ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 00:32
މީހަކު ހޮސްޕިޓަލަށް ގެންދިޔުމަށް އާއްމުންގެ ބަޔަކު ހަރަކާތްތެރިވަނީ
މީހަކު ހޮސްޕިޓަލަށް ގެންދިޔުމަށް އާއްމުންގެ ބަޔަކު ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ
ބިރުވެރި އަލިފާނުގެ ހާދިސާ: ދައްކުވައިދިނީ އެއްބައިވަންތަކަން
 
އެކި މީހުން ދަނީ އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުން

ރާއްޖެ ޓީވީގެ ނޫސްވެރިން ދިޔައީ ބެލުންތެރިންނާއި ހަމަޔަށް 60 މިނެޓު ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. މަސައްކަތުން ކުޑަ ބްރޭކްއެއް ނަގާލުމަށް އޮފީހުން ނިކުމެލީ ތަނާ އިވުނީ ބަޑިބޭހުގެ ކުޅިވަރު ކުޅޭ ޒާތުގެ އަޑެކެވެ. ފެނިގެން ދިޔައީ މުޅި ހިސާބުގަނޑު ރަތް ކުލައިން ދިއްލިގެން ދިޔަ މަންޒަރެވެ. ހަވާއަރުވަނީ ބާއޭވެސް އެވަގުތު ހިތަށް އެރިއެވެ. ވަގުތުން ދުއްވައިގަނެވުނީ އުޅެނީ ކީއްވެގެންތޯ ބަލާލުމަށެވެ.

ފެނިގެން ދިޔަ މަންޒަރުން މުޅި މާލެ ބިރުވެރިކަމެއްގެ ހާލަތަކަށް ވެއްޓިގެން ދިޔަކަން އިހުސާސް ކުރެވިގެން ދިޔައެވެ. ކުޑަކުދިންގެ ރުއިމުގެ އަޑު މުޅި މަގުގައި ގުގުމަމުން ދިޔަ އިރު އެއްބަޔަކު ދިޔައީ ހަޅޭލަވަމުންނެވެ. އަނެއް ބަޔަކު ދިޔައީ އެ ސަރަހައްދުގައި ތިބި މީހުން، އެމީހުންގެ ގެ ދޫކޮށް، އެ ސަރަހައްދުން ދުރަށް ދިއުމަށް އެދި ގޮވަމުންނެވެ. ފެނިގެން ދިޔައީ ވަރަށްވެސް ހިތާމަވެރި، ބިރުވެރި މަންޒަރެކެވެ.

ދެވުނު އެންމެ ގާތަކަށް ގޮސް ކަންވީ ގޮތް އޮޅުން ފިލުވާލުމުން އިނގުނީ ހ. ފެހިއާބާދުގެ ގުދަނެއްގަައި އަލިފާން ރޯވެ އެ އަލިފާންގަނޑު ބާރު ސްޕީޑެއްގައި އެހެން ސަރަހައްދުތަކަށް ފެތުރެމުން ދާކަމެވެ. ލިބިދާނެ ގެއްލުމެއްގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެފައިވާކަމެވެ. ނަމަވެސް އެ ބިރުވެރި ހާލަތުގައި ވެސް ހިތަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަހުވަންތަކަން ގެއްލިގެން ނުދާކަން ހާމަވެގެން ދިޔަ ބައެއް މަންޒަރު ތަކުގެ ސަބަބުންނެވެ.

އަލިފާންގަނޑު ބޮޑުވެ، މުޅި ސަރަހައްދަށް ދުންގަނޑު ފެތުރިގެން އޭރު ދިޔައިރު އެކުވެރި ނޫސްވެރިއަކާއެކު އެ ސަރަހައްދުގައި ހުރެވުނެވެ. ނަމަވެސް އޭރު އަދި ކަމާ ބެހޭ އެއްވެސް ފަރާތެއްގެ ހިލަމެއް އެތާކުން ފެންނާކަށް ނެތެވެ. އެމްއެންޑީއެފް އާއި ފުލުހުންނަށް ހާދިސާ ހިނގި ސަރަހައްދަށް އާދެވުނު އިރު އާންމު ރައްޔިތުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްފައެވެ. އެ ނުރައްކާތެރި ދަނޑިވަޅުގައި އާންމުން ދެއްކި ހިތްވަރުން ހަޤީޤަތުގައިވެސް ދިވެއްސަކަށް ވީތީ އެ ވަގުތު ފަޚުރުވެރިވިއެވެ.

އަލިފާން ހިނގި ސަރަހައްދުގައި ރެޑްކޮރްސެންޓްގެ އޮފިޝަލުން ހަރަކާތްތެރިވަނީ

ފެނިގެން ދިޔައީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ރޯވެފައިވާ ގެތަކުގެ ތެރެއިން އާންމުންގެ އަތްދަނޑިމަތީ ގައި ނެރެދިން މަންޒަރެވެ. ސަލާމަތީ ބާރުތަކާއި ގުޅިގެން މަގުގައި ޕާކު ކޮށްފައިވާ ސައިކަލުތަށް އެއްފަރާތް ކުރުމުގެ މަސައްކަތްވެސް އާންމުން ދިޔައީ ކުރަމުންނެވެ.

ހާސް ކަމުގެ ތެރޭގައި ކެއްސަމުން ރޮމުން ދިޔަ ކޮންމެ މީހަކަށް ބޯ އަޅާލާނެ ކޮނޑެއް ދިޔައީ ފޯރުކޮށްދެމުންނެެވެ. ދުމުން ރައްކާތެރިވުމަށް މާސްކްތައް ބަހަންފަށައި ދުމުގެ އަސަރު ކޮށްފައިވާ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެހިސާބުން ފެށިގެން ދިޔައެވެ.

ދެން ފެނިގެން ދިޔައީ ހާދިސާ ހިނގި ސަރަހައްދާއި އެންމެ ކައިރީގައި އޮތް އޭޑީކޭ ހޮސްޕިޓަލް ވަގުތުން ސަލާމަތީ ހަލާތައް ގެނެވިގެންދިޔަ މަންޒަރެވެ. ހޮސްޕިޓަލްގެ މުވައްޒަފުން އެމީހުންގެ ހިދުމަތްތައް ދިނުމުގައި ހޭބޯނާރާ މަސައްކަތް ކުރަން ފެށިއެވެ. ފަޔަރ އެންޑް ރެސްކިއު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ފެށުމުން އެކަމުގައި ވެސް އެންމެ ކުރިން އެހީތެރިވާން ފެށީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އާންމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އާއްމުންގެ ބަޔަކު ހަރަކާތްތެރިވަނީ

ސިފައިންނާއި ފުލުހުން އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދިޔައިރުވެސް އެ އަލިފާނުގެ ހުޅުގަނޑުގެ ބޮޑުވެ ދިޔައީ އެއްޗެއް ކެކޭހެން މައްޗަށް އަރަމުންނެވެ. އަލިފާން ހިފިއިރުން ފެށިގެން އެ ސަރަހައްދުގައި ތިބި އާއްމުން ބެލީ ދުމުގެ އަސަރުކުރި މީހުން ސަލާމަތްތެރި ސަރަހައްދުތަަކަށް ގެނެސްދިނުމަށެވެ. އެތާނގައި އެމީހުން ހަރަކާތްތެރިވަމުން ދިޔައީ އެއީ އަމިއްލަ ޒިންމާއެއް ކަމަށް ބަލައިގެންނެވެ. ބޮޑެތި ފޮށިތަކާއި ދަބަސްތައް އަމިއްލައަށް އިސްނަގައިގެން ނެރެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.

އެވަރަކުން ނިމުނީއެެއް ނޫނެވެ. އަލިފާނުގެ އަސަރުކުރި ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމެންޓުން ވަގުތީ ހިޔާއެއްގެ ގޮތުން ކަލާފާނު ސްކޫލު ހަމަޖެއްސުމާއި އެކު ގިނަ ބަޔަކު އިސްނަގައިގެން އެ ފަރާތާތްކަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންފެށިއެވެ. ފިހާރަތަކުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ ތަކެތި ދަނީ މިހާރުވެސް ހަދިޔާ ކުރަމުންނެވެ. އެ ސަރަހައްދުގައި އޭރު ހުރި ކޮންމެ މީހަކަށްވެސް ހަޤީޤީ އެކުވެރިކަމާއި އަހުވަންތަކަން ފެނިގެންދާނެކަން ހަމަ ޔަޤީނެވެ.

މުޅި ސޯޝަލް މީޑީއާއިންވެސް ފެނިގެން ދިޔައީ އަލިފާނުގެ ހާދިސާގައި ގެއްލުންވި އައިލާތަކުގެ ހިތާމާގައި މުޅި މާލެ ބައިވެރިވާތަނެވެ.

މި ހާދިސާ އިން ދިވެހިންގެ އެއްބައިވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފިއެވެ. މިފަދަ ކޮންމެ ހާދިސާއެއް ގައިވެސް ދިވެހިންނަކީ އެއް ލެއެއްގެ ބައެއް ކަން ދައްކުވައިދީފިއެވެ. އަނެކާ ހާލުގައި ޖެހޭ ދުވަހު ކޮންމެ ހާލަތެއްގައިވެސް ތައްޔާރަށް އޮތްކަން ކަށަވަރުވެއްޖެވެ.

ދިވެހިންގެ އެއްބައިވަންތަކަން އަބަދު ވެސް މިގޮތުގައި ލައްވާށިއެވެ. އާމީން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
10%
86%
0%
5%
0%
ކޮމެންޓް
21 ސެޕްޓެންބަރ 2019 | ހޮނިހިރު 07:45
އައި
ރައީސް ޔާމީން ކިހާމަސައް ކަތެއް ކުރެއްވި މިފަދަ ގުދަން ތައް އެކަހެރި ކުރަން މިއަދު އެންމެންގެ ދޫތަކުން އެވާހަކަ....ލާދީނަށް ހުރި ފިލާވަޅެއް.....