ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 08:17
ވިޔަފާރީގެ ބޭނުމަށް ޜާއްޖޭގައި މިޔަރާއި މަޑީގެ މަސްވެރިކަން ކުރުން މަނާ
ވިޔަފާރީގެ ބޭނުމަށް ޜާއްޖޭގައި މިޔަރާއި މަޑީގެ މަސްވެރިކަން ކުރުން މަނާ
މުހައްމަދު ޝަރުހާން
މިޔަރު އަދި މަޑި ހިމާޔަތްކުރުން
އިތުރު ތިން ވައްތަރެއްގެ މަޑި އާއި މިޔަރުގެ ބާވަތް ހިމާޔަތްކުރެވިފައިވާ ލިސްޓުގައި ހިމަނަށް ރާއްޖެއިން ތާއީދުކޮށްފި
 
ރާއްޖޭގައި 50 އަށް ވުރެ ގިނަ ވައްތަރުގެ މިޔަރާއި މަޑި ދިރިއުޅޭ
 
މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ހިމާޔަތްކުރެވިފައިވާ ލިސްޓުގައި ސިލްކީ ޝަރކް (އައިނު މިޔަރު) އާއި ތްރެޝަރ ޝަރކް (ކަނޑި މިޔަރު) އަދި މޮބިއުލާ ރޭ ކާމިޔާބުކަމާއި އެކު ހިމަނާފައި
 
ސައިޓްސްގެ ލިސްޓުގައި ހިމަނަން ރާއްޖެއިން ތާއީދުކުރީ މެކޯ ޝަރކް (ވޮށިމަސް މިޔަރު) ޖަޔަންޓް ގިޓަރފިޝް އަދި ވެޖްފިޝް

ހިމާޔަތް ކުރެވިފައިވާ މަސްތަކުގެ ލިސްޓަށް މަޑި އާއި މިޔަރު އާއިލާއަށް ނިސްބަތްވާ ތިން ވައްތަރެއް ހިމެނުމަށް ރާއްޖެއިން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން މިހުށައެޅުމަށް ތާއީދުކުރީ، މިމަހު ބާއްވަން ހަމަ ޖެހިފައިވާ ކޮންވެސްޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖަރޑް ސްޕީޝީސް (ސައިޓްސް) ގެ ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ގެ 18 ވަނަ ބައްދަލުވުމުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. ރާއްޖޭގެ ފަރާތުން އެކޮންފަރެންސްގައި ބައިވެރިވެލައްވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަސީރު އެވެ. ސައިޓްސްގެ ލިސްޓުގައި ހިމަނަން ރާއްޖެއިން ތާއީދުކުރީ މެކޯ ޝަރކް (ވޮށިމަސް މިޔަރު) ޖަޔަންޓް ގިޓަރފިޝް އަދި ވެޖްފިޝްއެވެ.

އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.އަބްދުﷲ ނަސީރު ވިދާޅުވީ، މި ތިން ބާވަތުގެ މަސް ހިމާޔަތްކުރަން ރާއްޖެއިން ތާއީދުކުރީ އެ މަސްތަކުގެ އުރަހައަށް އޮތް ޑިމާންޑު ބޮޑުވުމާއި ގުޅިގެން އެ މަސްތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި އޮތުމާއި ގުޅިގެން ކަމަށެވެ. އޭގެ ތެރެއިން ވެސް ޖަޔަންޓް ގިޓަރފިޝް އަދި ވެޖްފިޝް އަކީ މިހާރު ވެސް ކްރިޓިކަލީ އެންޑެންޖަރޑް (ނެތިހިނގައިދާނެކަމުގެ ބިރު އެންމެ ބޮޑު) ލިސްޓުގައި ހިމެނޭ ދެ ބާވަތުގެ މަޑި ކަމަށް ޑރ.ނަސީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ވޮށިމަސް މިޔަރަކީ ވެސް އޭގެ އުރަހައާއި މަހަށް އޮތް ޑިމާންޑު ބޮޑުވުމާއި ގުޅިގެން މިފަހުން ހެދި ދިރާސާތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެންޑެންޖަރޑް އަދި މެޑިޓްރޭނިއަން ކަނޑުގެ ސަރަހައްދުން ކްރިޓިކަލީ އެންޑެންޖަރޑް މަހުގެ ބާވަތެއްގެ ގޮތުގައި ފާހަގަކުރެފައިވާ ކަމަށް ވެސް ޑރ. ނަސީރު ވިދާޅުވިއެވެ. ބޮޑެތި އަދަދުތަކުން މި ބާވަތުގެ މިޔަރު ބާނަމުން އަންނަ އިރު، އަހަރެއްގެ މައްޗަށް މިލިއަނެއްހާ ވޮށިމަސް މިޔަރު ބާނައެވެ. މިއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވަމުން ޑރ.ނަސީރު ވަނީ މިކަން ހުއްޓުވަން ސަރަހައްދީ ފެންވަރުގައި ވެސް އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެއްވެސް ކަހަލަ ފިޔަވަޅުތަކެއް އެޅިފައި ނެތް ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބާވަތްތައް ސައިޓްސްގެ ހިމާޔަތް ކުރެވިފައިވާ މަހުގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނުމުން، މި ބާވަތްތަކުން ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރާ ވިޔަފާރިއަކީ ދެމެހެއްޓެނިވި ވިޔަފާރިކައަށް ވެ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ވެސް މި މަސްތަކުގެ އާބާދީ ބެލެހެއްޓޭނެ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ. މި ބާވަތްތައް ހިމާޔަތް ކުރަން ބޭނުންވަނީ އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ ދިރުން ދެމެހެއްޓުމަށް ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

މީގެކުރިން ވެސް ރާއްޖެއިން ވަނީ ސައިޓްސްގެ ލިސްޓުގައި މިޔަރު ދެ ބާވަތަކާއި މަޑީގެ ބާވަތެއް ކާމިޔާބުކަމާއި އެކު ހިމަނާފައެވެ. އެގޮތުން 2016 ވަނަ އަހަރު ރާއްޖެއިން އިސް ނަގައިގެން ލިސްޓުގައި ހިމަނާފައިވަނީ ސިލްކީ ޝަރކް (އައިނު މިޔަރު) އާއި ތްރެޝަރ ޝަރކް (ކަނޑި މިޔަރު) އަދި މޮބިއުލާ ރޭ އެވެ.

ރާއްޖޭގައި 50 އަށް ވުރެ ގިނަ ބާވަތުގެ މިޔަރާއި މަޑި ދިރިއުޅޭ އިރު، 2010 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ ބޭނުމަށް، ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެއްވެސް ބާވަތެއްގެ މިޔަރާއި މަޑީގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް