ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 17:39
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލީސް
އިންޑިޔާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވާ ގަރާރު މަޖިލީހުން ފާސްކޮށްފި
 
މި ގަރާރަކީ އިންޑިޔާ ކަނޑުގައި ބޮޑުދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން އާންމުވެފައިވާތީ، އެކަން ހުއްޓުވުމަށް ހުށަހެޅުނު ގަރާރެއް
 
ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
 
މި ގަރާރަށް 69 މެމްބަރުން ވަނީ ތާއީދުކުރައްވާފައި

އިންޑިޔާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވާ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރަށް 69 މެމްބަރުން ވަނީ ތާއީދްކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް، 15 ޖުލައިގައި އޮތް މަޖިލިސް ޖަލްސާއަށެވެ. އެ ޖަލްސާގައި ގަރާރު މަޖިލީހަށް ބަލައިގަތުމުން، ގަރާރު އިތުރަށް ދިރާސާކޮށްފައިވަނީ އިގްތިސާދީ ކޮމިޓީންނެވެ.

މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައިގަނޑުތަކާއި ގުޅޭ އިތުރު ބަހުސްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ހުށަހެޅުނު ގަރާރެކެވެ. ބުދަ ދުވަހުގެ ޖަލްސާގައި މި ގަރާރު ފާސްކޮށްފައިވާއިރު، މަސްވެރިކަމާއި ބެހޭ ބިލް އިގްތިސާދީ ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.

މި ގަރާރަކީ އިންޑިޔާ ކަނޑުގައި ކުރެވޭ މަސްވެރިކަމުގައި ބޮޑުދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން އާންމުވެފައިވާތީ، އެކަމުގެ ސަބަބުން ކަންނެލީގެ ސްޓޮކް މަދުވެ، ދިވެހިރާއްޖޭގެ އިގްތިސާދަށާއި، މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވަމުން އަންނާތީ ހުށަހެޅުނު ގަރާރެކެއެވެ. މަސްވެރިކަމުގައި ދިވެހިރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި އުސޫލްތައް ކުރިއަރުވައި އެ އުސޫލްތަކާ ޚިލާފަށް އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރުން މަނާކުރުމަށާއި، އިންޑިޔާ ކަނޑުގައި ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާ ކުރުމަށާއި، ދެމެހެއްޓެނިވި އުސޫލުން ކުރެވޭ މަސްވެރިކަން ކުރިއެރުވުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަންއިން 2019 ވަނަ އަހަރުގެ ޖޫން މަހު އެކުލަވާލައި އާންމުކުރި ރިޕޯޓްގައި އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ. އެގޮތުން އެ ރިޕޯޓްގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމުގައި މަސްވެރިކަން ކުރާ ގައުމުތަކުން ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލްތަކަށް ބެލުމެއް ނެތި މަސްވެރިކަން ކުރުމާއި، މަސްވެރިކަމާއި ގުޅޭގޮތުން އެކުލަވާލެވިފައި ހުންނަ ބައިނަލްއަގްވާމީ އުސޫލްތަކާއި، ގައުމުތަކުގެ ގާނޫނުތައް އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވުމާއި، އެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއްވެސް ގާއިމްކުރެވިފައިނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ މިހާރު އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރަމުން ގެންދާ އުސޫލްތައް ބަދަލުކޮށް، މަސްވެރިކަން ކުރާ މިންވަރު އެކަށީގެންވާ މިންވަރަށް ދަށް ނުކުރެވޭނަމަ، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެ، މުޅި ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމަށެވެ.

ގަރާރުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް:

މަސްވެރިކަން ކުރާ މިންވަރު މިހާރަށްވުރެ ދަށްކުރުމަށްޓަކައި، މަސްވެރިކަން ކުރުމުގައި ދިވެހިރާއްޖެއިން އިންޑިޔައަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުން

އިންޑިއާ ކަނޑުގައި ބޮޑުދާޖަހައިގެންނާއި އޮޔާދާ ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމުގައި ހަމަޖެއްސުމަށާއި، އެކަން ތަންފީޒްކުރެވޭނޭ އުސޫލްތައް އެކަށައެޅުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުން

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އިން އެއްބަސްވެފައިވާ ގޮތުގެ މަތިން ބޮޑުދާ ޖަހައިގެން މަސްވެރިކަންކުރާ އުޅަނދުތަކުން ދޫކުރާ އޮޔާދާ އޮއިވާލި ކަނދުފަތި ހުއްޓުވުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުން

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލި މަދުކުރުމަށް އޮއިވާލި ކަނދުފަތިތައް ކައިރިން މަސްވެރިކަން ކުރުމުގެ ބަދަލުގައި އައިންމަތީ މަސްއައިނުން މަސްވެރިކަން ކުރުމަށް ހިތްވަރުދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބަލައި، ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެވި އުސޫލުން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަށް ގޮވާލައި، އެކަން ތަންފީޒް ކުރުން

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް