އާދީއްތަ 23 ފެބުރުއަރީ 2020
ހިޔަވިހާ 10
1441 ޖުމާދުލް އާހިރަތު 29
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34
ރިޕޯޓު - ރިޕޯޓް

ހިނގަނީ ސިޔާސީ ޕާޓީގެ ވެރިކަން: މަސައްކަތްކުރި މީހުންނަށް ގޮތެއް އޮންނަންވާނެ

  • ސިޔާސީ ހަރަކާތުގައި އުޅެ އަނިޔާ ލިބުނު މީހުން ބާކީވެގެން ނުވާނެ

ހުޝާމް މުހަޢްމަދް
hirigaahusham

ކ. މާލެ 5 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:00 5,606

ރައީސް މުހައްމަދު ނަޝީދު އެއްވުމެއްގައި - އެމްޑީޕީ

އުފެދި ހިނގަމުން މިދަނީ އެތައް ބަޔެއްގެ ބުރަ މަސައްކަތުން ހޯދުނު ސަރުކާރެކޭ ބުނާ ކޮންމެ ފަހަރަކު ރާއްޖޭގެ އެތައް ބަޔަކު ހެމުން ހިނިތުންވަމުން އަތް ޖަހާ މަންޒަރު އަޅުގަނޑުމެން ދުށީމެވެ. އަދި މި ސަރުކާރު ހިންގުގައި އެމްޑީޕީގެ ދައުރު ބޮޑުވުމުން ލިބޭ އުފާ އާންމު ރައްޔިތުންނަށް މާ ބޮޑެވެ. ކުރިން އޮތް އަނިޔާވެރި ސަރުކާރު ބަދަލު ކުރުމާ، އަނިޔާވެރިކަން ހައްދުން ނެއްޓިފައި އޮތް ވަގުތެއްގައި އިސްލާހަށް އެދި ކަށިން ހިތްވަރުނެރެގެން ޔާމީނުގެ ސަރުކާރު މުލުން ލުހެލުމަށް މަސައްކަތްކުރި އެންމެނަށް ޝުކުރު ހައްގެވެ.

ރާއްޖޭގެ ސިޔާސީވެށި މިވަގުތު އޮތް ގޮތުން ރާއްޖެއަށް އަންނަ ކޮންމެ ސިޔާސީ ބަދަލެއްގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް ވާ ބަޔަކީ އެމްޑީޕީގެ މެމްބަރުންނެވެ. ޖަހާ ޕެޕަރސްޕްރޭއަކަށް ކަރަންޓް މުގުރަކަށް ޖަލުގެ އަނިޔާއަކަށް އެ މެމްބަރުން ފަހަތަށް ޖައްސާލެވިފައެއް ނެތެވެ. މިއީ ދިވެހި ތާރީހު ހެކިދިން ކަންކަމެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބަހުރުވައިންނަމަ އިސްލާހަށް މަސައްކަތްކުރާ މެމްބަރުންގެ ކަރަށް އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދަނީ މާފައްޗަކަށެވެ. އެއީ ތެދެކެވެ. އިސްލާހީ ހަރަކާތުގައި އެއްގޮތެއްގައި ގޯޅި އެޅުމެއްނެތި ދެމި ހުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. އެއްގޮތެއްގައި ދެމި ހުރެ ކުރާ މަސައްކަތުން ލިބޭ ކާމިޔާބު މާބޮޑެވެ.

ސަރުކާރެއް ބަދަލުކުރަން ކުރާ މަސައްކަތް ކާމިޔާބުވެގެން އަލުން ސަރުކާރެއް އުފެދޭއިރު އަބަދުވެސް މަސައްކަތްކުރި ފަރާތްތަކަށް ލިބެންޖެހޭ ފުރުޝަތުތައް މައުނަވީ ސިޔާސީޕާޓީއެއްގެ ނިޒާމުގައި ލިބެންޖެހޭނެއެވެ. އެއްވެސް ހާލެއްގައި މަސައްކަތްކުރާ މީހާ އެބުނަނީ މަގުމަތީގައި، ޖަލުގައި، އަނިޔާގައި، އަދި އެނޫންވެސް ގޮތަކަށް މަސައްކަތްކުރި އެންމެނަށް ސަރުކާރުން ވަޒީފާއާ ބޮޑު އިނާޔަތް ދޭންޖެހޭނެ ވާހަކައެއް ނޫނެވެ. އެ ބުނަނީ އަނިޔާވެރި ސަރުކާރެއް ދަމަހައްޓަން ފޫގަޅައިގެން މަސައްކަތްކޮށްފައި ސަރުކާރު ބަދަލުވުމުން ކުލަ ބަދަލުކޮށް އަލުން އުފެދޭ ސަރުކާރުގެ ބޮޑެތި މަގާމްތަކަށް އަލުން އާދެވޭނެ ދޮރު ބަންދުކުރަން ޖެހޭނެ ވާހަކައެވެ. ހިހޫތަނުން ކާން އުޅޭ މީހުންނަކީ ކޮބައިކަން ދެނެގަންނަން ޖެހޭކަމެވެ.

އެއްވެސް ހާލެއްގައި އެދުވަހު އަނިޔާވެރިކަމަށް ހިތްވަރުދީފައި އަނިޔާކޮށްފައި، ހައްގުތައް ނިގުޅައިގަނެފައި އަނެއްކާވެސް އަނިޔާވެރިކަމާ ދެކޮޅު ސަރުކާރެއްގެ ތެރެއަށް ވަނުމަށް ޖާގަ ދީގެން ނުވާނެއެވެ. ސިޔާސީ ޕާޓީއެއް އުފެދި ބިޔަވެ ބޮޑުވެގެން އަންނަނީ އާންމު މެމްބަރުންގެ ކަށިން ހިތްވަރު ނެރެގެން ކުރާ މަސައްކަތުންނެވެ. ސިޔާސީ ޕާޓީއެއް ދެމި އޮންނާނީ އެ ޕާޓީއެއްގެ އާންމު މެމްބަރުންގެ ވިސްނުމާ ހިޔާލާ ފިކުރަށް އިހްތިރާމްކޮށް އެ އަޑު އަހައިގެންނެވެ. އެމްޑީޕީ ރާއްޖޭގައި ބިޔަވެ ބޮޑުވެގެން އައީ މިކަން ތަކްރާރު ކުރަމުންނެވެ. އިސްލާހީ ހަރަކާތުގައި އެޕާޓީ އުފެއްދި މަރުހަލާއިން ފެށިގެން ދެ ގޮތެއްނުވެ ޕާޓީއަށް އިސްލާހަށް މަސައްކަތްކުރި ބަޔަކު އެބަތިއްބެވެ.

އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ އިސް ލީޑަރޝިޕްގައި އަބަދުވެސް ތިބޭނީ ޕާޓީގެ އާންމު މެމްބަރުންގެ ހިޔާލަށް އިހްތިރާމް ކުރަންޖެހޭކަން ދަންނަ ބޭފުޅުންނެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ކަމެއް ކުރެއްވުމުގެ ކުރިން އެކަމާ ދެބަސްވާ މީހުންގެ ނިސްބަތް ބައްލަވާ ދެނެގަތުމަށް އެތައް ހިސާބެއް ޖައްސަވައެވެ. އަދި ދެބަސްވުމަށް ފަހު ވެސް ކުރިމަގު އޮތް ގޮތް ބައްލަވާފައި ފަހަތަށް ފިަޔަވަޅެއް އަޅުއްވައި ރަގަޅު މިސްރާބު ހޯއްދަވައިފައި އެބަހުއްޓެވެ.

ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ބުރަވާ ގޮތުގައި ސަރުކާރުގެ މަގާމްތައް ފޮތި ފޮތިކޮށް މިހާރު ކޯލިޝަނުގައި ހިމެނޭ ފަރާތްތަކަށް ބައިއެޅެމުން އެދަނީ ސަރުކާރު ގެނައުމަށް އެކިއެކި ސިޔާސީޕާޓީތަކާއެކު ވެވުނު އެއްބަސްވުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އެމްޑީޕީއަށް ގުރުބާންވީ މެންބަރުން ނުވަތަ އިސްލާހީ ހަރަކާތް ހިންގުމުގައި އުމުރު ނުވަތަ އުމުރުން ބަޔެއް އެއްގޮތެއްގައި ހޭދަކުރެއްވި ގިނަ މެންބަރުންނަށް ގޮތެއް ފެންނަންވާނެ ކަމަށް ބުނާ މީހުން ހައްތަހާދަނީ ގިނަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް