ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 17:58
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަޒުމޫން އަހުމަދު
މަގޭ ރިޕޯޓް
މުށުންދޫވި ގުމްރީ: މިއަދުގެ ސިޔާސީ އަންބާއަކަށް
 
ލަވަ ހެއްދެވީ އަބުދުﷲ ޖަލާލުއްދީން

ސިޔާސީ ފަރާތްތަކުން މިހާރު ކިޔަމުންދަނީ މުޅިން އާ ލަވައެކެވެ. އެއީ އައްޝައިހް އަލްމަރްހޫމް އަބުދުﷲ ޖަލާލުއްދީން ހައްދަވައިފައިވާ "މުށުންދޫވި ގުމްރީ" މިލަވައެވެ. އެއީ ލޯބީގެ ލަވަޔަކަށް ކުރިން ބެލެވުނު ކަމަށް ވިޔަސް އެލަވައިގެ މައިގަނޑު ސިޔާސީ އަންބާއަކަށް ބަދަލުވެއްޖެކަން އެނގުނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެ އަޑު އިވުމުންނެވެ.

ޖަލާލުއްދީން ހައްދަވައިފައިވާ އެލަވައިގެ މައިގަނޑުގައި އޮތީ" މުށުންދޫވި ގުމްރީ އަލި ގަމަރު، ދުށުން އެދެމެ ސާފުކޮށް އެއްފަހަރު" މި ގޮތަށެވެ. މަޝްހޫރު ޅެންވެރިޔާ ފަރެސް އާމިރު ވިދާޅުވާ ގޮތުގައި ޒަމާނުއްސުރެ ފެށިގެން އަބްދުﷲ ޖަލާލުއްދީންގެ މިލަވަ ނިސްބަތްވަނީ އެމަނިކުފާނުގެ އަނބިކަބަލުންނަށް ކަމަށް ބުނެވެމުން ދިޔައެވެ. އެއީ ހަގީގަތްކަން ނުވަތަ ނޫންކަން މިހާރު މިޒަމާނުގައި ނިންމުން ވަރަށް އުނދަގޫވާނެއެވެ. އާމިރު ވިދާޅުވާ ގޮތުގައި ޅެންވެރިޔާ އެދައްކަނީ ހަނދެއް ފަދަ އަލި ގުމްރީގެ ނަމުން ނަންދެވިފައިވާ ދޫންޏެއްގެ ވާހަކައެވެ. އަދި އެ ރީތި ދޫނި މުށުތެރެއިން ދޫވެގެން އުދުހިގެން ދިޔަ ނަމަވެސް ހިތް އެދެނީ އަދި އެއްފަހަރު ދުށުމަށް ކަމަށް ޅެންވެރިޔާ ވިދާޅުވާ ކަމަށް އާމިރު ވިދާޅުވިއެވެ.

ލަވައިގައި ދެން ޖެހިގެން އޮންނަނީ"ނުވާ ދެވަނައެއް އޭގެ އެއްތާކުގައި، ދުވާ ވަސް ދެފިޔަފުޅު ދަށުން މާވަހަރު" މި ގޮތަށެވެ. މިހެން ހުރި އެތައް ވާހަކަތަކަކުން މިލަވަޔަކީ ލޯބީގެ ލަވަޔެއްކަން ޔަގީންކޮށްދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިލަވަ ސަމާލުކަމަށް ގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ވަޒީރު މުހައްމަދު ސައީދެވެ. ޖުލައިމަހުގެ 7 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ސައީދު މިލަވައިގެ މައިގަނޑުގެ ފެށުން ވިދާޅުވިއެވެ. ލަވައިގެ މައިގަނޑުގެ ފުރަތަމަބައިގެ މާނައެއް ވިދާޅެއް ނުވެއެވެ. ހަމަ އެޔާއިގުޅިގެން މައިގަނޑުގެ ފަހަތުބައި "ދުށުންއެދެމެ ސާފުކޮށް އެއްފަހަރު" މިތަން ކޮޅު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރަގަޅެވެ. މާނަ ނަގަން ބޭނުން ކޮންމެ ގޮތަކަށް އަޑުއަހާ މީހާއަށް މާނަ ނެގިދާނެއެވެ.

އޭގެ ފަހުން ތަފާތު މާނަދޭހަވާ ގޮތަށް ބައެއް ނޫސްތަކުގައި މި ވާހަކަތައް ރިޕޯޓްތަކުގެ ގޮތުގައި ލިޔެވިފައި އެބަހުއްޓެވެ. އަދި އެއަށް ފާޑުކިޔާ ފަރާތްތަކުން ރައީސް ނަޝީދުގެ ވެރިކަމުގެ ނިމުމާ، ކޮންމެވެސް އިރަކުން އެނބުރިވެރިކަމަށް ވަޑައިގަތުމަށް އާންމުން ދަންނަވާ ދެންނެވުންތަކާ ގުޅުވާތަން ވެސް ފެނެއެވެ. ގަބޫލު ކުރައްވާށެވެ. އެމަނިކުފާނަކީ ރައްޔިތުންގެ ތާއީދު އިއްޔެވެސް މިއަދު ވެސް އޮތް ބޭފުޅެކެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ނިމުމާ އެމަނިކުފާނު އަދި އެއްފަހަރު ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެންތަކެއް ދެކެވަޑައިގަންނަވާނެ ކަމަށް ބުނެ ކިޔައިފައިވާ ފާޑުކިޔުންވެސް މިލަވަޔާއި ގުޅިގެން ކިޔައިފައި ހުރިކަން ފާހަގަ ކުރަމެވެ.

ސިޔާސީ ގޮތުން ހިޔާލުތައް ކަފިކަފިވެގެންދާ މިކަހަލަ ވަގުތެއްގައި މިފަދަ ލަވަތައް މާނަކޮށް ސިޔާސީ އަންބާއަކަށް ބަދަލުކޮށް ކިޔާ ފާޑު ކިޔުމަކީ ބަލައިގަންނަން ޖެހޭ ފާޑު ކިޔުމެކެވެ. ކިޔާ ކޮންމެ ފާޑުކިޔުމަކީ އަދި ހަގީގަތެއް ނޫނެވެ. އަދި ކޮންމެ ފާޑުކިޔުމަކީ ދޮގެއް ކަމަށް ދެކިގެންވެސް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
15%
20%
0%
30%
5%
30%
ކޮމެންޓް