ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
މަގޭ ރިޕޯޓް

ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނެތް، ކަންކަން ހަލުވި ކުރަންޖެހޭ!

  • މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރަށް
  • މިނިވަން މުއައްސަސާތަކަށް އަންނަންޖެހޭ ބަދަލުތައް ލަސް
  • ރައްޔިތުން އުންމީދުކުރާ މިންވަރާ ގާތަށް ކަންކަމެއް ނުހިނގާ

ކ. މާލެ | 19 އޯގަސްޓް 2019 | ހޯމަ 10:32 | 35,234

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރަށް - މަޖިލިސް

ރިޔާސީ އިންތިޚާބުގެ ކުރިން އިންސާފު ލިބޭނެ ކަމާއި އަނިޔާވެރިކަން ނިމޭނެ ދުވަހަކަށް ރައްޔިތުން ތިބީ ކެތް މަދުވެފައެވެ. މިނިވަންކަން ގެއްލިފައިވާ މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ހަމަމަގަށް އެޅުވޭނެކަމުގެ ފޮނި އުއްމީދުގައެވެ. އުއްމީދީ ރަނގަޅު ބަދަލުތަކެއް ލިބޭނެކަމުގެ ފޮނި ހުވަފެންތަކުންނެވެ.

މިސަރުކާރަށް ނުވަ މަސް ދުވަސްވެފައިވާއިރު އެކަންތައްތައް ހަލުވި ކަމާއެކު ކުރިއަށް ނުދާތީ ކަންބޮޑުވުންތައް އެބަހުއްޓެވެ.

މިނިވަން މުއައްސަސާތަކުގެ ޒިންމާއަކީ ނުފޫޒުން އެއްކިވާވެތިބެ ސަރުކާރަށް ފާރަވެރިވެ ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ނެގެހެއްޓުން ކަމަށްވާތީ އެ މުއައްސަސާތަކުގެ ކަންތައްތައް އަވަސް މިނެއްގައި ކުރިއަށް ނުދާ ކަމުގެ ޝަކުވާ ބޮޑެވެ.

ވޭތުވެދިޔަ ފަސްއަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ފަރާތްތަކާއިމެދު ދައުވާތަށް ކުރެވި އޭރުގެ ސަރުކާރު ބޭނުންވާ މީހަކާ ދެކޮޅަށް ސިޔާސީ ބޭނުމަށް ތަފާތު ދައުވާތައް ކުރަމުން ގެންދިޔަ އެވެ. ދައުލަތުގެ ގިނަ މުއައްސަސާތަކެކޭ އެއްގޮތަށް ދައުލަތް ތަމްސީލު ކުރާ ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ފެނިގެން ދިޔައީ ސިޔާސީ ވެފައި ވަނިކޮށެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފަހުން ކުރި ދައުވާތައް އަނބުރާ ގެނެސް އެއީ ކުރަން ނުޖެހޭ ދައުވާތަކެއްކަމަށް ބުނެ އެދައުވާތަށް އަނބުރާ ނަގަން ފެށީއެވެ. އެކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ސްޓޭންޑް ބަދަލުކުރި ނަމަވެސް، ޕީޖީ ކަމުގައި އަދިވެސް ހުންނެވީ ނުހައްގުން އެތައް ބައެއްގެ މައްޗަށް ސިޔާސީ ދައުވާ ކުރި ޢާއިޝަތު ބިޝާމްކަން ރައްޔިތުން ހަނދާނެއް ނުނެތެއެވެ. ބިޝާމް ކުރި ދައުވާތަކާއި ގުޅިގެން ސަރުކާރު ފެށުނުތަނާ ހެން އިތުބާރުނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން މަޖިލީހަށް ވެއްދިއެވެ. އޭރު އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި ނެތްކަމަށް ބުނެ މައްސަލަ ބޭއްވީއެވެ.

އިންތިޚާބުގެ ކުރިން އިތުބާރު ނެތްކަމަށް ބުނި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނަށް ދީފައިވާ އަނިޔާއާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ އަޅާނުލި ހިއުމަން ރައިޓްސް ކޮމިޝަނާއި ބޭނުން ހާ ގޮތަކަށް މީޑިއާއާއި މެދު ކަންތައް ކުރި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ އިތުބާރު ނެތް ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުގައި ވެސް އެ ފަރާތްތައް ހަމަ އެ ގޮތުގައި ދެމިތިބެނީއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތް ދޮވެލާ ވާހަކަ އާއި ކަރަޕްޝަން އިންތިހާއަށް އޮތް ކަމަށް ރައްޔިތުން ގޮވާ ހެދި އިރުވެސް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)އޮތީއެވެ. މައްސަލަތައް ފެންމަތިވެ މައްސަލަތައް ފެންނަން ފެށީ މި ސަރުކާރު ވެރިކަމަށް އައިފަހުންނެވެ. ނުވިތާކަށް އޭރުގެ ސަރުކާރާއި ދެކޮޅަށް މިހާރު ހެކިބަސް ވެސް ދޭން ފެށީއެވެ.

ބައެއް ކުންފުނިތަކަށް ވެރިންނާއި ބޯޑުތަކަށް އަދިވެސް މެންބަރުން އައްޔަންކުރެވިފައިނުވާ އިރު އެތަންތަން ހިންގަން އަދިވެސް ތިބީ ކުރީ ސަރުކާރުގައި ބޮޑެތި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކެވެ.

މާޒީގައި ހިނގާ ދިޔަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުން ބޭނުންވަނީ ނިގުޅައިގަނެފައިވާ ހައްގުތައް ލިބުމެވެ. މިނިވަންކަން ގެއްލިފައިވާ ކޮމިޝަންތައް ބަދަލުވެ ސަރުކާރު ޖަވާބު ދާރީކުރުމަށް ހުރި މަގުތައް ހުޅުވިގެންދާނެ ވަގުތަކަށެވެ.

އެންމެ މުހިއްމީ ރައްޔިތުންގެ އިތުރުބާރު މުއައްސަސާތަކަށް ދެމިއޮތުމެވެ. ބޭނުން ވަނީ ނުފޫޒަށް ނުގުޑާ އިޚްލާސްތެރިން މުއައްސަސާތަކުގައި ތިއްބެވި ކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމެވެ. މުއައްސަސާތަކަށް ރައްޔިތުން ތުހުމަތު ކުރާ އެ ޖަރީމާތައް ފޮރުވައި ފަސް އެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ނުދިނުމެވެ. އެކަމުގައި ސަރުކާރަށް މިހާރު ދެއްކޭނެ ބަހަނާއެއް ނެތެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އިރު ސަރުކާރަށް އެއީ ކުރަން އުނދަގޫ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.