ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 08:03
ރެއާލް އަދި ލެވެންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ލެވެންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބެންޒެމާގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ
 
ރެއާލް މޮޅުވީ ލެވެންޓޭއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ކަރިމް ބެންޒެމާގެ ދެ ލަނޑުން ރެއާލް މެޑްރިޑުން ލެވެންޓޭ ބަލިކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ރެއާލް މޮޅުވީ ލެވެންޓޭއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ލެވެންޓޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބެންޒެމާއެވެ. މި ލަނޑަށްފަހުވެސް ރެއާލްއިން ދިޔައީ ގިނަ ހަމަލާތައް އުފައްދަމުންނެވެ.

އެގޮތުން 31 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ހަމޭސް ރޮޑްރިގޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބެންޒެމާއެވެ. ހާފް ނިމުމުގެ ކުރިން ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ވިނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކަސަމީރޯއެވެ.

ދެވަނަ ހާފް ފެށިގެން ލެވެންޓޭއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 49 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކްލާކްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބޯޖާ މަޔޯރަލްއެވެ.

ލެވެންޓޭގެ މި ލަނޑާއެކު ރެއާލުން ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފެއްދިއެވެ. ނަމަވެސް ދެވަނަ ހާފްގައި އެޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މެޗު ނިމުމުގެ ކުރިން ލެވެންޓޭގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ޗަމްޕަނާގެ އެހީތެރިކަމާއެކު މެލެރޯއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ލެވެންޓޭ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް