ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 15:01
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މަޖިލިސް
މަޖިލިސް
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ބިދޭސީން ވިޔަފާރި ކުރުމާ ގުޅޭ އިސްލާހެއް ނޫން: މިނިސްޓަރ ފައްޔާޒު
 
މި ގާނޫނަކީ ބިދޭސީ ވިޔަފާރި ރެގިއުލޭޓް ކުރުމަށް ހެދި ގާނޫނެއް ނޫން ކަމަށް ވިދާޅުވި
 
މި މައްސަލައަށް ހައްލެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވި
 
މިނިސްޓަރ ވިދާޅުވީ ބިދޭސީން ވިޔަފާރިކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިން ކަމަށް

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމާ ގުޅޭ އިސްލާހުތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނުއިރު, މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ބިލާއި ގުޅޭގޮތުން މެމްބަރުންގެ ޚިޔާލު ހުރިގޮތް ބައްލަވާލެއްވުމުގެ ފުރުސަތު މަޖިލީހުން މިނިސްޓަރަށް ދެއްވުމުން މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުވެފައެވެ. އެގޮތުން މިނިސްޓަރ މިހެން ވިދާޅުވީ މެމްބަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބިލުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން ވަނުމަށް މަގުފަހިވުމަކީ ގިނަ މެމްބަރުންގެ ކަންބޮޑުވުމެކެވެ. މެމްބަރުން މިގޮތަށް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މި ބިލުގެ ހަ ވަނަ މާއްދާގައިވާ، ފޮރިން އިންވެސްޓްމަންޓާއި ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން، ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ހިންގޭނެ ކަމަށް އޮތް އޮތުމާއި ގުޅިގެންނެވެ.

އެ ބިލާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ ކަންބޮޑުވާ މައްސަލައަކަށް ވީނަމަވެސް މި ބިލުގައިވާ އިސްލާހެއްގެ ސަބަބުން އެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީން ވިޔަފާރިކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިން ކަމަށެވެ. މިހާރު ވެސް ބިދޭސީން ކުދި ވިޔަފާރިތައް ކުރަމުން ދަނީ ދިވެއްސެއްގެ ނަމުގައި ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލައަކީ ކުއްލިއަކަށް ހައްލު ހޯދޭނެ މައްސަލައެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" މިހާރުވެސް ވިޔަފާރިއެއް ބިދޭސީން ކުރަނީ ގާނޫނާ ޚިލާފަށް ކުރާ ވިޔަފާރި. އަޅުގަނޑުމެންނަށް އެ ކަމަށް ހައްލު ހޯދަން އެތައް މަސައްކަތްތަކެއް ކުރަމުން މިދަނީ. އަޅުގަނޑުމެންނަކީ ޖާދޫގަރުން ކަމަށް ނުވާތީ ކުއްލިއަކަށް ހުރިހާކަމެއް ނިންމާ ނުލެވިގެން މިއުޅެނީ. ވަރަށް ބުރަ މަސައްކަތްތަކެއް، ވަރަށް ގިނަ ދިރާސާތަކެއް ކުރަމުން ވަރަށް ގިނަ އެކި އެކި އަޅުގަނޑުމެން ނަގާ އެކްޝަނުން އެހެން ފަރާތަކަށް ލިބޭނީ ކޮންކަހަލަ ގެއްލުމެއްތޯ ފައިދާއެއްތޯ ހުރިހާ އެއްޗެއް ބަލައިގެން އޭގެ މެދު މިންގަނޑަކަށް އައިސްގެން އޭގެ ކަންކަން ކުރަން ވެގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ"
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

މި މައްސަލައަށް ހައްލެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޓްރެކް ކުރާނެ ގޮތްތައް ދެނެގަނެ، ފައިސާ ޖަމާވަނީ ވެރިފަރާތުގެ ނަމުގައިތޯ ނުވަތަ އެހެން މީހެއްގެ ނަމުގައިތޯ ބަލައި ،ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް ފޮރިން އިންވެސްޓްމަންޓާ ބެހޭ ވަކި ގާނޫނެއް އޮންނަ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް