ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 13:19
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީސް
އިނާޔަތް ކަނޑާލި ގާނޫނު ބަދަލުކުރީ ކުރީގެ ރައީސަކަށް އަމާޒުކޮށް: ނަޝީދު
 
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށައެޅުއްވީ ޝަހީމް
 
މަޖިލީހުގެ ރައީސްއަށް ވެވަޑައިގަތުމުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތް އުނިކުރަން ހުށައެޅުއްވި
 
އެއްވެސް ރައީސަކަށް ދިމާވެލައްވަން ބޭނުންފުޅުވާ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އަމާޒުކޮށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށައެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރުއަބްދުލް ޝަހީމްއަބްދުލް ހަކީމެވެ.

2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އެ އިސްލާހުގައިވާ ގޮތުން ރައީސްކަން ކުރެއްވި ފަރާތަކަށް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެއެވެ. އަދި އޭގައިވާގޮތުން ކުރީގެ ރައީސުން ވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެގާނޫނުގެ ދަށުން އިނާޔަތްތައް ނުލިބޭނެއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ އިސްލާހު ގެނެސްފައި ވަނީ ރައީސްކަން ކުރެއްވި ވަކި ރައީސަކަށް އަމާޒުކޮށް ފާސްކުރި އިސްލާހެއް ކަމަށާއި އެގާނޫނު އިސްލާހު ކުރުމުގެ ކުރިން އޮތް ގޮތަށް ހެދުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީ ލިޔެފައިވާ ރޫހެއް ނޫން ކަމަށާއި ކުރިން އޮތްގޮތަށް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ދޭން ގާނޫނުގައި އޮތް ގޮތަށް ބަދަލުކުރަން ސަރުކާރުން ހުށައަޅާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ރައީސަކަށް ދިމާވެލައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައި ދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވައިދުތައް މުރާޖާކޮށް ކަމާއި ބެހޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަށް ގެނައުމަކީ އަޅުގަނޑުމެން މި ސަރުކާރުން ވެފައިވާ ވައުދެއްކަމުގައި ވާތީވެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހެއް މި ގެނެވެނީ. އެނގިވަޑައިގަންނަވާނެ އެ ގާނޫނަށް ވެފައި އޮތް ގޮތަކީ ކުރީގެ ރައީސަކަށް އަމާޒު ކޮށް އެގާނޫނު އޮތީ ބަދަލު ކޮށްފައި. ބަދަލުކޮށް އެރައީސްގެ އިނާޔަތާއި ރައްކާތެރިކަން ލިބި ނުދީ އޮތީ ހިފަހައްޓާފައި. އެހެންވީމަ މިބާވަތުގެ ކަންކަން އެއްވެސް ރައީސަކާއި ގުޅޭގޮތުން ދިމާވުމަކީ އަޅުގަނޑު ހިތުން ރާއްޖޭގެ ގާނޫނު އަސާސީ މިހާރު ލިޔެފައި އޮތް ރޫހެއް ނޫން. އެހެންވީމާ މި ބިލަށް އިސްލާހު މި ގެނެވެނީ. އިސްލާހު މި ގެނެވެނީ މި ދެންނެވި ބަދަލު ގެނައުމަށް ފަހު އަނެއްކާވެސް އެ ގާނޫނު ކުރީގައި ހުރި ގޮތަށް ރުޖޫއަ ކުރުމަށް.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި، އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާއެވެ.

އެ އިނާޔަތްތައް ދައުލަތުން ރައީސް ނަޝީދަށް އަލުން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކުރުމުންނެވެ.

މަޖިލީހުގެ ރައީސްއަށް ވެވަޑައިގަތުމުން އެމަނިކުފާނަށް މަޖިލީހުގެ ރައީސްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 73،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންކަމުން ދައުލަތުން ރައީސް ނަޝީދަށް ކޮންމެ މަހަކު ދޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ 245،125 ރުފިޔާއަށް އަރާނެ އެވެ.

ނަމަވެސް ލިބިވަޑައިގަންނަވާ ބައެއް އިނާޔަތްތައް އުނިކޮށްދެއްވުމަށް ފިނޭންސް މިނިސްޓްްރީއަށް އެމަނިކުފާނު ވަނީ ހުށައަޅުއްވާފައެވެ. އިނާޔަތްތަކުގެ ތެރެއިން އުނިކޮށްދެއްވުުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000 ރުފިޔާއާއި، އެކޮމޮޑޭޝަންގެ ގޮތުގައި ލިބިވަޑައިގަންނަވާ 10،000 ރުފިޔާ އެވެ. އެއީ ޖުމްލަ 85000 ރުފިޔާ އެވެ. އެ އަދަދު އުނިކޮށްފިނަމަ ދެން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ޖުމްލަ 160،125 ރުފިޔާ އެވެ.

އެގާނޫނު އެގޮތަށް އޮތްކަމުގައިވާނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑަރިން ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވެއްޖެނަމަ އެގާނޫނުގެ ދަށުން އެމަނިކުފާނަށް ވެސް އެ އިނާޔަތްތައް ލިބިވަޑައި ނުގަންނަވާނެއެވެ.

ރައީސް ނަޝީދަށް އަމާޒުކުރައްވައި 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ވެސް ގެނެސްފައެވެ. އެގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ނުލިބޭނެ ކަމަށެވެ. އެ ގާނޫނު ފާސްކުރިއިރު ރައީސް ނަޝީދު އޭރު ހުންނެވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި 13 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
55%
9%
27%
0%
9%
ކޮމެންޓް
21 އޯގަސްޓް 2019 | ބުދަ 10:35
ލަގްޒަރީ
އޭރު ދިއްދޫ ދާއިރާގެ މެންބަރު ލަތީބެ ހުށަހެޅުއްވި ބިލެއްތީ މެމްބަރަކަށް ނުވީތީ ނަސީބެއް ނޫން
21 އޯގަސްޓް 2019 | ބުދަ 10:26
ހިހިހި
އެގާނޫނު އެގޮތަށް އޮތްކަމުގައިވާނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑަރިން ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވެއްޖެނަމަ އެގާނޫނުގެ ދަށުން އެމަނިކުފާނަށް ވެސް އެ އިނާޔަތްތައް ލިބިވަޑައި ނުގަންނަވާނެއެވެ.
21 އޯގަސްޓް 2019 | ބުދަ 10:24
ނޯ ކޮމެންޓް
ކޮންމެ މީހަކަށްވެސް ޤާނޫނު އަރާ ހަމަކުރާނެ. މިއަދު މީ ނަޝީދުގެ ދުވަސް، ކިހާ ހިތްތިރިތަ ޔާމީން ޖަލަށްލުމުގެ ކުރިން އޭނާއަށް އިނާޔަތް ލިބޭ ގޮތަށް ބަދަލު ކުރަން އެ އުޅެނީ
21 އޯގަސްޓް 2019 | ބުދަ 10:23
ޑިމޮކްރަސީ
ރަނގަޅޭ. ޔާމީނަށް އެއްޗެއް ވިސްނިދާނެއްނު. ލޮލް