ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ކުޅިވަރު - ޔޫރޯ ކޮލިފައިން

ޔޫރޯ ކޮލިފައިން: ނެދަލޭންޑްސް އާއި ޖަރުމަންވެސް މޮޅުވެއްޖެ

  • ޖަރުމަން މޮޅުވީ ނޮދަން އަޔަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
  • ނެދަލޭންޑްސް މޮޅުވީ އެސްޓޯނިއާއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުން

ލީވާން އަލީ
MrLeevaan

ކ. މާލެ 10 ސެޕްޓެންބަރ 2019 | އަންގާރަ 08:39 2,072

ޖަރުމަން އަދި ނޮދަން އަޔަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ޓްވިޓަރ

ޔޫރޯ ކޮލިފައިންގައި ނެދަލޭންޑްސް އާއި ޖަރުމަން ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ޖަރުމަން މޮޅުވީ ނޮދަން އަޔަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ނޮދަން އަޔަލޭންޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޖަރުމަނުންނެވެ. އެގޮތުން އެޓީމުން ދިޔައީ ނޮދަން އަޔަލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

މުޅި މެޗުގައިވެސް ނޮދަން އަޔަލޭންޑްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޖަރުމަނުން އުފައްދާ ހަމަލާތައް އެޓީމުން ވަނީ ފުރަތަމަ ހާފްގައި ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ ޖަރުމަން އަދި ނޮދަން އަޔަލޭންޑަށްވެސް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ތިންވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެލްސްޓެންބާގެވެ. މި ލަނޑަށްފަހުވެސް ޖަރުމަނަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައިވެސް ނޮދަން އަޔަލޭންޑަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، ގޯލާ އަމާޒުކޮށްވެސް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ލީޑު ޖަރުމަނުން ނެގީ އިތުރު ވަގުތުގައެވެ. މި ލަނޑު ހަވާޓްޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ގަބްރީއެވެ.

މި ނަތީޖާއާއެކު ޖަރުމަން އޮތީ ގްރޫޕްގައި ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ނޮދަން އަޔަލޭންޑަށްވެސް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ލަނޑުގެ ތަފާތުން ލިބެނީ ދެވަނައެވެ.

ހޯމަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ނެދަލޭންޑްސް މޮޅުވީ އެސްޓޯނިއާއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

އެސްޓޯނިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެލޭ ބްލިންޑްގެ އެހީތެރިކަމާއެކު ރަޔާން ބަބެލްއެވެ.

މި ލަނޑަށްފަހުވެސް ނެދަލޭންޑްސްއަށް ފުލުފުލުގައި ލަނޑު ޖެހުމަށް ވަނީ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ފުރަތަމަ ހާފްގައި ހިފިފައެއް ނުވެއެވެ.

މި ހާފްގައި އެސްޓޯނިއާ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމަށް އެއްވެސް ފުރުސަތެއް ހޯދިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ދެވަނަ މިނެޓުގައި ނެދަލޭންޑްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެންފިސް ޑިޕޭގެ އެހީތެރިކަމާއެކު ބަބެލްއެވެ.

މި ލަނޑާއެކު ނެދަލޭންޑްސްގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 76 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މި ލަނޑު މަތައިސް ޑެލައިޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑިޕޭއެވެ. އަދި މެޗު ނިމުމުގެ ކުރިން ޑިޕޭގެ އެހީތެރިކަމާއެކު ވައިނަލްޑަމް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ނެދަލޭންޑްސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި އެސްޓޯނިއާ އޮތީ ކުޅުނު ފަސް މެޗުންވެސް ބަލިވެ، ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް