ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 17:59
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވާހީދު ވާހަކަފުޅުދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވާހީދު ވާހަކަފުޅުދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޓޫރިޒަމް މިނިސްޓްރީ
ނަސަންދުރަ މައްސަލާގައި އަމަލުކުރާނެގޮތެއް ނިންމޭނީ އޭޖީގެ ލަފައެއް ލިބުމުން: އަލީ ވަހީދު
 
ނަސަންދުރަ ހުރި ބިން އިތުރު ބިމަކާއެކު ކުއްޔަށް ދިނީ ރައީސް ޔާމީނަށް ޅިޔަނު އެއްލައިދޫ މަނިކަށް

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާއެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމުގެ މައްސަލާގައި އަމަލު ކުރާނެ ގޮތަކާ މެދު އެޓާރނީ ޖެނެރަލް (އޭޖީ) އިން އަދި ލަފާ ދީފައި ނުވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީއަށް މިނިސްޓަރ އަލީ ވަހީދު ވަޑައިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެމައްސަލައިގައި ކުރިއަށް ދެވެން އޮތީ ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވައިގެން ކަމަށާއި އެއީ އެމައްސަލައިގައި ފަހުން އާބިޓްރޭޝަނަކަށް ދާންޖެހުނު ކަމުގައިވިއަސް ދައުލަތުގެ ފަރާތުން ވަކާލާތު ކުރާނީ ބަންޑާރަ ނައިބު ކަމަށްވާތީ ކަމަށެވެ. އެހެން ކަމުން ނަސަންދުރާ ކޮންޓްރެކްޓް މިހާރު އޮތްގޮތަށް އޭޖީގެ ލަފާއާއި ނުލައި ކުރިއަށް ގެންދަން އެ މިނިސްޓްރީއަށް ދަތިކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު އެގޮތަށް ވިދާޅުވުމުން ނަސަންދުރަ މައްސަލައިގައި ގޮތެއް ނިންމުން އަވަސްކުރަން ޓޫރިޒަމް މިނިސްޓްރީން އިތުރަށް މަސައްކަތް ނުކުރޭތޯ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ބަންޑާރަ ނައިބުގެ މަސައްކަތް ލަސްކަން ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ސަރުކާރުގެ 19 މިނިސްޓްރީގެ ކަންތައްތަކާއި ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހަށް ލަފާ ހޯދަން ދާނެކަމަށާއި އެހެން ކަމުން އެމަސައްކަތް ލަސް ކަމަށް ދެންނެވޭކަށް ނެތް ކަމަށެވެ.

ބަންޑާރަނައިބު އޮފީހަށް ދާނެ ސަރުކާރުގެ 19 މިނިސްޓްރީގެ ލަފާ ހޯދަން. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މުޅިއަކުން ބަންޑާރަނައިބުގެ މަސައްކަތް ލަސް ކަމަކަށް ނުދެންނެވޭނެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ނަސަންދުރަ 2010 އިން ފެށިގެން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ ފަހުން ނިޔާވެފައިވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. ގެލެކްސީ އެންޓަޕްރައިޒަސް އިން ހަދާފައިވާ އެއްބަސްވުން އުވާލައި ނަސަންދުރަ ހުރި ބިން، އިތުރު ބިމަކ އެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަސަންދުރަ ބިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން 2015 ވަނަ އަހަރު ހަވާލުކޮށްފައިވަނީ އެންޕީއެޗް އިންވެސްޓްމަންޓްސް އަށެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.

ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އެ އިމާރާތް މިހާރު ވެސް ހަދަމުން އަންނަނީ ސްރީލަންކާގެ ކުންފުނިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
75%
0%
0%
0%
0%
ކޮމެންޓް