ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 16:39
ގައުމީ އަންހެން ވޮލީ ޓީމު
ގައުމީ އަންހެން ވޮލީ ޓީމު
މުހައްމަދު ޝަރުހާން
ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް
ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ
 
މުބާރާތް އޮންނާނީ އަންނަ އަހަރު

އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިއުލާންކުރީ ހުކުރު ދުވަހު ކުރިޔަށްދިޔަ އޭވީސީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވީ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރ އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު އިބްރާހިމްއެވެ.

ސެންޓްރަލް ޒޯން ފިރިހެން މުބާރާތް ބޭއްވުމަށްވެސް ރާއްޖެއިން ބިޑުކުރިއެވެ. ނަމަވެސް މި ފުރުސަތު ލިބިފައިވަނީ ބަންގްލަދޭޝްއަށެވެ.

ބަންގްލަދޭޝްއަށް އެ ފުރުސަތު ދޭން ނިންމީ އެގައުމުގެ ފަހުރެއް ކަމަށް ބަލާ ޝައިހް މުޖީބު ރަހުމާންގެ ހަނދާނުގައި ކުރިޔަށް ގެންދާ ހާއްސަ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން މުބާރާތް ބާއްވަން އެދުމުންނެވެ.

ރާއްޖޭގައި މިހާތަނަށް ބައިނަލްއަގުވާމީ ވޮލީ ދެ މުބާރާތް ވަނީ ބާއްވާފައެވެ. އެއީ 2017 ވަނަ އަހަރު ކުރިޔަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރާއި ސީނިއާ މެންސް ސެޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އޮންނާނީވެސް ރާއްޖޭގައެވެ.

މީގެއިތުރުން އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި އޮންނައިރު، ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް އަންނަ ސެޕްޓެމްބަރ މަހު އޮންނާނީ ރާއްޖޭގައެވެ. އަދި މި އަހަރު ބެޑްމިންޓަން މުބާރާތްތަކެއްވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް