ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 17:14
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ކްރިމިނަލް ކޯޓު
ޔާމީން ރަޝީދުގެ ޝަރީއަތް: ވަކީލުންގެ ކަންބޮޑުވުމާއިއެކު ހެކިބަސް ނެގުން އަންނަ ހަފުތާއަށް ފަސްކޮށްފި
 
މިމައްސަލައިގައި އެންމެ ފަހުން ހެކިބަސް ނަގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު

އަނިޔާވެރި, ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ މައްސަލާގައި ހެކިބަސް ނެގުން އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތަކީ ދެ ފުލުހެއްގެ ހެކިބަސް ނަގަން ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ހެކިވެރިން ހާޒިރު ކުރުމުގައި ދައުލަތުން އަމަލުކުރާގޮތާއިމެދު ދިފާއީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ދިފާއީ ވަކީލުން ވިދާޅުވީ ހާޒިރުކުރާ ހެކިންގެ މައުލޫމާތު އަޑުއެހުމުގެ ދެ ދުވަސް ކުރިން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ކޯޓުން ނިންމާފައިވަނިކޮށް ވެސް އެގޮތަށް ދައުލަތުން އަމަލު ނުކުރާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ހާޒިރުކުރި ދެހެކިވެރީންގެ ތެރެއިން އެކެއްގެ ހެކިބަސް ނަގަން ނިންމާފައިވާކަން ދައުލަތުން މައުލޫމާތުދީފައި ނުވާކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

އެގޮތުން ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތް އޮންނަކަން ކުއްލިއަކަށް އެންގުމުން އުނދަގޫތަކެއް ދިމާވާ ކަމަށެވެ. މައުމޫނު އެގޮތަށް ވިދާޅުވުމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ ވަކި ބައެއް ގެންނަން ކަނޑައަޅާފައި ނޯންނަ ކަމަށެވެ.

އެކަމާއި މެދު ވާހަކަ ދައްކަމުން ދައުލަތުން ބުނީ ހެކިވެރިން ޝަރީއަތަށް ހާޒިރުވާނެ ކަމަށް ބުނި ކަމުގައި ވިއަސް ދަތިތަކާއި ނުފޫޒުގެ ސަބަބުން ހާޒިރު ނުކުރެވޭ ކަމަށެވެ. ނުފޫޒު ފޯރުވަނީ ކޮން ފަރާތަކުން ކަމެއް ދައުލަތުން ނުބުނެއެވެ. އެހެން ކަމުން ދެން އަންނަ ދުވަހަކަށް ހުރިހާ ހެކިވެރިންގެ ހެކިބަސް ނެގުން ފަސް ކުރުމަށް ދައުލަތުން އެދުނެވެ. ދައުލަތުން އެހެން ބުނުމާއެކު ދިފާއީ ވަކީލު މައުމޫނު ވަނީ ނުފޫޒަކީ ކޮބާތޯއާއި އެކަން ފުލުހުންނަށް ނުބެލެނީ ކީއްވެތޯ ދައުލަތާއި ސުވާލު ކޮށްފައެވެ.

ދިފާއީ ވަކީލުންގެ އެކަންބޮޑުވުންތަކާއެކު މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ އަންނަ ހަފްތާއަށް އެމައްސަލައިގެ ހެކިބަސް ނެގުމަށް ފަސްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މިމައްސަލައިގައި އެންމެ ފަހުން ހެކިބަސް ނަގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް