ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ރާއްޖެ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސަގާފީ ތަރިކައިގެ ބިލާއި، ޓެކުހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

  • ސަގާފީ ތަރިކައިގެ ބިލަކީ މިދިޔަމަހު 28ގައި މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެއް
  • މިބިލްގެ ތެރެއިން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާނެ
  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 3ވަނަ ދުވަހު

އަމްނާ އިމާދު
amnabinthimad

ކ. މާލެ 12 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:42 2,551

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު - ރައީސް އޮފީސް

ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި ސަގާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓް މަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަގާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނުގެ ބިލެވެ.

މިބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ގާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިހިނގާ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މިބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާހް ހުށަހަޅާފައިވެއެވެ.

އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެ އިތުރުން ވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިސްލާހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުޢާހަދާއަށް ޢަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުޚީގެ ނަން ބަދަލުކުރުން ހިމެނެއެވެ. މިދެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް