ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 17:56
ޑެހެއާ (ކ) އަދި ސޯލްޝެއާ (ވ)
ޑެހެއާ (ކ) އަދި ސޯލްޝެއާ (ވ)
ގެޓީ އިމޭޖަސް
ޑޭވިޑް ޑެހެއާ
ޑެހެއާ ކްލަބުގައި ބަހައްޓަން ބޭނުން: ސޯލްޝެއާ
 
މި ސީޒަނަށްފަހު ޑެހެއާގެ އެއްބަސްވުން ހަމަވޭ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލު ކީޕަރ ޑޭވިޑް ޑެހެއާ އެ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޯލްޝެއާ ބުނީ، ޑެހެއާ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށާއި، އެކަން އޭނާއަށްވެސް އެނގޭނެ ކަމަށެވެ.

ޑެހެއާއަކީ ފާއިތުވެދިޔަ އަހަރުތަކުގައި މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ މޮޅު ގޯލު ކީޕަރެއް ކަމަށާއި، އެންމެ ޓޮޕް ފޯމުގައި އޭނާގެ ކެރިޔަރު ޔުނައިޓެޑާއެކު ނިންމާލެވޭނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

ދާދި ފަހުން ދަ ޑެއިލީ މެއިލްއިން ބުނީ، ޑެހެއާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ވަރަށް އަވަހަށް އާކުރާނެ ކަމަށާއި، އާކުރާ އެއްބަސްވުމާއެކު އޭނާއަށް ހަފްތާއަކު 375،000 ޕައުންޑު ލިބޭނެ ކަމަށެވެ.

މީގެއިތުރުން އިނގިރޭސި ބައެއް މީޑިއާތަކުން ބުނީ، އާ އެއްބަސްވުމާމެދު ޑެހެއާވެސް ހިތްހަމަޖެހޭ ކަމަށާއި، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

މި ސީޒަނަށް ފަހު ޔުނައިޓެޑާއެކު ޑެހެއާ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯ މެޑްރިޑުން ކެރިޔަރު ފެށި ޑެހެއާ ވަނީ އެޓީމަށް 84 މެޗު ކުޅެފަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 366 މެޗު ކުޅެފަ އެވެ.

އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް، ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިންފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 40 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ އެޓީމާއެކު 17 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް