އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ރާއްޖެ - ރައީސުލް ޖުމްހޫރިއްޔާ

އުނގޫފާރު ކައުންސިލަރުންނާ މުއައްސަސާތަކުގެ އިސް ވެރިންނާއި ރައީސް ބައްދަލުކުރައްވައިފި

  • ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 11 ސެޕްޓެންބަރ 2019 | ބުދަ 18:21 1,483

ރ. އުނގޫފާރު ކައުންސިލާއި ރައީސް ބައްދަލު ކުރެއްވުން - ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް މިލަދުންމަޑުލު ދެކުނުބުރީ އުނގޫފާރު ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ބުދަ ދުވަހު މެންދުރު މީދޫ ސްކޫލްގައި ބޭއްވެވި މިބައްދަލުކުރެއްވުން ފައްޓަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކާއި މުޢައްސަސާތަކާ ބައްދަލުކޮށްލެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުޢައްސަސާތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުންކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ.

އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނެރުބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓިފައިވާތީ ހުރި ކަންބޮޑުވުންތަކާއި، ފެނުގެ ނިޒާމު ޤާއިމުކުރެވިފައި ވީނަމަވެސް ފެނުގެ ޚިދުމަތް ދޭން ފެށިފައި ނުވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެއިތުރުން ރަށުގައި ތަރައްޤީ ކުރާ އިސްލާމީ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނަމާދުކުރެވޭނެ އިންތިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ ކަމާއި، އިތުރު ވަޞީލަތްތަކާއެކު ހޮސްޕިޓަލް ތަރައްޤީކުރުމާއި ރަށުގެ ބިމުގެ ދަތިކަމާއި ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ސީ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ދިމާވަމުންދާ މައްސަލަތައް ވެސް ކައުންސިލާއި މުޢައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައި ވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ކައުންސިލާއި މުޢައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރެއްވިއެވެ.

މީގެއިތުރުން ކައުންސިލާއި މުޢައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް