ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 19:14
އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ބްރެކްސިޓް
އިނގިރޭސިވިލާތުގެ މަޖިލިސް މެދުކަނޑާލުމަށް ނިންމުމުން މުޒާހަރާ ކުރަނީ
 
އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31
 
އިނގިރޭސިވިލާތުގެ ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ
 
ބޮޑުވަޒީރު ޖޮންސަން އެދިލައްވާފައިވަނީ އޮކްޓޯބަރު މަހާއި ހަމައަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުވުމަކަށް ގެނައުމަށް

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް މެދުކަނޑާލުމަށް، އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިންމެވި ނިންމެވުމާއި ގުޅިގެން އެގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެއްހާހަށްވުރެ ގިނަ މީހުން ވަނީ މި މުޒާހަރާގައި ބައިވެރިވުމަށް މަގުތައް މައްޗަށް ނިކުމެފައެވެ. އެގޮތުން، މެންޗެސްޓަރ، ލީޑްސް، އަދި ބެލްފާސްޓްގައި ދަނީ މުޒާހަރާތައް ކުރެވެމުންނެވެ.

ޖޯންސަން ލަދު ގަންނަން ޖެހޭ ކަމަށް ބުނެ މުޒާހަރާ ކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާތީ ލަންޑަނުގެ ވައިޓްހޯލްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މުޒާހަރާ ކުރާ ފަރާތްތަކާއި އިދިކޮޅަށް، ބޮޑުވަޒީރު ޖޮންސަންއަށް ތާއީދުކުރާ މަދު ފަރާތްތަކަކުން، ވެސްޓްމިންސްޓަރގައި މުޒާހަރާތަކެއް ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މަޖިލިސް ސަސްޕެންޑް ކުރުމަށް، ޖޮންސަން މަސައްކަތް ކުރެއްވުމުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންނާއި، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ތާއީދު ނުކުރާ ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ރާނީގެ ފަރާތުން، އެގައުމުގެ މަޖިލިސް ސަސްޕެންޑް ކުރުމަށް ޖޮންސަން އެދިލައްވާފައިވަނީ އޮކްޓޯބަރު މަހާއި ހަމައަށެވެ. މަޖިލިސް މެދުކަނޑާލުމުން އެއްވެސް ބިލަކަށް ވޯޓެއް ނުނެގޭނެއެވެ. އަދި ބަހުސް ކުރުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ. އޭނާ އެކަމަށް އެދިލައްވާފައިވަނީ ސަރުކާރާ އިދިކޮޅު ހަ ޕާޓީއަކުން، އެއްބަސްވުމަކާއި ނުލައި އީޔޫއިން ވަކިވުން މަޖިލީހުން ހުއްޓުވޭނެ ގޮތެއް ފާސް ކުރާނެ ކަމަށް ބުނެފައިވަނިކޮށެވެ.

މިހާރު ނިމިފައި އޮތް ގޮތުން، އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ރާނީ އެލިޒަބަތް ދެއްވަން ހަމަޖެހިފައިވާ ތަގުރީރާއި ހަމައަށް ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ކަންތައްތަކެއް އޮންނާނީ މަޑުޖައްސާލެވިފައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ހަމަޖެހިފައި އޮތް ތާރީހަކީ އޮކްޓޯބަރު 31 އެވެ. އަދި އެތާރީހުގައި އީޔޫއާ އެކު އެއްބަސްވުމަކަށް ނުދެވުނުކަމުގައި ވިޔަސް އެގައުމު އީޔޫއިން ވަކިވާނެ ކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
0%
50%
ކޮމެންޓް