ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 02:05
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
ގޫގުލް
ކިމް ޖޮން މަރާލުން
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި
 
މިހާރު ގާނޫނީ ގޮތުން، އެއީ ކިމް ޖޮން ނަމް ކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މެލޭޝިއާ ފުލުހުން ވަނީ ކޮށްފައި

މިދިޔަ މަހު މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލި އުތުރު ކޮރެއާގެ ރައްޔިތަކީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ކަން މެލޭޝިއާގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.

މެލޭޝިއާ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ހާލިދް އަބޫ ބަކުރު ހުކުރު ދުވަހު މިކަން ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މިހާރު ގާނޫނީ ގޮތުން، އެއީ ކިމް ޖޮން ނަމް ކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މެލޭޝިއާ ފުލުހުން ކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކިމް ޖޮން ނަމް ކަން ފުލުހުން ކަށަވަރުކޮށްފައި ވަނީ ކިހިނެއްކަން ތަފްސީލްކޮށްދެވޭކަށް ނެތް ކަމަށާއި އެއީ "މަންޒަރުދުށް މީހުންގެ" ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ އެއާޕޯޓެއްގައި މަރުވީ ކިމް ޖޮން ނަމް ކަން ފުލުހުން ފުރަތަމަ ފަހަރަށް ރަސްމީ ގޮތުން ކަށަވަރުކޮށްދީފައިވާއިރު، ދެން ކިމް ޖޮން ނަމްގެ ހަށިގަނޑު ހަވާލު ކުރާނީ މެލޭޝިއާގެ ހެލްތު މިނިސްޓްރީ އާއެވެ. އެއީ އެއްވެސް ފަރާތަކުން ކިމް ޖޮން ނަމްގެ ހަށިގަނޑު އެފަރާތަކަށް ދިނުމަށް އެދިފައި ނުވާތީއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް