ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 15:41
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
ޓްވިޓަރ
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ ހިންގުމުގައި ހުރި ދަތިތައް މަޖިލީހާ ހިއްސާކުރައްވައިފި
 
ހިޔާގެ އިމާރާތުގެ ދަތިކަން ފާހަގަކުރެއްވި
 
މިނިސްޓަރގެ އެއްބާރުލުން ލިބޭކަން ފާހަގަކުރެއްވި
 
މުވައްޒަފުންގެ ދަތިކަން ފާހަގަކުރެއްވި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާތަން ކަމަށްވާ ކުޑަކުދިންގެ ހިޔާ ހިންގުމުގައި ހުރި ދަތިތައް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި ހިއްސާ ކުރައްވައިފިއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރެއްވީ ހިޔާގެ ޑިރެކްޓަރ ފާތިމަތު ޝިއުނާއެވެ.

ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި މިވަގުތު 45 ކުދިން ތިބިއިރު، ޝިއުނާ ވިދާޅުވީ، އެކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ މުވައްޒަފުން ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ޝިއުނާ ވިދާޅުވީ، ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން މަރުކަޒު ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި 25 ފިރިހެން ކުދިން ހިމެނޭއިރު، އެ ކުދިންގެ ކަންކަން ބަލަހައްޓަން ތިބީ އެންމެ 5 ފިރިހެން މުވައްޒަފުން ކަމަށެވެ.

އޭގެ އިތުރުން، މިއަހަރުވެސް ސިވިލް ސަރވިސް ކޮމިޝަނާއި، ފިނޭންސް މިނިސްޓްރީއާ ގުޅިގެން އިތުރު 10 މަޤާމެއް އުފައްދާފައިވާ ކަމަށާއި، ނަމަވެސް އަދިވެސް 24 މުވައްޒަފުން ބޭނުންވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ލަފާދީފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ، އެކި ސަބަބުތަކާހުރެ ހިޔާގައި ކުދިން މަރުކަޒު ކުރެވޭ ކަމަށާއި، ހިޔާގައި މަރުކަޒު ކުރެވޭ ކުދިންގެ ތެރޭގައި ކުށުގެ ވެށިން ގެނެވޭ ކުދިންނާއި، އާއިލާގެ އިހުމާލުން ގެނެވޭ ކުދިންނާއި، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންވެސް ތިބޭއިރު، އެ ހުރިހާ ކުދިން އެއް ތަނެއްގައި މަރުކަޒު ކުރުމަކީވެސް އޮތް ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ޝިއުނާ ވިދާޅުވީ، އެކި ސަބަބުތަކާހުރެ ގެނެވޭ ކުދިން ވަކިން މަރުކަޒު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާންޖެހޭ ކަމަށާއި، އެ ކުދިން އެއް ތަނެއްގައި ގެންގުޅެން ޖެހުމުގެ ސަބަބުން އެކިކަހަލަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލަތައް ހައްލުކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީގެ އެކަށީގެންވާ އެއްބާރުލުން ލިބޭ ކަމަށާއި، ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް މިނިސްޓަރ ޝިދާތާ ޝަރީފް ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަންވެސް ޝިއުނާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ހިޔާގެ 2 އިމާރާތެއް ހިންގަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިން ބަހައްޓާ ތަން ކަމަށްވާ އަމާންހިޔާއާއި، ފިިރިހެން ކުދިން ބަހައްޓާ ތަން ކަމަށްވާ ހިޔާއެވެ. އެގޮތުން މިތަންތަން ބެލެހެއްޓުމުގައި ހުރި ދަތިތައް ޝިއުނާ ހިއްސާ ކުރައްވާފައިވާއިރު، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޓީގެ މެމްބަރުން ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް