ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 18:55
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މިރާ)
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މިރާ)
މުހައްމަދު ޝަރުހާން
މީރާ
ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މިއަހަރު މީރާއަށް ލިބުނު އާމްދަނީ ދަށް
 
އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ޖީއެސްޓީ ދައްކަން ޖެހޭ ބައެއް ފަރާތްތަކުން ޖީއެސްޓީ ސުންގަޑިއަށް ދައްކާފައިނުވާތީ

ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މިއަހަރުގެ އޮގަސްޓް މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީރާ އަށް ބަލައިގެންފައިވަނީ 862.91 މިލިއަން ރުފިޔާއެވެ. މިއީ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 14.8 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 3.4 އިންސައްތަ ދަށް އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހަށް ވުރެ މިއަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ އޮގަސްޓް 2018 ގައި ލޭންޑް އިކުއިޒިޝަން ފީ، ކޮންސްޓްރަކްޝަން އެކްސްޓެންޝަން ފީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަން ޖެހޭ ފައިސާއެއް ކަމަށްވާތީއެވެ. މީގެ އިތުރުން އާމްދަނީ ދަށްވި އަނެއް މައިގަނޑު ސަބަބަކީ ޖީއެސްޓީ ދައްކަން ޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ޖީއެސްޓީ ދައްކާފައިނުވާތީ ކަމަށް މީރާ އިން ބުނެއެވެ.

މި އަހަރުގެ އޮގަސްޓް މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 481.72 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ބީޕީޓިއަށް ލިބިފައިވާއިރު އެއީ 114.67 ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 72.09 ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ޑިވަލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވަނީ 53.36 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީ ގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 88.94 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އޮގަސްޓް މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 30.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 200 އަށްވުރެ ގިނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ކުރިން ހާމަކޮށްފައެވެ.

މީރާއަށް ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 23 ފަރާތަކާއި، އާންމު ވިޔަފާރި ކުރާ 134 ފަރާތެއް ހިމެނޭ ކަމަށާއި ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަން އާންމުކޮށްފައިވަނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާ އިން އަމަލު ކުރަމުން ގެންދާ އުސޫލުގެ ދަށުން ކަމަށް މީރާ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް