ހޮނިހިރު 24 އޮކްޓޯބަރ 2020
07 ހެއި
1442 ރަބީއުލް އައްވަލް 07
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:05
މަގޭ ރިޕޯޓް

މަގާމުން ވަކި ކުރުމަކީ ހައްގު އަދަބު ލިބުމެއް ނޫން!

  • ޑީޑީ މަގާމުން ވަކިކޮށްފައިވަނީ މަޖިލީހުން ފާސްކޮށްގެން
  • ލުތުފީ އިސްތިއުފާ ދެއްވީ މެލޭޝިއާގައި ހުންނަވައިގެން
  • އިސްތިއުފާ ދެއްވުމަކީ ކޮށްފައި ހުރި ކުށްތަކުން ބަރީއަ ވުމެއް ނޫން

ކ. މާލެ | 6 ސެޕްޓެންބަރ 2019 | ހުކުރު 14:47 | 6,698

ރައްޔިތުންގެ މަޖިލިސް - ރައްޔިތުންގެ މަޖިލިސް

މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޖަރީމާތައް ހިންގާފައިވަނީ ދިވެހި ދައުލަތް ބޭނުން ކޮށްގެންނެވެ. އެޖަރީމާތަކުގައި ސަރުކާރުގެ އިސްވެރިނާއި, މުއައްސަސާތަކުގެ އިސް ފަރާތްތައް ބައިވެރި ވެފައިވާކަމުގެ ތުހުމަތުތައް ކުރެވިފައިވާއިރު އޭގެއިން ބައެއް ފަރާތްތައް ވަނީ ތުހުމަތުތަކާއެކު މަގާމުން ދުރުކޮށްފައެވެ. އަދި ބައެއް ފަރާތްތައް ވަނީ ތުހުމަތުތަކާއެކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ވެސް ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ކުރެވުނު ސީރިއަސް ބޮޑެތި ތުހުމަތުތަކާއެކު އޭނާ ވަނީ ރާއްޖެ ދޫކުރައްވައި މެލޭޝިއާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައެވެ. ކުރީގެ ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ނުހައްގު ދައުވާ އުފުލައި ޝަރީއަތްތައް ހިންގިއިރު ޑީޑީއަކީ ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑީޑީ ވަޑައިގެންނެވީ ކުއްލި ޕްރޮމޯޝަން ތަކުންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު ފަނޑިޔާރަކަށް ހުންނަވައިގެން ކުރެއްވި ނުފޫޒުގަދަ ކަންތައް ޖޭއެސްސީގެ ތަހުގީގުން ހާމަވެގެން ދިޔައެވެ. އަވަސް އަރުވާލައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވުމުގައި ޑީޑީ ރިޝްވަތު ނެންގެވިކަމުގެ ތުހުމަތެވެ. އަދިވެސް އެތަށް ތުހުމަތު ތަކެވެ. އޭނާއަށް ކުރެވުނު ތުހުމަތުތަކާއެކު ފަނޑިޔާރުކަމުން ވަކި ކުރެއްވުނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީގެ) ކުރީގެ ރައީސް ހަސަން ލުތުފީ އަމަލުކުރެއްވި ކަމަށް ކުރެވުނު ތުހުމަތުތަކާއެކު އޭނާވެސް ހުންނެވީ މެލޭޝިއާގައި އާއިލާއާއިއެކު އެވެ. މެލޭޝިއާއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށްފަހު މަގާމުން އިސްތިއުފާދެއްވީވެސް އެގައުމުގައި ހުންނަވައެވެ.

ފަނޑިޔާރު ޑީޑީ ވެސް ލުތުފީ ވެސް މެލޭޝިއާއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވީ އެދެބޭފުޅުންނަށް ތުހުމަތު ކުރެވުނު މައްސަލަތައް ބަލަން ފެށި ހިސާބުންނެވެ.

މި ލިސްޓަށް އަދިވެސް އެތަކެއް ނަމެއް އިތުރު ކުރެވިދާނެ އެވެ. ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފެށިގެންގޮސް، ޕްރޮކިއުމެންޓް ޑިޕާޓްމެންޓުތަކުގެ ހެޑްކަން ކުރެއްވި ބޭފުޅުން ވެސް ކުރެވުނު ތުހުމަތު ތަކާއެކު މަގާމުން ވަކި ކުރެއްވުމުން ދިރިއުޅުން ބަދަލު ކޮށްފައިވަނީ ގައުމުން ބޭރަށެވެ. މޯލްޑިވް ގޭސް ބަނގުރޫޓު ވާވަރަށް ޖަރީމާތައް ހިންގެވިކަމުގެ ތުހުމަތާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނަށް މަންފާތަކެއް ލިބޭގޮތަށް މޯލްޑިވް ގޭސް ބޭނުން ކޮށްދެއްވި އަބްދުﷲ މައުމޫން (މާނު) ވެސް ހުންނެވީ ގައުމުން ބޭރުގަ އެވެ. އޭނާގެ މައްޗަށްވެސް ތުހުމަތުކުރެވެނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ.

ފުލުހުންގެ ތެރޭގައި ވެސް ފާޅުގައި ރައްޔިތުން ކުރިމަތީގައި، ރައްޔިތުންނަށް އަނިޔާވެރިވި ފުލުހުން ވެސް އެޅި ހަމައެކަނި ފިޔަވަޅަކަށްވަނީ މަގާމުން ވަކިކުރުމެވެ. އޭގެތެރެއިން ގިނަ ފުލުހުންނާއި، ސިފައިން ސަސްޕެންޑްކުރުމަށްފަހު، މިހާރު ވެސް އެ ތިއްބެވީ ހަމަ އެ މަގާމުތަކަށް ނިކުމެވަޑައިގެންނެވެ. ސިފައިންގެ އިދާރާއަށް ބެލި ނަމަވެސް ކަން އޮތީ ހަމަ މި ދެންނެވި ގޮތަށެވެ.

ހިންގެވި ޖަރީމާތަކުގެ އަދަބެއްގެ ގޮތުން އެންމެ ބޮޑުވަރަކަށް ކޮށްލާ ކަމަކަށް އޮތީ، މަގާމުން ވަކިކުރުމެވެ. ބައެއް ބޭފުޅުން މަގާމުން ވަކިކުރުމުގެ ކުރި އަމިއްލައަށް އިސްތިއުފާވެސް ދެއްވަ އެވެ. އެއީ ގިނަ ބޭފުޅުން ތިއްބެވީ ބޮޑެތި މިލިއަނަރުންނަށް ވެވަޑައިގެންފައި ވާތީ އެވެ. ވަޒީފާއެއް ނެތިވިޔަސް އެތަށް އަހަރެއްގައި ހަމަޖެހިގެން ދިރިއުޅެވޭނެ އާމްދަނީއެއް އެ މީހުން އަތުގައި އޮތަތީ އެވެ.

ސުވާލަކީ ދައުލަތުގެ ނަން ރީތީ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ހިންގެވި ޖަރީމާތަކުގެ އަދަބަކީ ހަމައެކަނި ވަޒީފާއިން ވަކިކޮށްލުންތޯ އެވެ. ހޯދައި ދެއްވާނެކަމަށް ވިދާޅުވި އިންސާފަކީ އެއީތޯ އެވެ.

ކަށަވަރުކޮށް ބުނާ އެނގޭކަމަކީ މިއީ ރައްޔިތުން މި ބަދަލު ގެނައި މަގްސަދު ނޫންކަމެވެ. އެދުވަހު އަނިޔާ ލިބުނު މީހާއަށް މިއަދު ވެސް އެ އަނިޔާތައް އެ ދަނީ ލިބެމުންނެވެ. ޖަރީމާ ހިންގި ފަރާތްތައް ހަމަޖެހޭ ދިރިއުޅުމުގައި ދިރިއުޅެމުން ގެންދާތަން އެއީ ރައްޔިތުންގެ ލޯކުރިމަތީގައި ފެންނަން ހުރި ހަގީގަތްތަކެވެ.

ޖަރީމާތަށް ހިންގި ފަރާތްތަކަށް ހައްގު އަދަބު ނުދެވުމުގައި މިވަގުތު ސަރުކާރަށް ވެސް މަޖިލީހަށް ވެސް ދެއްކޭނެ އިތުރު ބަހަނާއެއް ނެތެވެ. ހުރިހާ ބާރަކާއި، ފުރުސަތުތަކެއް ރައްޔިތުން ވަނީ ސަރުކާރަށް ދީފައެވެ. މިއަދު ސަރުކާރުން ކުރައްވަންޖެހޭ ކަމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.