ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 16:58
ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަޒްމިރަލްދާ ޒާހިރު
ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަޒްމިރަލްދާ ޒާހިރު
މިހާރު
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރަލްދާ އާއި އައިޝާ ޝުޖޫންގެ ނަން ހުށަހަޅުއްވައިފި
 
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ވަނީ މަޖިލީހުން ފާސްކޮށްފައި
 
އަޒްމިރަލްދާ ޒާހިރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައި
 
ޝުޖޫން އަކީ ބާރ ކައުންސިލްގެ މެމްބަރެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އިތުރުކުރަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް ބަދަލުކުރުމަށް ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެންނެވެ. ކޯޓުތަކުގެ ޤާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލް ތަސްދީޤްކުރެއްވީ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 148 ވަަނ މާއްދާގެ (ހ)ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށެވެ. މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.

އަލްއުސްތާޛާ އައިޝާ ޝުޖޫން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އައިޝާ ޝުޖޫންއަކީ ބާރ ކައުންސިލްގެ މެމްބަރެކެއެވެ. އަދި ޝުޖޫން ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. ޝުކޫން ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި ބޭފުޅެކެވެ. ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވީ މަޖުބޫރީ ހާލަތްތަކެއް ކުރިމަތިވެވަޑައިގެންފައިވާކަމަށް ވިދާޅުވުމަށްފަހު 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއެކު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
78%
11%
11%
0%
0%
ކޮމެންޓް