ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 13:08
މަރު ކޮމިޝަނުން އާންމު ކުރި ވީޑިއޯގައި ހިމެނޭ މީހާ
މަރު ކޮމިޝަނުން އާންމު ކުރި ވީޑިއޯގައި ހިމެނޭ މީހާ
ޓްވިޓަރ
ރިލްވާންގެ މައްސަލަ
ރިލްވާން މައްސަލައާ ގުޅިގެން މީހަކު ހޯދުމަށް މަރު ކޮމިޝަނުން ވިޑިއޯއެއް އާންމު ކޮށްފި
 
ފުލުހުން ވަނީ ރިލްވާން މައްސަލައިގައި އެކޮމިޝަނުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތައް އުޅޭ ގެތަށް ބަލައި ފާސްކޮށްފައި
 
ބެލެވޭ ގޮތުގައި މަރުކޮމިޝަނުން އާންމު ކުރި ވީޑިއޯ އަކީ ރިލްވާން ގެއްލުވާލިރޭގެ ވީޑިއޯއެއް
 
ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލެއްގެ މަތީގައި އެމީހާ އިންތަން ވީޑިއޯއިން ފެނޭ

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދުމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުން ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވީޑިއޯ އެއް އާންމު ކޮށްފިއެވެ.

މަރުތަކާއި ބެހޭ ކޮމިޝަނުން އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ހުޅުމާލޭ ފެރީ ޓާމިނަލްގައި މީހަކު ހުޅުމާލެއަށް ދިއުމަށްޓަކައި ރަތް ކުލައިގެ ވޭވް ސައިކަލުގައި އައިސް ސައިކަލު ކިޔުގައި މަޑުކޮށްލާ ތަނެވެ. މަޑު ކުލައެއްގެ ފަޓުލޫނަކާއި ގަމީހެއް ލައިގެން ހުރި އެމީހާ ސައިކަލުގައި މަޑުކޮށްލުމަށްފަހު ފޯނު ބަލާލުމަށްފަހު ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއަށް ވަދެއެވެ. ބެލެވޭ ގޮތުގައި އޭނާ ޓާމިނަލަށް ވަންނަނީ ހުޅުމާލެއަށް ދިއުމަށް ޓިކެޓް ގަތުމަށެވެ. ޓާމިނަލުން ނިކުމެ އަނެއްކާވެސް ސައިކަލު ކިޔުގައި ހަމަޖެހިލައިގެން އެ މީހާ މަޑުކޮށްލައެވެ. ވީޑިއޯ އިން ފެންނަ ގޮތުން އެ މީހާ ސައިކަލް އިން ނައްޓާލަނީ ސައިކަލްތައް ފެރީ އަށް އަރުވަން ގޭޓް ހުޅުވުމުންނެވެ.

މަރު ކޮމިޝަނުގހެ ޓްވީޓުގައި ވަނީ އެ ވީޑިއޯ އިން ފެންނަ މީހާގެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެކޮމިޝަނަށް އެންގުމަށް އެދިފައެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މަރު ކޮމިޝަންގެ އެދުމުގެ މަތިން މިދިޔަ ހަފްތާގައި ފުލުހުން ވަނީ ރިލްވާން މައްސަލައިގައި އެ ކޮމިޝަނުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތައް އުޅޭ ގެތަށް ބަލައި ފާސްކޮށްފައެވެ.

މަރު ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާން މާލެއިން ހުޅުމާލެއަށް ގޮސް އޭނާ ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައި ގޭގެ ކުރިމަތިން ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ވަނީ އޭނާ ރަހީނުކޮށްގެން ރަތްކާރަކަށް އަރުވައިގެން ގެންގޮސް ލޯންޗަކަށް އެރުވުމަށްފަހު ދޯންޏެއްގައި ކަރުބުރިކޮށް މަރާލާފައެވެ. ހުޅުމާލެއަށް އެރޭ ރިލްވާން ދިއުމުގެ ކުރިން އޭނާއަށް ބަޔަކު ފާރަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި މަރު ކޮމިޝަނުން އާންމު ކުރި ވީޑިއޯ އަކީ ރިލްވާން ގެއްލުވާލި ރޭގެ ވީޑިއޯއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
19%
31%
0%
31%
6%
13%
ކޮމެންޓް