ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 21:34
ފުލުހުން އެމްޑީޕީގެ ހަރުގެ އަށް ވަދެ އެތަނުގައި ހުރި ކެމްޕެއިން މެޓީރިއަލްތައް ގެންދަނީ
ފުލުހުން އެމްޑީޕީގެ ހަރުގެ އަށް ވަދެ އެތަނުގައި ހުރި ކެމްޕެއިން މެޓީރިއަލްތައް ގެންދަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް ކެމްޕެއިން
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
 
ކެމްޕެއިންކުރަން އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނުދޭ
 
އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން މެޓީރިއަލްތައް ފުލުހުން ގެންދަނީ އަތުލަމުން

މަގުމަތީގައި އަޑެއް އުފުލޭކަށް ނެތެވެ. މާލޭގައި ހުއްދަ ނުނަގައި ހަމައެކަނި އެއްވެވޭ ތަނަކަށް އޮތީ ކާނިވާ ސަރަހައްދެވެ. އެކަމަކު އެ ތަނުގައި ވެސް އިދިކޮޅު ފަރާތްތަކަށް އެއްވަން އޮތީ ހަނި ފުރުސަތެކެވެ. ސަރުކާރުން ބިޔަ ބޮޑު ބިލްބޯޑުތައް ހަރުކުރާ އިރު އިދިކޮޅު ފަރާތްތަކަށް މަގުމަތީގައި އޭ4 ސައިޒުގެ ގަނޑެއް ވެސް ތަތްކޮށްލެވޭކަށް ނެތެވެ. މުޅި މާލޭގައި ސަރުކާރުގެ ކެމްޕެއިން ބޯޑުތަކެވެ. ނަމަވެސް އިދިކޮޅު ފަރާތަކަށް އަމިއްލަ ގޭގައި ވެސް ފޮތިގަނޑެއް ދަމާލެވޭކަށް ނެތެވެ. ކެމްޕެއިނެއް އިންސާފުވެރިވާނީ މިހާ ވަރަށެވެ.

އިންތިޚާބަށް ކުރިމަތިލުމާއި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތަކީ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ހައްގެކެވެ. އަދި ކުރިމަތިލާ އިންތިޚާބަކަށް ކެމްޕެއިންކުރުމަކީ ވެސް އެ މީހަކަށާއި އެ މީހަކަށް ތާއީދުކުރާ ފަރާތްތަކަށް ގާނޫނުއަސާސީން ލިބިދޭ ހައްގެކެވެ. ނަމަވެސް އެ އަސާސަށް ފުރައްސާރަކޮށް ހަދާފައިވާ ގާނޫނުތަކުން މިއަދު މި ވަނީ އެ ފުރުސަތު ނަގާލާފައެވެ. ވަކި ބަޔަކަށް ނޫނީ އެކަން ނުކުރެވެއެވެ. މަގުމަތީގައި ކެމްޕެއިން ކުރުމަށް ހިނގާލުމުގެ ފުރުސަތެއް އިދިކޮޅު ފަރާތްތަކަކަށް ނެތެވެ. ކުރިމަތިލާ ދާއިރާގެ މީހުންނަށް އަޑު އިއްވާލަން ލޮރީ ބުރެއް ޖަހާލެވެން ވެސް ނެތެވެ. ގާނޫނުން އެކަން ވެސް ވަނީ މަނާކޮށްފައެވެ.

އެވަރުން ފުދުނީކީ ނޫނެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ވެސް ފުލުހުން މެދުވެރިކޮށް ސަރުކާރު ހިންގާ ފަރާތްތަކުން ދަނީ ހުރަސް އަޅަމުންނެވެ. ކެމްޕެއިން ޕޯސްޓަރުތަކާއި ކެމްޕެއިން ޝިއާރުތައް ލިޔާ ފޮތިތައް ފުލުހުން ދަނީ އަތުލަމުންނެވެ. ގާތްގާތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން ވަނީ އެމްޑީޕީގެ ހަރުގެއަށް ވަދެ ކެމްޕެއިން ބެނާތަކާއި ފޮތިތަކާއި އެ ނޫން ވެސް ސާމާނު ގެންގޮސްފައެވެ. މިއީ ސީދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ހުރަސް އެޅުމެވެ.

މިކަން ހިނގަނީ ހަމައެކަނި މާލެއަކު ނޫނެވެ. ރައްޔިތުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ވެސް މިދުވަސްވަރު ހަރަކާތެއް ހިންގޭކަށް ނެތެވެ. ފޮތިގަނޑެއް ދަމާލައިފި ނަމަ އެ ނަގަނީ އެވެ. ފާރެއްގައި ލިޔެފި ނަމަ ފުލުހުން ފޮނުވައިގެން އެ ފިލުވާލައެވެ. ސަބަބެއް ކަމަށް ބުނަމުން ދަނީ ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނާއި ސައުދީ އަރަބިއްޔާގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ ކަމަށެވެ.

އަޑުތައް އިވޭ ގޮތުން ސައުދީ ރަސްގެފާނު އޭޝިއާގެ ގައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ އަށް ވެސް ވަޑައިގަންނަވައެވެ. އަދި ފ. އަތޮޅު ނުވަތަ އެ އަތޮޅުން ބައެއް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ އެވެ. ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ އެފަދަ އިޝާރާތެއް ކުރައްވާފައެވެ. ވިދާޅުވެފައި ވަނީ ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމަންޓެކެވެ.

އިދިކޮޅު ފަރާތްތަކަށް މި ހުރިހާ ހުރަސްތަކެއް ކުރިމަތި މިކުރަނީ ސައުދީ ރަސްގެފާނަށް އެކަންކަން ފެނިދާނެތީތޯ ސުވާލު އުފެދެއެވެ. ސަބަބަކީ ފުލުހުން ހުރަސް އަޅަމުން ދަނީ ހަމައެކަނި ފ. އަތޮޅާއި މާލެގެ ހަރަކާތްތަކަށް އެކަނި ނޫން ކަމެވެ. ހއ. ދިއްދޫގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާގައި ވެސް އެފަދަ ޝުއޫރެއް ފާޅުކޮށް ޕޯސްޓަރެއް ނުވަތަ ބެނާއެއް ދަމައިފި ނަމަ އެ ހަރަކާތެއް ވަގުތުން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މި ކަމުގެ ފަހަތުގައި އޮތީ ދެ ސަބަބެކެވެ. އެއް ކަމަކީ ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅުގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމެވެ. އަނެއް ގޮތަކީ ސައުދީ ރަސްގެފާނަށް ފެނިދާނެ ފަދަ ފޮޓޯއެއް ވެސް މީހަކު ސޯޝަލް މީޑިއާގައި އާންމުކުރަން ފުރުސަތު ނުދިނުމެވެ.

މި ދެ ސަބަބަށް ބަލާއިރު ވެސް މާ އޮއްޓަރު ހުރި ކަމަކަށް ނުވެއެވެ. ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ސީދާ ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަށްޓަކައި ތިން ހަަތަރު ރިސޯޓު މާކުރިޔާލާ ވަނީ ބުކްކޮށްފައެވެ. އަދި އެކުގައި އިންތިޒާމްތަކަށް 1،500 އެއްހާ މީހުން ރާއްޖެ އަންނާނެއެވެ. އެހެން ކަމުން ފ. އަތޮޅަށް ނުވަތަ ދިއްދޫ އަށް ވެސް ރަސްގެފާނު ޒިޔާރަތްކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން ފ. އަތޮޅުގެ ރަށްތަކުގެ ފާރުތަކުގައި ކުރަހައި ބެނާ ދެމިޔަސް ސައުދީ ރަސްގެފާނާއި އެ ކަމުގެ ކަރާމާތަށް ކުރާނެ އަސަރެއް އޮންނާނެބާއެވެ؟

ދެން އޮތް ސުވާލަކީ ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުން އަރައިގެންފައިވާ ރުޅި ދުނިޔެއަށް ހާމަވިޔަ ނުދޭން ފޮޓޯގަނޑެއް ނެގުމުގެ ފުރުސަތު ވެސް ނުދޭން ސަރުކާރުން މަސައްކަތްކުރަނީތޯއެވެ؟ އެހެން ކަމަށް ވާ ނަމަ އެއީ ވެސް ވަރަށް ތާކުންތާކު ނުޖެހޭ ކަމެކެވެ. ދަމާ ފޮތިގަނޑުތަކުގައި ހުރި ވާހަކތަކަށް ވުރެ އެ ފޮތިގަނޑުތައް ނެގުމަށް ފުލުހުން ކުރާ ހަމަނުޖެހޭ ކަންކަމާއި އެމްޑީޕީގެ ކެމްޕެއިން ޖަގަހައަށް ވަދެ ފޮތިގަނޑުތައް ގެންދާ މަންޒަރުތަކާއި ވިއްސަކަށް މީހުން އެއްވެލިޔަސް އެކަން ހުއްޓުވަން 100 ވަރަކަށް ފުލުހުން ނުކުމެ ހިންގާ ހަރަކާތްތައް މާ ހުތުރުވެފައި ލަދުވެއްޗެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅުވައިގެން ކަމަށް ބުނެ ފުލުހުން ހިންގާ މި ހަރަކާތްތަކުގެ އަޑީގައި ފޮރުވިފައިވާ މަގުސަދާ މެދު ސުވާލު އުފެދެއެވެ. މި ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ ރެއިޑްތަކުގައި ގެންދަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އިދިކޮޅު ފަރާތްތަކުން ބޭނުންކުރާ ތަކެއްޗެވެ. އެހެން ކަމުން ސައުދީ ރަސްގެފާނުގެ ދަތުރު ބަހަނާއަކަށް ހަދައިގެން އިދިކޮޅު ފަރާތްތަކަށް ނޭވާލާނެ ފުރުސަތެއް ވެސް ނުދީ ސަރުކާރުން ފޯރީގައި ލޯކަލް ކައުންސިލް އިންތިޚާބަށާއި  2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
10 މާރޗް 2017 | ހުކުރު 20:59
ޙ މ ޒ
ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނަން ނޫޅޭ ކަމަށް ސައުދީ އެމްބަސީން ވިދާޅުވުމުން މިހާރު ދެން އިދިކޮޅު ރަންރީނދުލޭ މެންނަށް އޮންނާނެ ދޯ ރާކަނި މަސްކެވިފައި