ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 18:27
ހ. ކުރެދިމާގެ އިސްމާއިލް އަބްދުލް ގަފޫރު (ދޮންބެ)
ހ. ކުރެދިމާގެ އިސްމާއިލް އަބްދުލް ގަފޫރު (ދޮންބެ)
ޝުއައިބް މުހައްމަދު އިގްބާލް
ނޫސްވެރިކަމުގެ ރަން ގަލަން
30 އަހަރުތެރޭ ދޮންބެގެ އަތުން ކެމެރާ ދޫކޮށްލީ ރަން ގަލަމުގައި ހިފާލުމަށް
 
ފޮޓޯ ނެގުމުގެ ތެރެއަށް ވަދެވުނީ އަމިއްލަ މަސައްކަތެއް ކުރުމުގެ ހިޔާލު ހުރުމުން
 
ފޮޓޯ ނަގާތާ 30 އަކަށް އަހަރު ވެދާނެ ކަމަށް ދޮންބެ ބުނި
 
ދޮންބެ އެންމެ ފުރަތަމަ ފޮޓޯ ނަގަން ގެންގުޅުނީ ފުޖީ ކެމެރާއަކުން

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ބަލާލުމަށްޓަކައި ޓީވީގެ ކައިރީގައި އިށީނދެލީ 2018 ވަނަ އަހަރު އެ ދާއިރާއިން ރަންވަނަތަށް ހާސިލްކޮށް އިނާމުތައް ގެންދަނީ ކޮން ނޫސްވެރިންނެއްތޯ ބަލާލުމުގެ މަގުސަދުގައެވެ.

ޖަލްސާ ފެށިގެން ކުރިއަށްދިޔައިރު ތަރުހީބުގެ އަޑުތައް އިވުނުލެއް މަދެއް ނޫނެވެ. ނަމަވެސް ޖަލްސާގެ ވަކި ހިސާބަކުން އިވިގެން ދިޔައީ އިނާމު ލިބޭ ފަރާތެއްގެ ނަން ގޮވާލުމާއެކު، ކުރިން ނީވޭ ވަރަށް ޖަލްސާގައި ހާޒިރުވެތިބި މީހުންގެ ފަރާތުން އިނާމާއި ހަވާލުވުމަށް އެވަގުތު ގޮވާލެވުނު ފަރާތަށް، އިހުނަށްވުރެ ބާރަށް ތަރުހީބު އޮހިގެން ދިޔަ އަޑެވެ.

ސެޕްޓެމްބަރު 15 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާ ބެލި ކޮންމެ ފަރާތަކަށްވެސް މިކަން ފާހަގަވެގެންދާނެކަން ޔަގީނެވެ. ދައްކަން މިއުޅެނީ އެ ޖަލްސާގެ ތެރެއިން އިނާމު ލިބިގެންދިޔަ، ހ. ކުރެދިމާގެ އިސްމާއިލް އަބްދުލް ގަފޫރުގެ ވާހަކައެވެ. އެންމެން ދަންނަ ނަމުންނަމަ "ދޮންބެ" ގެ ވާހަކައެވެ.

ނޫސްވެރިކަމުގެ ރަން ގަލަން ހަގީގަތުގައިވެސް ދޮންބެއަށް ހައްގެވެ. ދޮންބެގެ ނަން އިވުމާއެކު ޖަލްސާގެ ބައިވެރިން ދިން ތަރުހީބުންވެސް އެކަން ކަށަވަރުވެގެންދެއެވެ.

އަޅުގަނޑަކީވެސް މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުން ދޮންބެގެ ދިރިއުޅުމުގެ އެއް ބާބު ނަމަވެސް އޮތީ ފެނިފައެވެ. މިހާރު "މިއަދު" ނޫހުގައި މަސައްކަތް ކުރަމުން އަންނަ ދޮންބެ އަކީ ފޮޓޯ ޖަރނަލިޒަމްގެ ދާއިރާގައި ނަން މަޝްހޫރު ފަރާތެއްކަން، އަޅުގަނޑަށް ދެވިފައިހުރި ތަފާތު ހަފްލާތަކުންވެސް ފާހަގަކުރެވުނެވެ. ނަން މަޝްހޫރުވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެކުގައި ބައެއް ހަފްލާތަކަށް ދެވިފައިވާއިރު، ފެނުނު މަންޒަރުތަކުން ބުނެވޭނީ ދޮންބެއަކީ ކުރާ މަސައްކަތަށް ފަރުވާތެރި، އެހެން ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުގެވެސް ލޯތްބާއި ގަދަރު ލިބިފައިވާ، މީހުންނާއި ގުޅޭ، އެކުވެރި މިޒާޖެއްގެ ވެރިއެއްކަމެވެ.

އެވޯޑަށް ނޮމިނޭޓް ވެގެންދިޔައިރު އޮފީސް ތެރެއިންވެސް އިވިގެންދިޔައީ އެ އިނާމު ދޮންބެއަށް ލިބެން ޖެހޭކަމަށް، އެކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ބުނި އަޑެވެ. މީގެންވެސް ދައްކުވައިދޭ ކަމަކީ ދޮންބެއަށްޓަކައި މީހުންގެ ހިތުގައި ލޯބި އަށަގެނެވިފައިވާ މިންވަރެވެ. ދޮންބެގެ މަސައްކަތުގެ އަގުވަޒަންކުރާ މިންވަރެވެ.

ފޮޓޯ ނެގުމުގައި މަސައްކަތްކުރާތާ 30 އަހަރު!

ދޮންބެ ކިޔައިދިން ގޮތުގައި އޭނާއަށް ފޮޓޯ ނެގުމުގެ ތެރެއަށް ވަދެވުނީ އަމިއްލަ މަސައްކަތެއް ކުރުމުގެ ހިޔާލުގެ ތެރެއިން މީގެ 30 އަހަރު ކުރިންނެވެ. އަދި އެންމެ ފުރަތަމަ ނަގަންފެށީ ޕޯޓްރެއިޓް ފޮޓޯކަމަށް ދޮންބެ ބުންޏެވެ.

މިއީ މިގޮތަށް މަސައްކަތުގެ އަގު ވަޒަންކުރި ފުރަތަމަ ފަހަރުކަމުން ދޮންބެ ހުރީ ވަރަށްވެސް އުފަލުންނެވެ.

ފޮޓޯ ނަގަން ހުއްޓަ ކުއްލިއަކަށް ނަން ގޮވާލީމަ ވަރަށް އުފާވި، އެއްގޮތަކަށްވެސް އެނގިފައެއް ނޫން އޮތީ، ދެން ހަމަ ކުޑަކޮށް ޝައްކުވެފައި އޮތީ.
ދޮންބެ

ދޮންބެ ބުނިގޮތުން ކުރިންވެސް ނޫސްވެރިކަމުގެ އިނާމަށް ތަކުރާރުކޮށް ނަން ހުށަހެޅި ކަމަށާއި ގައުމީ އިނާމަށްވެސް ނަން ހުށަހެޅިއެވެ. އަދި އެވޯޑް ނުލިބުމުގެ ސަބަބެއް ކަމުގައި ދޮންބެއަށް ފާހަގަ ކުރެވުނީ ދޮންބެއަށް މާ މަޑުމައިތިރިކޮށް ހުރެވުން ކަމުގައި ބުންޏެވެ.

ދޮންބެ އެންމެ ފުރަތަމަ ފޮޓޯ ނަގަން ގެންގުޅުނީ ފުޖީ ކެމެރާއަކުން އަދި އެންމެ ނަގާހިތްވަނީ ނޫސްވެރިކަމާއިގުޅޭ އިވެންޓްތަކެވެ.

ދޮންބެގެ ހުނަރާއި ތަފާތުކަމުގެ ވާހަކައަކީ ނިމުމެއް އަންނާނެ ކަމެއް ނޫނެވެ. އެގޮތުން، އެހެން ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ތެރެއިންވެސް ދޮންބެގެ ކިބައިން ފެންނަ އެހެން ތަފާތު ކަމެއް ހިއްސާކޮށްލާނަމެވެ.

ދޮންބެ މަގުމަތިން ހުރަސްކުރަނިކޮށް ފެނިފައިވާ މީހަކަށްނަމަ މި ދައްކަން އުޅޭ ވާހަކަ ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ. ދޮންބެއަކީ އިވެންޓުތަކަށްދާއިރު އަބަދުވެސް ބައިސްކަލުގައި ދަތުރުކުރާ ފަރާތެކެވެ.

ފުރަތަމަ ފެށުނީއްސުރެ މި ދުއްވަނީ ބައިސްކަލު ދޯ، އެހެންވީމަ ބައިސްކަލުގައި އުޅެނީ، ދެން އެހާ ބޭނުމެއްނުވޭ ސައިކަލު ދުއްވާކަށެއް.
ދޮންބެ

ފޮޓޯ ނެގުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ދޮންބެ ދިން ނަސޭހަތަކީ އެކަމަކީ ރަނގަޅުގޮތުގައި ކޮށްފިނަމަ ވަރަށް ބޭނުންހިފޭނެ ކަމެއް ކަމަށާއި ފޮޓޯނަގަން ބޭނުންވާނަމަ އެގޮތުގައި ކުރިއަށް ދިއުމަށެވެ.

ދޮންބެގެ ކެމެރާގެ ލެންސުން ގިނަ ބައެއްގެ ހިނިތުންވުން ކެޕްޗަރ ކޮށްދީފައިވާއިރު މިހާރުވެސް ކުޑައިރު ޕާކުގައި ފޮޓޯ ނަގައިދޭ ހަނދާންތައް އާވާކަމަށް އެކުވެރިންވެސް ބުނެއުޅެއެވެ. ތެދެކެވެ. ދޮންބެއަކީ ހަމަ "ލެޖެންޑް" އެކެވެ.

ނޫސްވެރިއަކަށްވެހުރެ، އުއްމީދަކީ ދޮންބެ ފަދަ ކުޅަދާނަ، މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ނޫސްވެރިންތަކެއް އިތުރުވުމެވެ. އަދިވެސް އެއްފަހަރު ދޮންބެއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
94%
0%
1%
1%
0%
ކޮމެންޓް