ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:31
ރިލްވާންގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން
ރިލްވާންގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ހޯހޯ. ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރުކުރުން ގޯސް!
 
ފުލުހުންގެ ބާރުތައް ނަހަމަ ގޮތުގައި ހިފުމުގެ ބިރު ބޮޑު
 
މިހާރު ހުރި އުސޫލުތަކުގެ ތެރެއިން ޓެރަރިޒަމް ވެސް ހުއްޓުވޭނެ

މީގެ 11 އަހަރު ކުރިން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރެވޭ ގޮތަށް އެ ގާނޫނު އަސާސީ ބައްޓަން ވެފައި އޮތުމެވެ. މިކަމާއި މެދު ދެކޮޅު ހަދާނެ އެއްވެސް މީހަކު މި ރާއްޖޭގައި ނުހުންނާނެއެވެ. އެ ހައްގުތަކުގެ ދަށުން ގާއިމް ވެގެން ދިޔަ އުސޫލުތަކުގެ ދަށުން ގާނޫނު ތަންފީޒުކުރަން އުފައްދާފައިވާ މުއައްސަސާތަކަށް މަޖުބޫރު ވެގެން ދިޔަ ދެ ކަމަކީ އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދައިން އަމަލު ކުރުމާއި މީހުންގެ ގެދޮރާއި މުދަލަކީ ރައްކާތެރިކުރެވިފައި ތިބި ތަކެއްޗަށް ވުމެވެ.

މި އުސޫލުތަކުގެ ތެރެއިން ގާއިމްވެގެން ދިޔަ ކަންކަމުގެ ސަބަބުން އެއްވެސް ބަޔަކު ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ބާރު ގެއްލިގެން ދިޔައެވެ. އުސޫލެއްގެ ތެރެއިން ކަންކަން ކުރުމުގެ ބޭނުމަކީ ވެސް އެއީ އެވެ. އެއްވެސް ބަޔަކަށް އެ ބަޔަކަށް ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހަނިކުރުމެވެ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫންތޯއެވެ؟

ނަމަވެސް މިހާރު އެންމެ އަޑު ހަރުކޮށް ދެކެވޭ ވާހަކައަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް އެއްވެސް ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރެވޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން އުޅޭ ވާހަކައެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށައެޅި އިސްލާހުތަކުގެ ތެރޭގައި އޮތީ މި ބާރު ފުލުހުންނަށް ދޭ ގޮތަށް ހިމަނާފައެވެ. އެ ބިލުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ލްގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ މީހަކު އުޅޭ ކަން ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެ ކަމަށް އިސްލާހުތަކުގައި ވަނީ ހިމަނާފައެވެ. އެ ހައްޔަރު ކުރެވުނު ފަރާތެއް ކޯޓަށް ހާޒިރުކުރަން ވެސް ޖެހެނީ ހައްޔަރުކުރާތާ 48 ގަޑި އިރުގެ ތެރޭގައެވެ. މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ސީދާ ޙިލާފުކަމެކެވެ. ކަނޑައެޅިގެން ބޮޑު ގޯހެކެވެ.

ބިލުގެ މަގުސަދު ކިތަންމެހާ ވެސް ސާފެވެ. މަގުސަދަކީ ޓެރަރިޒަމް ހުއްޓުވުމާއި އެފަދަ ހަމަލާއަކުން ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމެވެ. ގޯހީ މަގުސަދެއް ނޫނެވެ. އެ މަގުސަދު ހާސިލުކުރަން ހުށައަޅާފައިވާ އުސޫލުތަކެވެ.

ރައްޔިތުންގެ ތެރޭގައި މިހާރު ވެސް ހުރި އެންމެ ބޮޑެ ކަންބޮޑުވުމަކީ، މިވަރުގެ ބާރުތަކެއް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އިތުބާރު އެބައޮތްތޯއެވެ. އެއްކޮޅަކަސް އިދިކޮޅަކަސް، މިކަމުގައި އެއްގަލަކަށް އަރާނެ އަދި ހިޔާލު އެއްގޮތް މީހުން ގިނައެވެ. މިހާރު ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން ވެސް ފުލުހުންނަށް ގިނަ ބާރުތަކެއް ލިބިފައިވާ އިރު، އެ ގާނޫނުތަކުގެ ބޭނުން ހިފައިގެން ގިނަ މައްސަލަ ސާބިތުނުކުރެވޭ މުއައްސަސާއަކަށް މިވަރުގެ ބާރުތަކެއް ދޭން ހެޔޮ ވާނެތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ، ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެކަމެއް ކުރަން ކަނޑައެޅިފައިވާ އުސޫލަތަކާއި ހަމަތަކުގެ ތެރެއިން ކަމެވެ. ޓެރަރިޒަމް ވެސް ހުއްޓުވަން ޖެހެއެވެ. ނަމަވެސް އެކަން ވެސް ކުރަން ވާނީ ކަނޑައެޅިފައިވާ އުސޫލުތަކެއް ތެރެއިން، އެ އުސޫލުތައް ބާރުވެރި ކުރުވައިގެންނެވެ. މުއައްސަސާތައް ބާރުވެރި ކުރުވަންވީ އެ އުސޫލުތަކުގެ މައްޗަށެވެ. ލިބިފައިވާ ބާރެއްގެ ނާޖާއިޒު މަންފާ ބަޔަކަށް ނެގޭނެ ފަދައިންނެއް ނޫނެވެ. މިކަމަކުން އެއްވެސް ކަހަލަ ކުށެއް އިސްތިސްނާއެއް ނުވެއެވެ.

މިހާރު ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން ވެސް ނިރުބަވެރި ހަމަލާއަކުން ދިވެހި ރައްޔިތުން ރައްކާތެރިކުރެވޭނެއެވެ. ބޭނުންވަނީ ކޮރަޕްޝަނާއި ނުފޫޒަށް ތަބާ ނުވާނެ ކޯޓުތަކާއި ޒިންމާ އަދާކުރުމުގައި ފަސް ނުޖެހޭ ގާނޫނުގެ ތެރެއިން ކަންކުރާނެ މުއައްސަސާތަކެކެވެ. ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް ވަކި މަގުސަދެއް ހާސިލްކުރުމަށް އެއްވެސް މުއައްސަސާއަކާ ނުބައްދަލު ބާރުތަކެއް ދިނުމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
20%
7%
13%
0%
53%
ކޮމެންޓް