ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 00:32
ޗައިނާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޗައިނާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ރާއްޖެ - ޗައިނާ މެޗު
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!
 
މެޗަށް ރާއްޖެ ނިކުތީ އެކަށީގެންވާ ތައްޔާރީތަކާ ނުލައި
 
ޗައިނާއިން ވަނީ ރާއްޖޭގެ މައްޗަށް 0-5 ގެ ނަތީޖާއިން ކުރިހޯދާފައި

ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ގައުމުގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ އެތައް ބަޔެއްގެ ސަމާލުކަން ހުއްޓުނު މެޗެކެވެ. މެޗާ ރާއްޖެ ކުރިމަތިލިއިރު، ސަޕޯޓަރުން ތިބީ ވަރަށް ބޮޑު އުންމީދެއްގައެވެ. ބައެއް ސަޕޯޓަރުން މޮޅަކަށް ހިފިއިރު، ދެން ތިބި ސަޕޯޓަރުން އުންމީދު ކުރަމުންދިޔައީ މެޗު އެއްވަރުވެދާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މައްޗަށް ޗައިނާއިން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ. މިއީ ހަމަ ގައިމުވެސް ސަޕޯޓަރުން އުންމީދުކުރި ނަތީޖާއެއް ނޫނެވެ.

މި ނަތީޖާ ރާއްޖެ ކޮޅަށް ނިކުމެދާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ސަބަބުތައް ބައިވަރެވެ. ވޯލްޑް ކަޕް ކޮލިފައިންއަށް އަމާޒުކޮށް ރާއްޖެއިން އެދެވޭ ގޮތެއްގައި ތައްޔާރުވެފައެއް ނުވެއެވެ. ޗައިނާއާ ދެކޮޅަށް މެޗު ކުޅުމުގެ ކުރިން، ކޮލިފައިންގައި ރާއްޖެ ނިކުތީ ގުއާމްއާ ދެކޮޅަށެވެ. ގުއާމް ކުރިން ރާއްޖެއިން ރަހުމަތްތެރިކަމުގެ މެޗެއް ރާއްޖެއިން ކުޅެފައެއް ނުވެއެވެ. އެގޮތުން ޗައިނާ މެޗަށް ރާއްޖެ ނިކުތީ މެޗު ތަޖުރިބާ މަދުކޮށް، އަދި ރަނގަޅަށް ތައްޔާރުނުވެއެވެ.

ޗައިނާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މިހާރު

މީގެކުރިން ބޮޑު މެޗަކާ ރާއްޖެ ކުރިމަތިލާއިރު، ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެއެވެ. ނަމަވެސް ކޮލިފައިންގައި ގުއާމް އަދި ޗައިނާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ރަހުމަތްތެރިކަމުގެ މެޗެއް ނުކުޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. މި އަހަރު ރަހުމަތްތެރިކަމުގެ މެޗެއް ރާއްޖެއިން އެއްވެސް ގައުމަކާ ދެކޮޅަށް ނުކުޅެއެވެ.

އަމިއްލަ ދަނޑުގައި ރަހުމަތްތެރިކަމުގެ މެޗެއް ރާއްޖެއިން އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވަނީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެއަށް ލަދުވެތި ނަތިޖާއެއް ލިބުނުއިރު، އެ މުބާރާތަށްވެސް ޓީމު ފުރީ އެކަށީގެންވާ ތައްޔާރީތަކާ ނުލައެވެ.

ރާއްޖެއަކީ އަމިއްލަ ދަނޑުގައި އަބަދުވެސް ތަފާތު ޓީމެކެވެ. އަމިއްލަ ދަނޑުގައި ނެރެފައި ހުރި ނަތީޖާތަކުން އެކަން އެނގެއެވެ. އޭގެ ތެރޭގައި 2001 ވަނަ އަހަރު ޗައިނާ އަތުން 0-1 ގެ ނަތީޖާއިން ބަލިވި މެޗާއި، 2004 ވަނަ އަހަރު ސައުތު ކޮރެއާ އަތުން 0-0 ގެ ނަތީޖާއިން އެއްވަރުވި މެޗު އަދި ގަތަރު އަތުން 0-1 ގެ ނަތީޖާއިން 2015 ވަނަ އަހަރު ބަލިވި މެޗު ހިމެނެއެވެ. މިއީ އަމިއްލަ ދަނޑުގައި ބައެއް ޓީމުތައް އަތުން ރާއްޖެއިން ހޯދާފައިވާ ރަނގަޅު ނަތީޖާތަކެވެ.

ރާއްޖެ އަދި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް

ޗައިނާފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖެއިން މެޗު ކުޅުނުއިރު، ރަނގަޅަށް ތައްޔާރު ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މެޗަކާ ކުރިމަތިލާއިރު ޓީމަށް ތައްޔާރުވާން ފުރުސަތު ދޭން ޖެހެއެވެ. ރަނގަޅު ޓީމެއް ބިނާކުރެވޭނީވެސް ޓީމަށް ވަގުތު ދީގެން، ޓީމަށް އެކަށީގެންވާ ވަރަށް ފަރިތަކުރުންތައް ލިބިގެންނެވެ. 10 ވަރަކަށް ދުވަހުގެ ފަރިތަކުރުމާއެކު، ރަހުމަތްތެރިކަމުގެ މެޗެއްވެސް ނުކުޅެ ބޮޑެތި މެޗުތަކާ ކުރިމަތިލުން ހުއްޓުމަކަށް ގެންނަންޖެހެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިފަހަރު ރާއްޖެއިން ކަނޑައަޅާފައިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެގޮތުން އަދި ޗައިނާ އަތުން ބަލިވިޔަސް އެ ފުރުސަތެއް ނުގެއްލެއެވެ. ގްރޫޕްގައި ރާއްޖެއަށް އަދި ހަ މެޗު އެބަތޮވެ ރާއްޖެ ހިމެނެނީ ޗައިނާގެ އިތުރުން ގުއާމް އާއި ފިލިޕިންސް އަދި ސީރިޔާއާއެކު އެއް ގްރޫޕެއްގައެވެ. ގްރޫޕްގައި ރާއްޖެ ދެން ނިކުންނަން ޖެހޭނީ އަންނަ އޮކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ސީރިޔާއާ ދެކޮޅަށެވެ. މި މެޗަށް ދުރާލައި ރާއްޖެއިން ތައްޔާރުވާން ޖެހެއެވެ. ނޫންނަމަ، ކަނޑައަޅާފައިވާ ޓާގެޓް ހާސިލުވުމަކީ ވަރަށް ދުރު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
41%
0%
12%
35%
12%
0%
ކޮމެންޓް
11 ސެޕްޓެންބަރ 2019 | ބުދަ 10:26
އައްޔ
ރާއްޖެ ކުޅުންތެރިންނަށް އެއްވެސް ވަރަކަށް ޗައިނާ ކުޅުންތެރިންކާރީ ބޯޅަ ހިފާޓާނުލެވޭ. ކޮންޓްރޯލްވެސް ވަރަށް ދައް. ބުންވަރެއްވެސް ނެތް ވަރުގަދަޔަށް ދުވެލާގެން ގޭން ޖައްސާލާހާ. ވަރަށް ދައްކަމަށް ފާހަގަވީ.