އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ވިޔަފާރި - ބީއެމްއެލް އިސްލާމިކް ބޭންކިންގ

ބީއެމްއެލް އިސްލާމިކް ބޭންކިންގގެ އާ ހެޑްކުއަރޓަރސް ހުޅުވައިފި

  • އިސްލާމިކް ބޭންކިންގ އަކީ ޕާރޓްނާޝިޕްގެ މައްޗަށް ބިނާވެގެންވާ ބޭންކިންގ ސިސްޓަމެއް
  • ހުޅުވިގެން މިދިޔަ އާ ހެޑްކުއަރޓަރސް އާއެކު ބީއެމްއެލް އިސްލާމިކް ބޭންކިންގ އިން ދެމުން އައި ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ
  • ބޭންކަށް ޖަމާކުރާ ފައިސާ ބޭނުންކުރެވޭނީ ޝަރީއާ ހުއްދަ ބޭނުންތަކަށް

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 8 ސެޕްޓެންބަރ 2019 | އާދީއްތަ 23:55 2,250

ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ އާ ހެޑްކުއަރޓަރ ހުޅުވުމުގެ މަގްސަދަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނޭ - ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ބޭންކިންގގެ އާ ހެޑްކުއަރޓަރސް ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގު، ހ. ޒޮނޭރިއާގައި ހުންނަ މި ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ، ޓިމޮތީ ސޯޔާ އެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންގްގެ ހެޑްކުއަރޓަރސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ބޭންކިންގ އަކީ ޕާރޓްނާޝިޕްގެ މައްޗަށް ބިނާވެގެންވާ ބޭންކިންގ ސިސްޓަމެއް ކަމުގައެވެ. އަދި މި ސިސްޓަމްގެ ސަބަބުން ކުދި ވިޔަފާރިތައް ކުރިއަރައި ތަރައްގީވުމަށް އެހީވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ބޭންކިންގ ސިސްޓަމް ބޭނުން ކުރާ ފަރާތްތައް އިތުރުވާ ވަރަކަށް ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށް ފާހަގަ ކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ، ޓިމޮތީ ސޯޔާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ގެ ސީއީއޯ، ޓިމޮތީ ވިދާޅުވީ ހުޅުވިގެން މިދިޔަ އާ ހެޑްކުއަރޓަރސް އާއެކު ބީއެމްއެލް އިސްލާމިކް ބޭންކިންގ އިން ދެމުން އައި ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމުގައެވެ. އަދި މި ހިދުމަތްތަކަކީ ވަކި ވަކި ފަރުދުންގެ އިތުރުން ވިޔަފާރިވެރިންނާ ވިޔަފާރިތަކަށް ވެސް އޭގެ ފައިދާ ކުރާނެ ހިދުމަތްތަކެއް ކަމަށް ޓިމޮތީ ވިދާޅުވިއެވެ.

ޓިމޮތީ އިތުރަށް ވިދާޅުވީ ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ހިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމުގައެވެ. އަދި ބީއެމްއެލް އިސްލާމިކް ގެ ހިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެން ކަމުގައި ވެސް ޓިމޮތީ ވިދާޅުވިއެވެ. މި ކަންތައްތައް ބަލަހައްޓާނީ ބައިނަލްއަގްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީ އަކުން ކަމަށް ޓިމޮތީވަނީ ވިދާޅުވެފައެވެ.

24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެ

ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީން ކަމަށާއި މި ފައިސާ ބޭނުންކުރެވޭނީ ޝަރީއާ ހުއްދަ ބޭނުންތަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. ހުޅުވިގެންދިޔަ އާ ހެޑްކުއާރޓާސް އިން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ހިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ހިދުމަތް ފޯރުކޮށްދިވިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މި އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީއާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށާ 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމުގައެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ އާ ހެޑްކުއަރޓަރސް ހުޅުވުމުގެ މަގްސަދަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް