ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 20:03
ޑިއެގޯ މެރަޑޯނާ
ޑިއެގޯ މެރަޑޯނާ
ގެޓީ އިމޭޖަސް
ޑިއެގޯ މެރަޑޯނާ
އާޖެންޓީނާގެ ކްލަބަކާ މެރަޑޯނާ ހަވާލުވެއްޖެ
 
ޖިމްނާސިއާގެ ސަޕޯޓަރުން އުފާކޮށްދެވޭވަރުގެ ރަނގަޅު ނަތީޖާއެއް ނެރެދޭން ބޭނުން

އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޖިމްނާސިއާގެ ކޯޗުކަމާ ފުޓުބޯޅަ ލެޖެންޑް ޑިއެގޯ މެރަޑޯނާ ހަވާލުވެއްޖެއެވެ.

މަރަޑޯނާ ޖިމްނާސިއާއަށް ބަދަލުވިކަން އެ ކްލަބުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ، ޓީމުގެ މިހާރު އޮތް ހަލާތު ބަދަލުކުރަން އާ ކޯޗު މެރަޑޯނާއާއެކު ހިތްވަރު ލިބިފައިވާ ކަމަށެވެ.

މަގާމާ ހަވާލުވުމަށްފަހު މެރަޑޯނާ ބުނީ، އޭނާއާ ޖިމްނާސިއާއިން ހަވާލުކުރި މަސައްކަތް ފުރިހަމައަށް އަދާކުރަން ބޭނުންވާ ކަމަށާއި، ސަޕޯޓަރުން އުފާކޮށްދެވޭވަރުގެ ރަނގަޅު ނަތީޖާއެއް ނެރެދޭން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން މެރަޑޯނާ ހަވާލުވެގެން ހުރީ މެކްސިކޯގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ޑޮރަޑޮސް ޑި ސިނަލޯއާއެވެ. އޭނާ އެޓީމާ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ހަވާލުވިއިރު، މަގާމު ދޫކޮށްލީ މި އަހަރުގެ ޖޫން މަހު ސިއްސީ މައްސަލަތަކެއް ކުރިމަތިވިކަމަށް ބުނެއެވެ.

މެރަޑޯނާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ކުޅުނު 24 މެޗުގެ ތެރެއިން އެ ޓީމު ވަނީ 18 މެޗު ކާމިޔާބު ކޮށްފައެވެ.

މެރަޑޯނާ އާޖެންޓީނާގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފައި ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން 0-4 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމާއި ވިދިގެންނެވެ.

މެރަޑޯނާއަކީ ކޯޗެއްގެ ގޮތުގައި ކާމިޔާބު މީހަކަށް ނުވިޔަސް އޭނާއަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ގިނަ ކާމިޔާބު ހޯދާފައިވާ މީހެކެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި 34 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް