ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 21:25
ފެލިވަރުގެ ބައެއް އުފެއްދުންތައް
ފެލިވަރުގެ ބައެއް އުފެއްދުންތައް
ދިވެހި މަސްވެރިކަން
ދިވެހި މަސްވެރިކަމުގެ ހުރިހާ ފައިދާއެއް ތައިލޭންޑަށް!
 
މިފްކޯ ތަރައްގީ ވުމަށް އެންމެ ފުރަތަމަ އަޅަން ޖެހޭނެ ފިޔަވަޅަކީ މަސް ރައްކާކުރާނެ ޖާގަ ބޮޑުކުރުން
 
މިފްކޯއިން ތައިލޭންޑަށް މަސް ވިއްކަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަދަދުގެ 400 ޑޮލަރު މަދުކޮށް
 
މިފްކޯގެ މަސް ފެކްޓްރީތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައެއް ނުވޭ

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. މިކަމާ ދެކޮޅުވާނެ އެއްވެސް ދިވެއްސެއް ނުވާނެއެވެ. ކޮންމެ ދިވެއްސަކުވެސް ފަހުރުވެރި ކަމާއެކު މަސްވެރިކަމަކީ ތިމަންނަމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ތިމަންނަމެން ކުރަމުން އަންނަ ކަމެކޭ ބުނާނެއެވެ.

ކަން މިހެން އޮތް އިރު، ދިވެހި މަސްވެރިކަން މިހާ ތިޔާގި ވެފައިވާ ދުވަސްވަރެއްގައި ދިވެހި މަސްވެރިކަމުގެ ހުރިހާ ފައިދާއެއް ކުރަނީ ތައިލޭންޑަށޭ ބުނުމުން މިކަމާއި ރުހޭނެ އެކަކުވެސް ނުހުންނާނެއެވެ. ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް ކަން މިހާރު އޮތް ގޮތަކީ މިއީއެވެ. ޒަމާނެއްގައި މަސްވެރިކަމުގެ ފައިދާ ދިވެހި އިގްތިސާދަށް ކުރިޔަސް މިހާރު އެ ފައިދާ ގައުމަކަށް ނުކުރެއެވެ.

މިގޮތަށް ކަންތައް މެދުވެރިވާން ދިމާވީ ރާއްޖޭގެ މަސް ބަންދުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ މިފްކޯގެ މަސް ފެކްޓްރީތައް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައި ނެތުމުންނެވެ. ޒަމާނާ އެއްގޮތަށް ރާއްޖޭގެ މަސްދޯނިފަހަރު ތަރައްގީވެ އެންމެ ފަހުގެ ޓެކްނޮލޮޖީ މަސްވެރިކަމަށް ތައާރަފްވެގެން ދިޔަ އިރުވެސް މަސް ރައްކާކޮށް، ބަންދުކޮށް، މަސްވެރިން ބާނާ މަސް އެކްސްޕޯޓްކުރަން ހުރި ކާރުހާނާތައް ހުރީ އެންމެ ފުރަތަމަ އެތަންތަން ހުޅުވި އިރު ހުރި ހާލަތުގައޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.

ދިވެހި ސަރުކާރުން ޅ. ފެލިވަރުގައި 1978 ވަނަ އަހަރު ޖަޕާނުގެ ނިޕޮން ސުއިޒާން ކައިޝާ އާއި ގުޅިގެން ރާއްޖެގެ ފުރަތަމަ މަސް ބަންދުކުރާ ކާރުހާނާ ހުޅުވިއެވެ. މިއާއެކު އަހަރަކަށް ވުރެ އަހަރެއް ރާއްޖޭގެ މަހަށް ދުނިޔޭގެ ބާޒާރުގައި އޮތް ތާއީދު ދިޔައީ އިތުރު ވަމުންނެވެ. މަހަށް އޮތް ޑިމާންޑް އިތުރުވުމާ އެކު ދިވެހި ސަރުކާރުން 1985 ވަނަ އަހަރު ފެލިވަރުގެ ކާރުހާނާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށިއެވެ. މިމަސައްކަތް 1986 ވަނަ އަހަރު ނިންމާ ލެވިފައި ވާއިރު، އަދި އަދަށް ދާންދެންވެސް މި ކާރުހާނާގެ ހާލާތު ހުރީ ހަމަ އެ ފެންވަރުގައެވެ.

މިދުވަސްވަރު ރާއްޖޭގެ އުތުރުގެ މަސްވެރިކަން ތިޔާގިވެ، މަސްދޯންޏަކުން ދުވާލަކު 50 ޓަނާއި 100 ޓަނާއި ދެވެދު މަސްބާނައި ކިރަން ފެލިވަރަށް ދާއިރު، އަދިވެސް ފެލިވަރުގައި ދުވާލެއްގެ މައްޗަށް ބަނދު ކުރެވެނީ 65 ޓަނުގެ މަހެއެވެ. ގަނޑުކޮށްފައިވާ މަސް ރައްކާކުރުމަށް ހުންނަނީ 750 ޓަނުގެ ޖާގައެވެ. މަސް ގަނޑުކުރުމަށްފަހު ދުވާލެއްގެ މައްޗަށް ކާރުހާނާގައި ރައްކާ ކުރެވެނީ 15 ޓަނު މަހެވެ. ރެފްރިޖެރޭޓެޑް ސީ ވޯޓަރ (އާރްއެސްވީ) ޓޭންކު ތަކުގައި ރައްކާ ކުރެވެނީ 10 ޓަނުގެ މަހެވެ. ފެލިވަރުގައި މަސް ކިރުމަށް ހާއްސަ ދެ ބޯޓު އޮންނަ އިރު ބަންދުކޮށްފައިވާ 158،400 (އެއްލައްކަ ފަންސާސް އަށް ހާސް ހަތަރު ސަތޭކަ) މަސްދަޅު ރައްކާކުރެވެއެވެ.

ނަމަވެސް މިގޮތަށް ދެތިން ހަތަރު ދޯނި މަސް ކިރާލާއިރަށް ފެލިވަރުގެ އައިސް ސްޓޯރޭޖްތައް ހުންނަނީ ފުރިފައެވެ. ބަންދުކުރެވޭ 65 ޓަނުގެ މަހުގެ ބާކީ އޮންނަ 100 އަށް ވުރެ ގިނަ ޓަނުގެ މަސް ހުންނަނީ ބާކީވެފައެވެ. މި މަސްތައް ފަހަށް ރައްކާކުރާނެ ޖާގަ ނެތުމުން ފެލިވަރަށް ޖެހެނީ މަސްވެރިންގެ އަތުން 1850 ޑޮލަރަށް ގަންނަ މަސް ޓަނުތައް 400 ޑޮލަރު މަދުކޮށް ތައިލޭންޑުގެ މަސް ބަންދުކުރާ ކާރުހާނާތަކަށް ވިއްކާލާށެވެ.

މަހަކީ މާ ގިނަ ދުވަހު ރައްކާ ކޮށްފައިވާ ބެހެއްޓޭނެ އެއްޗަކަށް ނުވާތީވެ ބާކީ ހުންނަ މަސްތަށް މަސްވެރިންނަށް ގެންލުން ނުވާނެހެން ކިރާ އަވަސް ގޮތަކަށް ވިއްކާލައެވެ. މި މަހުގެ ޓަނެއް 1300 ޑޮލަރަށް ގަތުމަށް ފަހު، ތައިލޭންޑުގެ ކާރުހާނާ ތަކުން ރާއްޖޭގެ މަހުގެ ގޮތުގައި މި މަސް ބަންދުކޮށް ރާއްޖޭގައި ބަންދުކުރާ މަހަށް ވުރެ އަގުހެޔޮކޮށް މާކެޓަށް ނެރެއެވެ.

މަސް ގަންނަނީ ޔޫރަޕުގެ މާކެޓްތަކުން ކަމަށް ވުމުން، ތައިލޭންޑުން ވިއްކާ ރާއްޖޭގެ މަހާއި ރާއްޖޭގައި ބަންދުކުރެވޭ މަސްދަޅު ތަކާއި އަގުގައި ތަފާތު ތަކެއްހުރުމުން ބައިނަލް އަގްވާމީ މާކެޓުން އެދެވޭ ފައިދާއެއް ކުރާނެ އަގުތަކެއް މިފްކޯއަކަށް ނުނެރެވެއެވެ.

މިކަންކަން ހައްލުކޮށް، ހިންގާ ޕްރޮސެސް ބަދަލު ކުރެވިގެން ނޫނީ ދިވެހި މަސްވެރިކަމުގެ ފައިދާ ރާއްޖެއަކަށް ނުކުރާނެއެވެ. މިފްކޯ ތަރައްގީވެ ފައިދާވާ ކުންފުންޏަކަށް ވެގެން ނޫނީ މަސްވެރިންނަށް އެމީހުން ކުރާ ބުރަ މަސައްކަތުގެ ފުރިހަ ފައިދާ އެއް ނުކުރާނެއެވެ. މިފްކޯ ތަރައްގީ ވުމަށް އެންމެ ފުރަތަމަ އަޅަން ޖެހޭނެ ފިޔަވަޅަކީ މަސް ރައްކާކުރާނެ ޖާގަ ބޮޑުކުރުމެވެ.

އިތުރު މަސް ރައްކާ ކުރާނެ ގޮތް ފުޅާވެގެން ނޫނީ ތިޔާގި މަސްވެރި ކަމުގެ ފައިދާއެއް ނުކުރާނެއެވެ. ދުވާލެއްގެ މައްޗަށް ބަންދު ކުރެވޭ މަހުގެ އަދަދު އިތުރުވެ ތައިލޭންޑަށް ބޭރުކުރާ މަހުގެ އަދަދު މަދު ނުވާނަމަ ރާއްޖޭގައި ބަންދު ކުރާ މަހަށް އެންމެ ފުރިހަމަ ގޮތުގައި ބައިނަލް އަގްވާމީ މާކެޓުގައި ވާދައެއް ނުކުރެވޭނެއެވެ.

މިފްކޯއަށް ލިބޭ ފައިދާ ދަށްވާތީވެ ކުޑަ އަގެއްގައި މަސްވެރިންގެ އަތުން މަސް ގަތުމަކީވެސް މިކަމަށް އޮތް ހައްލެއް ނޫނެވެ. މަސްވެރިންނަށް އެމީހުން ބާނާ މަހަށް ރަނގަޅު އަގެއް ނުލިބޭނަމަ މަސްވެރިކަން ކުރި އަރައިގެން ނުދާނެއެވެ. މަސްވެރިކަމަށް އިންވެސްޓް ކުރާ މީހުންނާއި މަސްވެރިކަމަށް ނިކުންނަ މީހުންގެ އަދަދު މަދުވެގެން ދާނެއެވެ.

މިކަން ކަމަށް ހައްލު ހޯދުމަށް މިފްކޯއާއި މިހާރު ހަވާލުވެގެން ހުންނަ އެސްޓީއޯއިން ވަނީ ޕްލޭންތަކެއް ފަށާފައެވެ. އެ ކުންފުނީގެ ވިސްނުން ހުރީ ފެލިވަރުގެ ކާރުހާނާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަސް ރައްކާ ކުރުމަށް އިތުރު ޖާގަ އުފެއްދުމާއި މަސް ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމެވެ.

މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެވިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް މަސްވެރިކަމުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
20%
9%
63%
3%
3%
ކޮމެންޓް
18 ސެޕްޓެންބަރ 2019 | ބުދަ 10:50
ޙިިރާ
ތިކަން ތިގޮތަަށް ވީ އަދުލީ މެންގެ ސަބަބަބުން. ޢަމިއްލަ ފެކްޓަރީ ހަދާ މި ފްކޯ ގެ ކެޕޭސިތީ އިތުރު ނުކުރި. ޙުރިހާ މަހެއް އެ ފެކްޓަރީ ތަކަށް ވިއްކަން މަޖުބޫރު ކުރުވަނީ. މި ފްކޯގެ ހުރިހާ ބަޔަރުން ތަށް ގަނެލާ އެމީހުންގެ ފެކްޓަރީ ތަކަށް ވިއްކީ އަދުލީ މެންގެ މަސް. މި ފްކޯ ގެ ނަން ބޭނުން ކުރީ މާކެޓިން ދަތުރު ތާކަށް. މިކަންކަން އެގޭނެ ކަނޑުއޮތް ގިރި މުވައްޒަ ފުން ނަށް ބޮޑަށް.
18 ސެޕްޓެންބަރ 2019 | ބުދަ 10:25
ޖޫލީ
މިފްކޯ އަށް ލިބޭފައިސާއިން ކެޕޭސިޓީ އިތުރު ނުކޮށް ސިޔާސީ ބޭނުމަށް ކުރީގެ ސަރުކާރު ތަކުން ފައިސާ އިސްރާފް ކުރި ވާހަކަ ވެސް މިފްކޯ ގެ ނަން އަންނަ ކޮންމެ ތާކު ފާހަގަކުރުން ވެސް ރަނގަޅެވެ. އެއަށްފަހު ދެން ދައްކަންޖެހޭ ވާހަކަ ވެސް ދެއްކުން ރަނގަޅެވެ، ކޮރޮޕްޝަން )ޚިޔާނާތާއި މަކަރު ވެރިކަން ) ކުޑަކޮށްފިނަމަ ރާއްޖެއަށް ކިތަމެ ކަމަކުން ނަފާވާނެ ކިތަމެ މަގެއް ފެންނަށް އެބައޮތެވެ.