ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 10:11
ޔުނައިޓެޑް އަދި ލެސްޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުނައިޓެޑް އަދި ލެސްޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑް މޮޅުވިއިރު، ނޯވިޗް އަތުން ސިޓީ ބަލިވެއްޖެ
 
ނޯވިޗް އަތުން ސިޓީ ބަލިވީ 2-3 ގެ ނަތީޖާއަކުން
 
ޔުނައިޓެޑް މޮޅުވީ ލެސްޓަރ ސިޓީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު، ނޯވިޗް ސިޓީ އަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ލެސްޓަރ ސިޓީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ މާކަސް ރަޝްފޯޑްއެވެ.

މި ލަނޑަށްފަހު ވެސް ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ލީޑު ފުޅާކުރަން ވެސް އެ ޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ލެސްޓަރއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފާފައެއް ނުވެއެވެ.

ދެވަނަ ހާފްގައިވެސް ދެ ޓީމުގެ ފަރާތުން ހަމަލާތަކެއް ފެނިފައިވާއިރު، ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައެވެ. މެޗުން ބަލިވި ލެސްޓަރ އޮތީ ކުޅުނު ފަސް މެޗާއެކު ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ފަސް ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ނޯވިޗް އަތުން ސިޓީ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

ނޯވިޗް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 18 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެކްލީންއެވެ.

މި ލަނޑާއެކު ސިޓީން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފެއްދި ނަމަވެސް، 28 ވަނަ މިނެޓުގައި ނޯވިޗްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާންޓްވެލްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 45 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 1-2 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ނޯވިޗް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވާއިރު، ނަތީޖާ ހަމަހަމަ ކުރުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނަމަވެސް ސިޓީން ރަނގަޅަށް ކުޅެމުން ދަނިކޮށް ނޯވިޗްއިން ވަނީ ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕުކީއެވެ. މެޗު ނިމުމުގެ ކުރިން ސިޓީގެ ރޮޑްރީ ހެނާންޑޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން މޮޅުވި ނޯވިޗް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް