ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 10:02
އުމަރު އަލް-ބަޝީރު
އުމަރު އަލް-ބަޝީރު
ރޮއިޓަރސް
ޫސޫދާން
ސޫދާންގެ ކުރީގެ ރައީސަށް ސައުދީގެ ވަލީއަހުދު 25 މިލިއަން ޑޮލަރު ދެއްވި
 
ބަޝީރަށް ވަނީ މުޒާހަރާ ކުރި ފަރާތްތައް މެރިކަމުގެ ދައުވާ އުފުލާފައި

ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު އަލް-ބަޝީރަށް ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން 25 މިލިއަން ޑޮލަރު ދެއްވި ކަމަށް އޭނާ ކޯޓުގައި އެއްބަސްވެވަޑައިގެންފިއެވެ.

75 އަހަރުފުޅުގެ އުމަރު ބަޝީރު ވަނީ ސޫދާނަށް ގެނައި ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައެވެ. ސޫދާނުގެ ރައީސްކަމުގައި 30 އަހަރު ހޭދަކުރެއްވި ބަޝީރު އެޕްރީލް މަހު ވެރިކަމުން ދުރުކުރުވީ ސިފައިންނެވެ.

އޭނާ ވެރިކަމުން ދުރުކުރުމަށް ފަހު ޖަލަށް ލިއެވެ. އެއަށް ފަހުބަޝީރުގެ ޝަރީއަތްތައް ކޯޓުގައި މިހާރު ހިނގަމުންދާއިރު ހޮނިހިރު ދުވަހު ބޭއްވި ޝަރީއަތުގައި އޭނާ ވިދާޅުވީ 25 މިލިއަން ޑޮލަރު އޭނާއަށް ހަދިޔާގެ ގޮތުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވިކަމަށެވެ.

ކޯޓުގައި ބަޝީރަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ އޭނާގެ އަމިއްލަ ފައިދާއަށް ލިބިވަޑައިގެންނެވި ފައިސާ ނޫން ކަމަށާއި އެއީ ޑޮނޭޝަން ތަކަށް ލިބިލެއްވި ފައިސާ ކަމަށެވެ.

އެކަން ހިނގައިދިޔަގޮތް ވިދާޅުވަމުން ބަޝީރު ވިދާޅުވީ އޭނާގެ އޮފީސް މެނޭޖަރަށް ވަލީއަހުދުގެ ފޯން ކޯލެއް ލިބިވަޑައިގެންނެވިކަމަށެވެ. އަދި އެފޯން ކޯލުގައި ޕްރައިވެޓް ޖެޓެއްގައި މެސެޖެއް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިކަމަށެވެ. އެ ޖެޓުގައި 25 މިލިއަން ޑޮލަރު ފޮނުއްވި ކަމަށާއި އެ ފައިސާ ޖަމާކޮށްފައިވަނީ ސޫދާނުގެ ފިނޭންސް މިނިސްޓްރީގެ ބޭންކަށް ކަމަށް ބަޝީރު ވިދާޅުވިއެވެ.

ނަމަވެސް އެ ފައިސާ ޚަރަދު ކުރި ކަމުގެ ތަފްސީލު ފެންނަން ނެތް ކަމަށް އޭނާ ކޯޓުގައި ވިދާޅުވިއެވެ.

ތަހުގީގު ކުރާ އިދާރާތަކުން ކޯޓުގައި މީގެ ކުރިން ބުނެފައިވަނީ ސައުދީއިން ބަޝީރަށް 90 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށެވެ.

ބަޝީރު ހައްޔަރު ކުރުމަށް ފަހު އޭނާ ދިރިއުޅުއްވާ ގެ ކޮޅު ބަލާ ފާސްކުރި އިރު އެގައުމުގެ ފައިސާއާއި ގައުމުން ބޭރުގެ ފައިސާ ގަނޑުކޮށް ފެނިފައިވާ ކަމަށެވެ. ގެކޮޅުން 351،000 ޑޮލަރާއި ހަ މިލިއަން ޔޫރޯ އާއި 5.2 މިލިއަން ޕައުންޑް އަދި ފަސް ބިލިއަން ސޫދާން ޕައުންޑް ފޮށި ފޮށްޓަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް އެގައުމުގެ ޕްރޮސެކިއުޓަރުން މީގެ ކުރިން ބުނެފައި ވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ބަޝީރަށް ވަނީ މުޒާހަރާ ކުރި ފަރާތްތައް މެރިކަމުގެ ދައުވާ ވެސް އުފުލާފައިވެއެވެ.

ސޫދާނަށް އަސްކަރީ ބަޣާވާތެއްގައި އުމަރު ބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު އޭނާ އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ރިޔާސީ ގަނޑުވަރުގައި ބަންދު ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ސޫދާނުގައި ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލު ކަމަށްވާ ކޮބާރަށް ލާފައެވެ.

ސޫދާނުގެ ދާފޫރުގައި ބަޝީރު ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އޭނާގެ މައްސަލަތައް ވަނީ ބައިނަލްއަގުވާނީ ޖިނާއީ ކޯޓަށް ވެސް ހުށައަޅާފައެވެ.

ބަޝީރު ވެރިކަމަށް ވަޑައިގެންފައިވަނީ ވެސް އަސްކަރީ ބަޣާވާތަކުން 1989 ވަނަ އަހަރުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
50%
50%
0%
0%
ކޮމެންޓް