އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ރިޕޯޓު - ރިޕޯޓް

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

  • އެމީހުންނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޔާމީނަށް ބާރު ހޯދައިދިން މީހުން

ހުޝާމް މުހަޢްމަދް
hirigaahusham

ކ. މާލެ 28 އޯގަސްޓު 2019 | ބުދަ 16:38 30,322

ޖުމްހޫރީޕާޓީއަށް ސޮއި ކުރެއްވި މެމްބަރު - ރާއްޖެއެމްވީ

އިއްޔެ ކަޅާ ހުދުން ފެނުނު މަންޒަރު މިއަދު ކުލަކޮށް ފެނުމަކީ ދުނިޔޭގެ ދައުރުވުމުގެ ތެރެއިން ހިނގާ ކަންކަމެވެ. އިއްޔެއެކީގައި އުޅުނު ރަހްމަތްތެރިން މިއަދު ދުޝްމަނުންނަށް ބަދަލުވެގެންދާ ފަހަރު އާދެއެވެ. އިއްޔެ ދުޝްމަނުންގެ ގޮތުގައި ތިބި މީހުން އެކުއެކީ އެކުވެރިކަމާއެކު ހީސަމާސާކޮށް އުޅޭ މަންޒަރުފެނެއެވެ.

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ސަރުކާރު ކޯލިޝަނުގެ ތެރޭގައި ހިމެނޭ އިސްފަރާތެކެވެ. އެމަނިކުފާނުގެ ސިޔާސީ ވާދަވެރިއަކަށް ރައީސް ޔާމީނު ވެވަޑައިގަތް ނަމަވެސް ރައީސް ޔާމީނު ގާސިމް އިބުރާހިމާމެދު ކަންކުރައްވައިފައި އޮތީ ވަރަށް އިހާނެތިކޮށެވެ. ކުރުކޮށް ދަންނަވާނަމަ އިންސާނިއްޔަތު ކަމެއް ނެތެވެ.

ގާސިމްގެ ސިއްހީހާލުކޮޅު ދަށަށް ގޮސް ރާއްޖެއިން ބޭރުން އަވަސް ފަރުވާއަށް ބޭނުންވި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާސިމް އިބްރާހިމަށް ހެއްދެވި ގޮތް ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެދުވަހު ގާސިމާމެދު އެގޮތަށް ކަންކުރެއްވި އިރު ސަރުކާރު އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު އެވަނީ ޖުމްހޫރީޕާޓީއަށް ސޮއި ކުރައްވައިފައެވެ.

ރައީސް ޔާމީނުގެ އަރިހުގައި އެދުވަހު ތިއްބެވި ބޭފުޅުންތަކެއް ކުއްލި ގޮތަކަށް މި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެއްޕާޓީއަށް ވަދެ ހަރަކާތްތަކެއް ހިންގަން ތައްޔާރުވުމުން އެކަމާ އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދޭނީ އެމްޑީޕީއަށް ވަފާތެރި މެމްބަރުންގެ މެދުގައެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޔާމީނަށް ހިތަކަށް ގައުމު ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކެއް ސަރުކާރު ހިންގާ ކޯލިޝަނަށް ވަނުމުން ބުނެވެން އޮތީ "އިދިކޮޅު ޓީމާ އެއްކޮޅު ޓީމް" ވެސް އެއްކުލައިގެ ޖާޒީގައި ދަނޑަށް ކުޅެންއަރާ ތިބީ ކަމަށެވެ. އެޔެއް މިޔެއް ވަކިނުވާނެ ކަމަށެވެ. އިދިކޮޅު ޓީމްގެ މެމްބަރުން ގޯލަށް ބޯޅަ ޖަހާ ލަނޑު ޖެހިޔަސް ޑިފެންސް ބަލަހައްޓާ މީހުންނަށް ހީވާނީ ހަމަ ތިމާޔާ އެއްޓީމުގެ ކުޅުންތެރިން މޮޅަށް ކުޅެނީ ކަމަށެވެ.

މިހުރިހާ ވިސްނުމެއް ސިކުނޑީގައި ދައުރުވަމުން ދަނިކޮށް އަޅުގަނޑަށް ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިބުރާހިމް ވަހީދު ކުރައްވައިފައި އޮތް ޓްވީޓެކެވެ. އެޓްވީޓުގައި އިން ވީޑިއޯ ކޮޅެއް އަޅުގަނޑު ބެލީމެވެ. ވީޑިއޯ ކޮޅުގައި ފެންނަނީ ހިބަރު ބާނަން ނިކުމެ އުޅޭ ބަޔެކެވެ. އެމީހުން ދޫކޮށްފައިވާ ނަނުތަކަށް އެއްވެސް ވާން ކުރުމެއް ނެތި ތުން ދިގު ހިބަރުތަކެއް އޮޑީގައި ތިބި މީހުންނަށް ނުރައްކާ އޮތް ޒާތަކަށް އޮޑިއަށް ފުމެނަގައެވެ. އޮޑީގައި ތިބި މީހުންގެ ގަޔަށް އެތުންގަނޑު ވަދެފިނަމަ ޔަގީނުން ވެސް މީހާއަށް ބޮޑު އަނިޔާއެއް ވާނެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުން ގާތެވެ. މި ވީޑިއޯގައި ހިބަރުގެ ނުރައްކަލުން ސަލާމަތް ވުމަށް އޮޑީގައި ތިބި މީހުން އޮޑިން ފުންމާލުމަށް މަޖުބޫރުވިތަން ފެނުނެވެ.

ވިސްނަވާށެވެ. ނުރައްކާތެރި ހިބަރުތަކެއް އޮޑިއަށް ފުންމާލުމުން އޮޑީގައި ތިބި މީހުން ރައްކާތެރިކަމަށް އޮޑިން ފުންމާލާ ހިސާބަށް ދިޔައީއެވެ. އަޅުގަނޑުމެން މި ވީޑިއޯ އިން ފެންނަ ގޮތަށް މިގައުމުގައި އޮތް ވެރިކަމަށް ލޮޅުމެއް އަންނާކަށް ނުރުހެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް