާޅުވީ ސިފައިން ބަލާ އައީ 8:30 ހާއިރު ކަމަށެވެ. ފާޚާނާއިން ބޭރަށް ނެރެންގެން ގޭގެ ސިޓިން ރޫމް ތެރެއިން ލާފައި ދިޔައިރު ގޭގެ ސޯފާއާއި ޓީވީ ހުރީ ހޫނު ގަދަވެ ވިރިފައެވެ.

ސިޓިން ރޫމްގެ ބޭރުން ހުންނަ ދޮރު ވިރިގެން ބިއްލޫރިތަކާއި އެއްޗެހި ފައިބާފަ ހުރީ. ގެއަކާއި ގެ ދޫކޮށްލާފައި އަޅުގަނޑުމެން ދިޔަގޮތަށް އޭޑީކޭއަށް ދިޔައީ.

ތިން އަހަރުގެ ކުއްޖާ ވައިގޮޅިން ބާލަން އުޅުމުގެ ތެރޭގައި ގާރީގެ ވައަތްތިލައިގައި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ހުއްޓެވެ. ބޭސްއަޅާފައި ހުރި އެޒަޚަމްތައް ދައްކާލަމުން ގާރީ ވިދާޅުވީ ދުމުގެ އަސަރު ކޮށްގެން ކޮއްކޮގެ އަންހެނުންނަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މަރުވި ޝައުނާ ދިރިއުޅުނީ ގާރީ އުޅުއްވާ ގޭގެ ތިންވަނަ ފްލޯގައި

ގާރީ ވިދާޅުވީ ޝައުނާ ދިރިއުޅެމުން ދިޔައީ އެގޭގެ ތިންވަނަ ފޯލްގައި ކުއްޔަށް ކަމަށެވެ. އޭނާ އަކީ ދީންވެރި އަޚުލާގު ހެޔޮ މީހެއް ކަމަށް ވިދާޅުވިއެވެ. ޝައުނާ އާއި ބެހޭގޮތުން މާބޮޑު އެއްޗެއް އެނގިނުލެއްވި ނަމަވެސް އޭނާގެ ބޭބެއާއި ކޮންމެވެސް ވަރަކަށް ގާރީއާ ރައްޓެއްސެވެ. ގާރީ ވިދާޅުވީ އެހާދިސާ ހިނގިއިރު އޭނާއަށް މައުލޫމާތު ލިބިފައިވާގޮތުގައި ޝައުނާ އުޅުނީ އޭރު ގޭގައި އެކަންޏެވެ. ގާރީ ވިދާޅުވީ ޝައުނާ ނިޔާވީ ބެލެވޭ ގޮތުގައި ނިކުންނާނެ ޖާގަ ނުލިބިގެން ކަމަށެވެ.

ގާރީ ރާއްޖެއެމްވީއަށް ހާދިސާއާއި ގުޅިގެން ވާހަކަ ދައްކަވަނީ

ހ.ރަދުވާނިއާގޭޣެ ކުރިމަތީގައި ހުންނަ ހ. ތިލަފުށި ގޭގައި ހުންނަ އެގުދަނުގައި ކެމިކަލް އެކުލެވޭ ތަކެތި ވައްދާތީ މީގެ ކުރިން ވެސް އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ޖައްސާފައިވާނެ ކަމަށް ގާރީ ވިދާޅުވިއެވެ. ނަމަވެސް އެއަށް އަމަލީ ސިފަ އައިސްފައި ނުވާ ކަމަށް ގާރީ ވިދާޅުވިއެވެ.

އެގުދަނަކީ އަޅުގަނޑުމެން މީގެ ހަތެއްކަ އަށެއްކަ އަހަރު ކުރިން ވެސް އެމީހުން އެތަނަށް އެއްޗެހިތައް ވައްދާތީވެ ކެމިކަލްގެ ބާވަތެއްވީމަ އަޅުގަނޑުމެން ބުނަން ތި އެއްޗެހި މިތާނގައި ނުބަހައްޓާށޭ ކަލޭމެން ތިލަފުއްޓަށް ބަދަލު ކުރާށޭ. އެމައްސަލަވެސް ޖައްސާފައި އެކަމަކު އެކަމަކަށް އަމަލީ ސިފައެއް ނާދޭ. އެންމެ ފަހުން އެއްޗަކަށް ފަހު އެއްޗެއް ގޮވިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.

މިހާދިސާ ހިނގިއިރު ކެމިކަލް ގުދަން ގޮވައިގެން އެތަށް ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އައެވެ. ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު މި ހާދިސާގައި އޮތް އިރު އެކަން ކުރިއާލާ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅިނަމަ ގެއްލިގެން ދިޔަ ފުރާނައާއި އެތަށް ބައެއްގެ ދިރިއުޅުން މިގޮތަށް ނުދިޔައީހެވެ.

އަޅުގަނޑުމެންގެ ނިކުތުމުގެ ކުރިއަށް ސިޓިންރޫމަށް އަލިފާންގަނޑު ނުވަތްކަން އެއީ އަޅުގަނޑުމެން ސަލާމަތް ވުމަށް އޮތް މަގު އެއީ. އެއީ ﷲ ދެއްކެވި މަގު. އަލިފާން އެގަޑީގައި ވަތް ނަމަ އަޅުގަނޑުމެންނެއް ސަލާމަތެއް ނުވާނެ. އެއީ ނިކުމެވޭނެ އެހެން ގޮތެއް ނީންނާނެ. ހުރިހާ ޝުކުރެއް ﷲއަށް.
އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
1%
1%
95%
2%
1%
0%
ކޮމެންޓް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 10:25
ޝާނީ
އަމިއްލަ އަށް މެމްބަރު ކަމުގަ ހުރި އިރު ކީއްވެބާ މި ކަންކަން ފާހަކަ ކޮށް ބިލް މަޖްލީހަށް ހުށަ ނޭޅީ؟ 6 ނޫނީ އަށެއްކަ އަހަރު ކުރިން އަދި މައްސަލަ ހުށައަޅިޔަސް އަމިއް ޕާޓީ އިން ވެރިކަން ކުރި އަމަލީ ސިފައއް ގެން ނަން އަވަހަށް މަސައްކަތް ކުރި ނަމަ....
21 ސެޕްޓެންބަރ 2019 | ހޮނިހިރު 09:00
ޗަކޮއި
ޗަކޮޔަކަށް ނޭގުނުތާ ގުދަންކުރާ ކުންފުނީގެ ނަން ޖަހަން.