ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:54
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މަޖިލިސް
މަޖިލިސް 2019
ޖަލްސާ ބާއްވަން އެދުނު ސަބަބު ސިޓީގައި ވަރަށް ސާފު، ބަހުސަށް ހުޅުވާލާކަށް ނުޖެހޭ!
 
މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ މަޖިލީހުގެ މިހާރު ހިންގާ ގަވާއިދާއި ޚިލާފަށް ކަމަށް
 
އެހެންކަމުން އޭގެ ބޭރުން ބަހުސެއް ކުރިއަށް ގެންދިއުމަކީ ގަވާއިދު ތަންދޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް
 
ދި އެޖެންޑާއާއި ކުރިއަށް ގެންދާނެ ގޮތް ގަވާއިދުގައި ލިޔެވިފައިވާ ކަމަށް ވިދާޅުވި

އެމްޑީޕީގެ 29 މެމްބަރުން ސޮއިކޮށް، މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެދިފައިވާނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ކަމަށާއި ވަރަށް ސާފުކޮށް ސިޓީގައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމުގެ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަޙެޅި ސަބަބާއި ގުޅިގެން ބަހުސް ކުރެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެ ޖަލްސާގައި ހުޅުވާލުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވަމުންނެވެ. އާޒިމް ވިދާޅުވީ ޖަލްސާ ބާއްވާ ސަބަބު ވަރަށް ސާފުކޮށް ސިޓީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެގޮތަށް ބަޔާންކޮށްފަިއވަނިކޮށް ބަހުސްއަށް ހުޅުވާލަންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އިއްޒަތްތެރި ރައީސަށް ހަމަ ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭނެ އަޅުގަނޑުމެން އެ ސިޓީގައި އެބައޮތް ސަބަބުތައް. ދެން އޭގެ އިތުރަކަށް އަޅުގަނޑުމެން މިތަނަށް ތެދުވެ، މަޖިލިސްގެ ގަވާއިދު ބުނާގޮތުން، އަޅުގަނޑު ގަބޫލެއް ނުކުރަން އެއްގަޑީއިރުގެ ބަހުސް މިތާ ކޮށްގެނެއް އެ ސަބަބުތައް އަޅުގަނޑުމެން އިއްޒަތްތެރި ރައީސަށް ތަކުރާރުކޮށް ދަންނަވަން ޖެހޭނެ ކަމަކަށް."
އަލީ އާޒިމް / މެދު ހެންވޭރު ދާއިރާގެ މެމްބަރު

އާޒިމް ވިދާޅުވީ ޓެރަރިޒްމް މަނާކުރުމުގެ ބިލަށް އިސްލާހުތައް ހުށަހެޅި ސަބަބުތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާނެ ކަމަށެވެ. އަދި ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް ޓޭބްލް ކުރައްވާ އުސޫލުގެ މަތިން ޓޭބްލް ކުރެއްވުމަށްފަހު، ބަހުސްކުރުމަށް ހުޅުވާލުމަކީ ގަވާއިދުގައި ތަން ދޭ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ނެތް ގޮތަކަށް އަމަލު ކުރާގޮތަށް ރިޔާސަތުން ކަންކޮށްގެން ނުވާނެ ކަމަށް ވެސް މެމްބަރު އާޒިމް ވިދާޅުވިއެވެ.

މެމްބަރު އާޒިމްއަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ރިޔާސަތުގެ މޭޒުގައި ހިންގާ ކަންކަން ހިންގުމަށް ޖާގަދޭކަމަށެވެ.

"އާދެ އަޅުގަނޑުވެސް ސިޓީ ކިޔާލައިފިން. ސިޓީ ކިއުމަށް ފަހުގައި މިތަނަށް ފުރަތަމަ ކިއުން ކިއުމަށް ޖަލްސާ މިފެށުނީ. މަޖިލީހުގެ ގަވާއިދު އަޅުގަނޑަށް ވަރަށް ސާފުކޮށް، ޖާގަ އެބަދޭ ރިޔާސަތުގެ މޭޒުން ހިންގާ ކަންކަން ހިންގުމަށް."
ރައީސް މުހައްމަދު ނަޝީދު / މަޖިލީހުގެ ރައީސް

މެމްބަރު އާޒިމް ވަނީ ބަހުސް ކުރުމަށް ހުޅުވާލެވުނީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއެއްގެ ދަށުން ތޯ އެއްސެވުމަށް ނިޒާމީ ނުކުތާއެއް ވެސް ނަންގަވާފައެވެ. މަޖިލީހުގެ ރައީސް މެމްބަރަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ނިޒާމީ މައްސަލައެއް ގޮތުގައި ބެލެވޭނީ މެމްބަރު އެ މާއްދާ ދެންނެވުމުން ކަމަށެވެ.

މިހެން ދެންނެވުމާއިއެކު، މެމްބަރު އާޒިމް ދެވަނަ ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެދެފިނަމަ ކަންކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔަންކޮށްފައިވާނެ ކަމަށެވެ. އަދި އެޖެންޑާއާއި ކުރިއަށް ގެންދާނެ ގޮތް ގަވާއިދުގައި ލިޔެވިފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ބޭރުން ބަހުސެއް ކުރިއަށް ގެންދިއުމަކީ ގަވާއިދު ތަންދޭކަމެއްކަމަށް ގަބޫލުނުކުރައްވާކަމަށް މެމްބަރު އާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ މަޖިލީހުގެ މިހާރު ހިންގާ ގަވާއިދާއި ޚިލާފަށް ކަމަށެވެ.

ނިޒާމީ ނުކުތާއެއް ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީސް ޖަލްސާ ކުރިއަށްދަނީ އެޖެންޑާގެ ދަށުންކަމަށެވެ.

"ރިޔާސަތުން އަންގާއެންގުން، އެޖެންޑާ އައިޓަމް ނަމްބަރު ފަހެއް، މި އެޖެންޑާގެ ދަށުން އަޅުގަނޑު އަންގާ އެންގުމެއް މީ."
ރައީސް މުހައްމަދު ނަޝީދު / މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސާ، އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެކަމަށެވެ.

ޖަލްސާ ނިންމަވާލަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދުތަކާއި އިޖުރާއަތްތަކާއި އުސޫލްތައް ހިފަހައްޓަވާ ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ސަރުކާރުން ވިޔަސް، ކުންފުންޏެއްގެ ފަރާތުން ކަމުގައި ވިޔަސް، ނުވަތަ ފަރުދެއްގެ ފަރާތުން ކަމުގައި ވީނަމަވެސް މި މަޖިލީސް ހިނގާނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ރައީށް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުންނަކީވެސް ގަދަރާއި އިއްޒަތް ލިބިގެންވާ، ނަޒާހަތްތެރިކަމުގެ ސުލޫކީ މިންގަނޑުތައް އިންތިހާއަށް ހިފަހައްޓަވާ މެމްބަރުންކަމުގައި އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުން މި ކުއްލި ޖަލްސާ ބޭއްވިގެން ދާއިރުގައިވެސް، މި ރާއްޖޭގައި ހިނގާފައި ހުރި ކަންކަން އެއީ ކުށްގޮތުގައި މި ރާއްޖޭގެ ގާނޫނުގައި ކަނޑަނޭޅިއޮތް ކަމަށް ދެކެވޭ ދެކުމަކަށް އަޅުގަނޑުގެ އެއްބަސްވުމެއް ނެތް. މި ރާއްޖޭގައި ކުރެވޭ، ހިނގާ ކަންކަން އެއީ ކުށްގޮތުގައި ކަނޑައެޅުމަށް އަދި އިތުރު ފުރިހަމަ ކަމެއް ގެނައުން އެއީ އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑު ފުރިހަމައަށް އެއްބަސްވަން."
ރައީސް މުހައްމަދު ނަޝީދު / މަޖިލީހުގެ ރައީސް

ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށައަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނުނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައެވެ.

ބަހުސަށް ހުޅުވާލެވުނީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމުގެ މައްސަލައާއި ގުޅޭގޮތުން މެމްބަރުން ދެކިވަޑައިގަންނަވާ ގޮތް އެނގެން ބޭނުންވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ދެންނެވޭނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވޭ ނަމަ 16 ސެޕްޓެމްބަރުގައި ޖަލްސާ ބާއްވަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނުވަތަ އާންމު ގަވާއިދުގެ ދަށުން 7 ދުވަސް ފަހުން ޖަލްސާއެއް ބޭއްވިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
20%
0%
20%
ކޮމެންޓް