ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 14:09
ރައްޔިތުންގެ މަޖިލީސްގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީސްގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީސް
ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހް ގެންނަނީ
 
ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހް ގެންނަންޖެހޭކަން ރައީސް ސޯލިހް ފާހަގަކުރައްވާފައިވޭ
 
އެޖެންޑާގައި އޮތް ހަމައެކަނި މަސައްކަތަކީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާގް ގެނައުމުގެ ބިލްގެ މަސައްކަތް
 
ޖަލްސާ ބާއްވައިދިނުމަށް އެދި ހުށަހެޅީ އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް

ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާ، ޓެރަރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް އެޖެންޑާކޮށްފި އެވެ.

ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ. ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ޕީޖީ ލީޑަރު އަލީ އާޒިމް އެވެ. އާޒިމް ހުށަހެޅުއްވީ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެކަމަށެވެ.

ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު، ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށައަޅުއްވާފައިވާ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާ ކުރުމުގެ ޤާނުނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ދައުރުން ބޭރު ޖަލްސާއެއް ތާވަލުކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުން ތާވަލުކޮށްފައިވާއިރު، އަނިޔާވެރިކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންދާއިރު ޓެރަރިޒަމްގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ޚާއްސަކޮށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް އެއަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި ތަހުގީގު ކުރެވޭނެ ގޮތްތަކަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ހައްޔަރުކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް ކަމަށާއި، ފުރަތަމަ ހައްޔަރުކުރުމަށްފަހު 48 ގަޑައިރު ތެރޭގައި ކޯޓަށް ހާޒިރުކުރަންޖެހޭ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން ހައްޔަރުކޮށްފައި ބަހެއްޓޭނީ ވަކި މުއްދަތެއްގައިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިފަދަ ބޮޑުކަމެއް ޓެރަރިޒަމްއާ ގުޅޭ އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރުކުރެވޭ މީހަކު ތަހުގީގުކޮށް ނިމި، އަދި ސަރީއަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ކަމަށެވެ. އެހެންކަމުން މިޖާގަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ފޮލިހަށްށާއި، ޕްރޮސެކިއުޓަރ ޖެނަރަލްއަށްށާއި، އަދި ކޯޓުތަކަށް ވެސް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ. އެނގިވަޑައިގަންނަވާނެ މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތް ގޮތުން އޭނގެ އަސްލު ޓެރަރިސްޓުންނާއި ނޫނިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާލަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ އެހެން ދިމާލަކަށް. އެހެންވީމަ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް އެއަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި ތަހުގީގު ކުރެވޭނެ ގޮތްތައް ޓެރަރިޒަމްގެ ގާނޫނު އެބަ ބަދަލުކުރަންޖެހޭ. ހަމައެއާއެކު ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި.
އިބްރާހިމް މުހައްމަދު ސޯލިހް / ރައީސުލްޖުމްހޫރިއްޔާ
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
57%
0%
29%
0%
0%
ކޮމެންޓް